Roadha Mihaaru
ނިއު އަށް ފިޔަވަޅު އެޅީ ބާރެއް ނަހަމަ ގޮތުގައި ބޭނުންކޮށްގެން: ޝާހު

ނިއު އަށް ފިޔަވަޅު އެޅީ ބާރެއް ނަހަމަ ގޮތުގައި ބޭނުންކޮށްގެން: ޝާހު

27 ޖެނުއަރީ 2019

ނިއު ރޭޑިއަންޓް ސަސްޕެންޑްކުރަން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ނިންމީ، ލިބިދޭ ބާރެއް ނަހަމަ ގޮތެއްގައި ބޭނުންކޮށްގެން ކަމަށާއި، ޒާތީ ތައައްސަބުން ފުރިފައިވާ އެ އަމަލުން ލިބިވަޑައިގަތީ ވަރަށް ބޮޑެއް ޝޮކެއް ކަމަށް އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި ނިއުގެ ކުރީގެ ފޯވާޑް ޝާހު އިސްމާއިލް (ސާޔާ) ވިދާޅުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ނިއު ރޭޑިއަންޓް ސަސްޕެންޑްކުރަން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ނިންމީ، ލިބިދޭ ބާރެއް ނަހަމަ ގޮތެއްގައި ބޭނުންކޮށްގެން ކަމަށާއި، ޒާތީ ތައައްސަބުން ފުރިފައިވާ އެ އަމަލުން ލިބިވަޑައިގަތީ ވަރަށް ބޮޑެއް ޝޮކެއް ކަމަށް އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި ނިއުގެ ކުރީގެ ފޯވާޑް ޝާހު އިސްމާއިލް (ސާޔާ) ވިދާޅުވެއްޖެ އެވެ.

އެފްއޭއެމުން އިއްޔެ ނިއު ސަސްޕެންޑްކުރީ 10 ކުޅުންތެރިއަކަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށް ބުނެ އެވެ. އެކަމަކު އެހެން ކްލަބްތަކުގައި ވެސް އެ މައްސަލަ ދިމާވެފައި އޮއްވާ، ކުއްލި ގޮތަކަށް ނިއު ސަސްޕެންޑްކުރަން ނިންމީ އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެ ކްލަބުން ހުށަހަޅަން އުޅޭތީ ޒާތީކޮށް އެކަން ނަގައިގެން ކަމަށް ކްލަބުން ބުނެ އެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 14 ވަނަ މާއްދާގައި ބުނާ ގޮތުން އެފްއޭއެމްގެ މެމްބަރު ކްލަބެއް ސަސްޕެންޑްކުރުމުގެ ބާރު ލިބޭނީ ކޮންގްރެސް އަށް ކަމަށެވެ. އެކަމަކު މެމްބަރު ކްލަބަކުން މެމްބަރެއްގެ ގޮތުގައި އަމަލުކުރަން ޖެހޭ ކަންކަމާ ސީރިއަސް ނުވަތަ ތަކުރާރުކޮށް، ހިލާފުވާނަމަ، ވަގުތުން ވަގުތަށް ސަސްޕެންޑްކުރެވިދާނެ އެވެ.

ޝާހު ވިދާޅުވީ އެއީ އެގްޒެކެޓިވް ކޮމިޓީއަށް ލިބިދޭ ބާރަކަށްވީ ނަމަވެސް، ކްލަބަކާއި ކުޅުންތެރިއަކާ ދެމެދު އުފެދޭ މައްސަލަތައް ހައްލުކުރަން ޖެހޭނީ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ކަމަށާއި އެ ކޮމިޓީން ނިންމާ ނިންމުމަކާ ކްލަބުން ހިލާފުވެއްޖެ ނަމަ، ފިޔަވަޅު އަޅަން ޖެހޭނީ ޑިސިޕްލިނަރީ ކޮމިޓީން ކަމަށެވެ. އެހެންވެ ކްލަބަކާއި ކުޅުންތެރިއަކާ ދެމެދު ޖެހުނު މައްސަލައެއްގައި، އަސާސީ ގަވާއިދުގެ އެ މާއްދާ ބޭނުންކޮށްގެން ކްލަބެއް ސަސްޕެންޑްކުރުމުގެ ބާރެއް އެގްޒެކެތިވް ކޮމިޓީއަށް ނޯންނާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އަދި އެފަދަ މައްސަލަތަކުގައި، އެގްޒެކެޓިވް ކޮމިޓީން އެ ބާރުގެ ބޭނުންކޮށްގެން ކްލަބްތައް ސަސްޕެންޑްކުރަން ފަށައިފި ނަމަ ރާއްޖޭގެ އެއްވެސް ކްލަބެއް ސަލާމަތުން ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކްލަބަކުން ކުޅުންތެރިއަކަށް މުސާރަ ނުދީގެން މައްސަލަ ހުށަހަޅައިފި ނަމަ ބަލަން ޖެހޭނެ. އެކަމަކު ޕްލޭޔޭ ސްޓޭޓަސް ކޮމިޓީން ބަލާފައި ވަކި މުއްދަތެއްދީފައި އަންގަން ޖެހޭނީ އެ ފައިސާ ދައްކަން. އެކަން ތަންފީޒްކުރުވާނީ އެފްއޭއެމްގެ ސެކްރެޓިއޭޓުން. އަދި އެ މުއްދަތުގައި އެ ފައިސާ ނުދައްކައިފި ނަމަ، ޕްލޭޔާ ސްޓޭޓަސް ކޮމިޓީން، ޑިސިޕްލިނަރީ ކޮމިޓީގައި އެދޭނީ ފިޔަވަޅު އަޅައިދޭން. އެ ހިސާބުން ޑިސިޕްލިނަރީ ކޮމިޓީން ކްލަބަކަށް އަދަބު ދޭނީ. މިސާލަކަށް ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްކުރުން ފަދަ އަދަބެއް،" ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ފުޓްބޯޅަ އެޑްމިނިސްޓްރޭޓަރު ވިދާޅުވި އެވެ.

އެ ހުރިހާ މަރުހަލާތަކެއް އޮއްވާ، އަދި މުސާރައިގެ މައްސަލަ ވަރަށް ގިނަ ކްލަބްތަކެއްގައި ޖެހިފައި އޮއްވާ ހަމައެކަނި ނިއު ސަސްޕެންޑްކުރުމަކީ، ޝާހު ވިދާޅުވި ގޮތުގައި ޒާތީ ތައައްސަބުން ފުރިފައިވާ އަމަލެކެވެ. އަދި އެއީ އެ ކްލަބުން އެފްއޭއެމްގެ ލީޑާޝިޕަށް ތުހުމަތުތަކެއްކޮށް އެ މައްސަލައިގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން މަސައްކަތްކުރާތީ، އެޅި ފިޔަވަޅެއް ކަމަށް ޝާހު ވެސް ދެކެވަޑައިގަންނަވަ އެވެ.

"ނިއު ރޭޑިއަންޓަށް އޮތް އިހުތިޔާރެއް އެފްއޭއެމްގެ އެކްސްކޯއާ މެދު ހިތްހަމަނުޖެހޭ ނަމަ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވަން މަސައްކަތްކުރުން. އެފްއޭއެމްއަށް އެ ކޮންގްރެސްގައި ފުރުސަތު ލިބޭނެ އެ ތުހުމަތުތަކުން ދިފާއުވާން. އެކަމަކު ފެނިގެން މިދިޔައީ ކޮންގްރެސް ބާއްވަން ހުށަހެޅި ކްލަބަށް އަދަބުދިންތަން، އަޅުގަނޑަށް ކަމުން ލިބުނީ ޝޮކެއް. މިއީ އެގްޒެކެޓިވް ކޮމިޓީއަށް ލިބިފައި އޮތް ބާރެއް ނަހަމަ ގޮތުގައި ބޭނުންކުރުން،" ޝާހު ވިދާޅުވި އެވެ.

މި ފިޔަވަޅު މި އެޅީ، އެގްޒެކެޓިވް ކޮމިޓީން ހުސްވި މެމްބަރުންތަކެއްގެ ބަދަލުގައި، ނިއުއާ ވާދަވެރި ދެ ކްލަބް ކަމަށްވާ މާޒިޔާ އާއި އީގަލްސްގެ ސީނިއާ އޮފިޝަލުންތަކެއް އެ ކޮމިޓީއަށް އައްޔަންކޮށްފައިވަނިކޮށެވެ. އެ މެމްބަރުން އައްޔަންކުރީ އެގްޒެކެޓިވް ކޮމިޓީންނެވެ.

ޝާހު ވިދާޅުވީ އެގްޒެކެޓިވް ކޮމިޓީން މަގާމެއް ހުސްވެއްޖެ ނަމަ މެމްބަރުން އައްޔަންކުރުމަކީ އެ ކޮމިޓީއަށް ލިބޭ ބާރެއް ނޫން ކަމަށެވެ. އިނގިރޭސި ބަހުން އޮތް އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ބުނާ ގޮތުގައި، މަގާމެއް ނުވަތަ 50 ޕަސެންޓާ ހަމަޔަށް މަގާމްތައް ހުސްވެއްޖެ ނަމަ، ކޮންގްރެސްގައި އަލުން މެމްބަރުން އިންތިހާބުކުރެވެންދެން، ކޮމިޓީން އެ މަގާމްތައް ފުރަން ޖެހޭނެ ކަމަށެވެ. ޝާހު ވިދާޅުވީ އޭގެ މާނައަކީ މިހާރު ތިއްބެވި މެމްބަރުންގެ އަދަދުން ކޯރަމް ހަމަކޮށް ކުރިއަށް ގެންދިއުން ކަމަށެވެ.

އެކަމަކު ދިވެހި ތަރުޖަމާގައި ބުނަނީ ކޮންގްރެސްގައި އަލުން މެމްބަރުން އިންތިހާބުކުރެވެންދެން، މި މަގާމަށް މީހަކު ހަމަޖައްސާނީ އެގްޒެކެޓިވް ކޮމިޓީން ކަމަށެވެ. އަސާސީ ގަވާއިދުގައި ބުނާ ގޮތުގައި ދެބަހުން ލިޔެފައިވާ އެއް ލިޔުމެއްގެ މާނަ ފުށުއަރައިފި ހިނދެއްގައި އިސްކަންދެވޭނީ އިނގިރޭސި ބަހުން ލިޔެފައިވާ ލިޔުމަށެވެ.