Roadha Mihaaru
"ޓައިގާ 3" ކުޅޭކަން އިމްރާން ކަށަވަރުކޮށް ދީފި

"ޓައިގާ 3" ކުޅޭކަން އިމްރާން ކަށަވަރުކޮށް ދީފި

17 މާޗް 2021

މިހާރު ޝޫޓިން ފަށާފައިވާ ސަލްމާން ޚާންގެ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ބައިގެ ރޯލެއް ކުޅޭކަން އެކްޓަރު އިމްރާން ހާޝިމީ ކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު ޝޫޓިން ފަށާފައިވާ ސަލްމާން ޚާންގެ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ބައިގެ ރޯލެއް ކުޅޭކަން އެކްޓަރު އިމްރާން ހާޝިމީ ކަށަވަރުކޮށް ދީފި އެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހަދާ "ޓައިގާ 3" ގެ މައި ވިލަން އަކީ އިމްރާނެވެ. ނަމަވެސް ކުޅޭ ކެރެކްޓާއާ ބެހޭ ތަފުސީލަކަށް ނުގޮސް އިމްރާން ބުނީ އެ ފިލްމުން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އެންމެ ބޮޑު އުފަލަކީ ސަލްމާނާ އެކު މަސައްކަތްކޮށްލަން ފުރުސަތު ލިބުނީމަ. އަނެއްކޮޅުން ޓައިގާ ސީރީޒްގެ ފިލްމުތައް އަހަންނަށް ވަރަށް ކަމުދޭ. އެހެންވެ އޭގެ ފިލްމެއްގައި ސަލްމާނާ އެކު މަސައްކަތްކޮށްލަން ލިބުމަކީ ހަގީގަތުގައި ހުވަފަނެއް ހަގީގަތަކަށްވުން ކަހަލަ ކަމެއް،" މީޑިއާއަކަށް އިމްރާން ބުންޏެވެ.

"ޓައިގާ 3" ވެގެން ދާނީ ވައިއާރްއެފްގެ ފިލްމެއްގައި އިމްރާން މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ. އެ ފިލްމުން ލިބުނު ކެރެކްޓާ އަށް ތައްޔާރުވުމުގެ ގޮތުން އިމްރާން ހަށިގަނޑު ވަރުގަދަކުރަން މަސައްކަތްކުރާތާ ވެސް މިހާރު ދުވަސްތަކެއްވެއްޖެ އެވެ.

އިމްރާންގެ "މުމްބާއީ ސާގާ" އަންނަ ހުކުރު ދުވަހު ރިލީޒްކުރާ އިރު އޭނާގެ "ޗެހެރޭ" އަންނަ މަހުގެ 9 ގައި ސިނަމާތަކަށް އަންނާނެ އެވެ.

"ޓައިގާ 3" އަކީ "ފޭން" އާއި "ބޭންޑް ބާޖާރާތު" ފަދަ ފިލްމުތައް ގެނެސްދިން މަނީޝް ޝަރުމާ ޑައިރެކްޓްކުރާ ފިލްމެކެވެ. ނަމަވެސް މި ފިލްމާ ބެހޭ އެއްވެސް ވާހަކައެއް ވައިއާރްއެފުން އަދި ރަސްމީކޮށް ހާމައެއްނުކުރެ އެވެ.

"ޓައިގާ 3" ގެ ބަތަލާ އަކީ ސަލްމާނާ އެކު 2012 ގެ "އޭކް ތަ ޓައިގާ" އާއި 2017 ގެ "ޓައިގާ ޒިންދާ ހޭ" ގެ ވެސް ބަތަލާގެ ރޯލު ކުޅުނު ކެޓްރީނާ ކައިފެވެ.

"އޭކް ތަ ޓައިގާ" ލިޔެ، ޑައިރެކްޓްކުރީ ކަބީރު ޚާނެވެ. "ޓައިގާ ޒިންދާ ހޭ" އަކީ އަލީ އައްބާސް ޒަފަރު ލިޔެ، ޑައިރެކްޓްކުރި ފިލްމެކެވެ. އަދި އެ ދެ ފިލްމަކީ ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު، ބޮކްސް އޮފީހުގައި ވަރަށް ހިނގި ދެ ފިލްމެވެ.