Roadha Mihaaru
އިންތިގާލީ އޮފީހަށް ބޯހިޔާވަހިކަމުގެ ގިނަ މައްސަލަތަކެއް

އިންތިގާލީ އިންސާފުގެ އޮފީހަށް ބޯހިޔާވަހިކަމާ ގުޅޭ ގިނަ މައްސަލަތަކެއް ހުށަހަޅައިފި

17 ޖުލައި 2021

އިންތިގާލީ އިންސާފުގެ އޮފީހަށް މިދިޔަ މަހެއްހާ ދުވަހު 59 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައި ބޯހިޔާވަހިކަމުގެ މައްސަލަތައް ކަމަށް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އިންތިގާލީ އިންސާފުގެ އޮފީހަށް މިދިޔަ މަހެއްހާ ދުވަހު 59 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައި ބޯހިޔާވަހިކަމުގެ މައްސަލަތައް ކަމަށް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފި އެވެ.

މިދިޔަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެ އޮފީހުން ހުޅުވައިލީ، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ކިބައިން ނުވަތަ މަސައްކަތް ކުރަމުން އަންނަ މީހެއްގެ ކިބައިން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތައް ހުށަހެޅުމަށެވެ.

އެ މުއްދަތުގެ ތެރޭގައި 59 މައްސަލައެއް އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅިއިރު، އޭގެ ތެރެއިން 54 ޕަސެންޓު މައްސަލަތަކަކީ ބޯހިޔާވަހިކަމާ ގުޅުން ހުރި ކަންކަމެވެ. ދެވަނަ އަށް އެންމެ ގިނަ ބަޔަކު ހުށަހަޅާފައިވަނީ މަސައްކަތްކުރުމުގެ ހައްގަށް އަރައިގެންފައިވާ މައްސަލަތަކެވެ. އެ ބާވަތުގެ 20 ޕަސެންޓް މައްސަލަ ހުށަހަޅާފައިވެ އެވެ.

އޭގެ އިތުރުން، މުދާ ހޯދުމާއި ލިބިގަތުމުގެ ހައްގާއި އުނގެނުމުގެ ހައްގާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި ޕެންޝަން ލިބުމުގެ ހައްގާއި ގާނޫނާ ހިލާށް ހައްޔަރުކުރުމުގެ މައްސަލަތައް ވެސް ހިމެނެ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނު މި ސަރުކާރުގައި ފާސްކުރީ ރާއްޖޭގައި އެންމެ ފަހުން އޮތް ފަސް ވެރިކަމެއްގައި ދިވެހިންނަށް ލިބުނު އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ މަގްސަދުގަ އެވެ. މި އޮފީހަށް ހުށަހަޅާ ހުރިހާ މައްސަލަތައް ދެ އަހަރުގެ ތެރޭގައި ބަލައި ނިންމަންޖެހެ އެވެ. އެންމެ ފުރަތަމަ އިންތިގާލީ އިންސާފުގެ ގާނޫނު މަޖިލީހަށް ހުށައެޅިއިރު އޮތީ 2012 އިން، 2018ގެ ނިޔަލަށް، ގާނޫނާ ހިލާފަށް މީހުންނާ ދެކޮޅަށް ހިންގާފައިވާ އަނިޔާތައް ބަލައި، އިންސާފު ހޯދައިދިނުމެވެ. އެކަމަކު ރައްޔިތުންގެ މަޖިލިހުން ނޮވެމްބަރު 29، 2020 ގައި ގާނޫނު ފާސްކުރީ އެ އަށް ވުރެ މާ ފުޅާކޮށް 65 އަހަރުގެ މުއްދަތެއް ހިމަނައިގެންނެވެ. އިންތިގާލީ އިންސާފުގެ އޮފީހަށް އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވާލައިފަ އެވެ.