Roadha Mihaaru
ވެކްސިން ޖަހަން ސްކޫލުތަކުގެ މުވައްޒަފުންނަށް އަންގައިފި

ކިޔެވުން ފެށުމުގެ ކުރިން ސްކޫލްތަކުގެ މުވައްޒަފުން ވެކްސިން ފުރިހަމަކުރަން އަންގައިފި

26 ޖުލައި 2021

ކޮވިޑް ބަލިން ރައްކާތެރިވުމަށާއި ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ މަހުގެ 10 ގައި ފެށުމުގެ ކުރިން ސްކޫލުތަކުގެ މުވައްޒަފުން ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑް ބަލިން ރައްކާތެރިވުމަށާއި ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ މަހުގެ 10 ގައި ފެށުމުގެ ކުރިން ސްކޫލުތަކުގެ މުވައްޒަފުން ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފި އެވެ.

އެ މިނިސްޓްރީން ސްކޫލުތަކުގެ ވެެރިންނަށް ފޮނުވި ސިޓީއެއްގައި ބުނީ، ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު އާންމު ހާލަތުގައި ސްކޫލުތަކުގެ ކިޔެވުން ކުރިއަށް ގެންދިއުމުގެ ބޭނުމަށް، ކޮވިޑުން ދިފާއުވުމަށް ރާއްޖޭގައި ދެމުން އަންނަ ވެކްސިންގެ ޑޯޒްތައް ސްކޫލުތަކުގެ ހުރިހާ މުވައްޒަފުން ފުރިހަމަކުރަން ޖެހޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނިގޮތުގައި، ވެކްސިންގެ އެއް ޑޯޒް ޖަހައި، ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިނުވާ މުވައްޒަފުން އެކަން ފުރިހަމަކުރުމުގެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ކަމާ ބެހޭ ފަރާތްތަކާ އެކު އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެއްވެސް ސަބަބަކާ ހުރެ ފުރަތަމަ ޑޯޒް ނުޖަހައި ތިބި މުވައްޒަފުންނަށް ވެސް ވެކްސިން ޖެހުމަށް ފަސޭހަ ގޮތެއް ހޯދައިދޭނެ އެވެ.

މިނިސްޓްރީން ބުނީ، މާލެއެކޭ އެއްގޮތަށް ރަށްރަށުގެ ސްކޫލުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހަ އިންތިޒާމެއްގެ ދަށުން ވެކްސިން ޖެހޭނެ ކަމަށެވެ.

ސްކޫލުތަކުގެ ކިޔެވުން ފަށާއިރު ކޮންމެ މުވައްޒަފަކީ ވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހަކަށް ވާންޖެހެ އެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ވެކްސިން ޖެހެން ނެތް ނަމަ، އެ ސަބަބު އަންގައިދޭ އެޗްޕީއޭގެ ލިޔުމެއް ސްކޫލަށް ހުށަހެޅުމަށް ވެސް މިނިސްޓްރީން އަންގަ އެވެ.

"މި މިނިސްޓްރީން ބާރުއަޅަނީ ސްކޫލުތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ވެސް ސްކޫލުގެ ކިޔަވައިދިނުން އާންމު ހާލަތުގައި ކުރިއަށް ގެންދިއުމަށް ވެކްސިންގެ ޑޯޒްތައް ވީ އެންމެ އަވަހަކަށް ފުރިހަމަކޮށް ނިންމުމަށެވެ،" އެޑިއުކޭޝަން މިނިސްޓްރީގެ ސިޓީގައިވެ އެވެ.

ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ވެކްސިން ފުރިހަމަކުރުމަށް ހުރިހާ މުވައްޒަފުންނަށް މިނިސްޓްރީން އެންގިއިރު ކުރިއަށް އޮތް ތަނުގައި ބޮޑަށް ބަލި ފެތުރޭނީ ކުޑަކުދިންގެ މެދުގައި ކަމަށް ވެސް އެޗްޕީއޭ އިން ލަފާކުރެ އެވެ.

ރާއްޖޭގައި އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ކޮވިޑް ވެކްސިން ދެމުން އަންނައިރު އެ އުމުރުން ދަށުގެ ކުދިންނަށް އަދި އެ ވެކްސިނެއް ނުދެ އެވެ. އެކަމަކު ބައެއް ގައުމުތަކުގައި ބައެއް ވެކްސިންތައް 18 އަހަރުން ދަށުގެ ކުދިންނަށް ވެސް ދަނީ ޓެސްޓްކުރަމުންނެވެ.

ފަސް ލައްކައެއްހާ މީހުން އުޅޭ ރާއްޖޭގެ އާބާދީގެ ވެކްސިން ޖެހޭ އުމުރުގެ ތެރެއިން 260،991 މީހަކު މިހާތަނަށް ވެކްސިން ފުރިހަމަކޮށްފައިވެ އެވެ. އަދި 321،350 މީހަކު ވަނީ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހާ އުމުރުގެ 90 ޕަސެންޓް މީހުންނަށް އަންނަ މަހުގެ ނިޔަލަށް ވެކްސިން ޖަހައި ނިންމޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް މިއަދު ވިދާޅުވި އެވެ. އެއީ ކޮވިޑް ވެކްސިން ޖަހަން ޖެހޭ އުމުރުގެ އެންމެންނަށް ވެކްސިން ދިނުމަށް ފަށާ ޕްރޮގްރާމްގެ ތެރެއިން ކުރާ ކަމެކެވެ.