Roadha Mihaaru
އިންތިގާލީ އިންސާފުގެ އޮފީހަށް ނުވަ މައްސަލައެއް

އިންތިގާލީ އިންސާފުގެ އޮފީހަށް ނުވަ މައްސަލައެއް ހުށަހަޅައިފި

19 ޖޫން 2021

އިންތިގާލީ އިންސާފުގެ މައްސަލަތައް ހުށަހެޅުމަށް މިދިޔަ އާދިއްތަ ދުވަހު ހުޅުވާލި ފުރުސަތުގައި މިހާތަނަށް ނުވަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންތިގާލީ އިންސާފުގެ މައްސަލަތައް ހުށަހެޅުމަށް މިދިޔަ އާދިއްތަ ދުވަހު ހުޅުވާލި ފުރުސަތުގައި މިހާތަނަށް ނުވަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން މިއަދު ބުނެފި އެވެ.

ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ކިބައިން ނުވަތަ މަސައްކަތްކުރަމުން އަންނަ މީހެއްގެ ކިބައިން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތައް، އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެ އޮފީހަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އޮމްބަޑްސްޕާސަންގެ އޮފީހުން މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިހާރު ހުށަހަޅާފައިވާ މައްސަލަތައް ފަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީކޮށް، މައްސަލަ ހުށަހެޅި މީހާއަށް ލިޔުމަކުން އަންގާނެ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނު ފާސްކުރީ ރާއްޖޭގައި އެންމެ ފަހުން އޮތް ފަސް ވެރިކަމެއްގައި ދިވެހިންނަށް ލިބުނު އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ މަގުސަދުގަ އެވެ. މި އޮފީހަށް ހުށަހަޅާ ހުރިހާ މައްސަލަތައް ދެ އަހަރުގެ ތެރޭގައި ބަލައި ނިންމައި، އިންސާފު ހޯދައިދޭންޖެހެ އެވެ.

މައްސަލައެއް ހުށަހަޅަން ބޭނުންވާ ނަމަ، މައްސަލަ ހުށަހަޅާ ފޯމު އަދި ބަދަލު ހޯދުމަށް އެދޭ ނަމަ، ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކޮށް، އެ ފޯމުތަކުގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކާ އެކު ފޮނުވަންޖެހޭނީ އިންތިގާލީ އިންސާފުގެ އޮފީހުގެ އީމެއިލް އެޑްރެސް [email protected] އަށެވެ. އަދި އެ އޮފީސް ހުޅުވިފައި ހުންނަ ވަގުތުތަކުގައި ކައުންޓަރަށް ވެސް ފޯމު ހުށަހެޅޭނެ އެވެ.

މައްސަލަ ހުށަހަޅާ ފޯމާއި ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމު އެ އޮފީހުގެ ވެބްސައިޓު www.otj.gov.mv އަދި އޮފީސް ހުޅުވިފައި ހުންނަ ގަޑިތަކުގައި އޮފީހުގެ ކައުންޓަރުން ލިބޭނެ އެވެ.

އިންތިގާލީ އިންސާފަށް މީހުން ހޭލުންތެރިކުރުވުމަށް އެ އޮފީހުން އަންނަނީ ޚާއްސަ ކެމްޕެއިނެއް ވެސް ފެށުމަށް ތައްޔާރުވަމުންނެވެ. އަދި މަސައްކަތް ރަނގަޅު އިންތިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވެސް ތަފާތު ކަންކަން ވަނީ ރާވައިފަ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނު މަޖިލީހަށް ފުރަތަމަ ހުށައެޅިއިރު އޮތީ 2012 އިން، 2018ގެ ނިޔަލަށް، ގާނޫނާ ހިލާފަށް މީހުންނާ ދެކޮޅަށް ހިންގާފައިވާ އަނިޔާތައް ބަލައި، އިންސާފު ހޯދައިދިނުމެވެ. އެކަމަކު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން ނޮވެމްބަރު 29، 2020ގައި ގާނޫނު ފާސްކުރީ އެއަށް ވުރެ މާ ފުޅާކޮށް، 65 އަހަރުގެ މުއްދަތެއް ހިމަނައިގެންނެވެ.

މިހާ ފުޅާކޮށް، ގާނޫނުން ފުރުސަތު ލިބުމުގެ މާނައަކީ، ފުރަތަމަ ރައީސް މުހައްމަދު އަމީނާއި ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދާއި ރައީސް މުހައްމަދު ވަހީދު އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް، ނިޒާމީ ގޮތެއްގައި ރޭވިގެން، އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް މީހަކަށް އަނިޔާއެއް ލިބިފައިވާ ނަމަ އެ އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ ޒިންމާ، އޮމްބަޑްސްމަނުންގެ ބޮލުގައި އެޅުމެވެ.