Roadha Mihaaru
މޮޑާނާ ވެކްސިނުން އަނެއްކާވެސް އެތިކޮޅުތަކެއް

މޮޑާނާ ވެކްސިނުން އަނެއްކާވެސް އެތިކޮޅުތަކެއް

01 ސެޕްޓެމްބަރ 2021

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޖަޕާނުގައި ބޭނުންކުރުމަށް ގެނައި މޮޑާނާ ވެކްސިންގެ ފުޅިތަކެއްގެ ތެރެއިން ގޮތް ނޭނގޭ އެތިކޮޅުތަކެއް އަނެއްކާ ވެސް ފެނުމާ ގުޅިގެން، އެ ބެޗްގެ ވެކްސިން ބޭނުންކުރުން އެ ގައުމުން ހުއްޓާލައިފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޖަޕާނުގައި ބޭނުންކުރުމަށް ގެނައި މޮޑާނާ ވެކްސިންގެ ފުޅިތަކެއްގެ ތެރެއިން ގޮތް ނޭނގޭ އެތިކޮޅުތަކެއް އަނެއްކާ ވެސް ފެނުމާ ގުޅިގެން، އެ ބެޗްގެ ވެކްސިން ބޭނުންކުރުން އެ ގައުމުން ހުއްޓާލައިފި އެވެ.

ޖަޕާނުގައި މީހުންގެ ގަޔަށް ކޮވިޑް ވެކްސިން ޖަހަނީ، ކޮންމެ ބެޗެއްގެ ވެކްސިން ވެސް އެ ގައުމުގެ ލެބޯޓެރީގައި ތަހުލީލުކުރުމަށް ފަހު އެވެ. އެ ގޮތުން ބެލި ބެލުމުގެ ތެރޭގައި، މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވެސް ވަނީ، މޮޑާނާ ވެކްސިން ފުޅިތަކަކުން ކަޅު ކުލައިގެ އެތިކޮޅުތަކެއް ފެނިފަ އެވެ. އެކަމާ ގުޅިގެން، އެ ބެޗްގައި ހިމެނޭ 1.63 މިލިއަން ޑޯޒްގެ ވެކްސިން ބޭނުންކުރުން ޖަޕާނުން ހުއްޓައިލި އެވެ.

މިފަހަރު ކަޅު ކުލައިގެ އެތިކޮޅުތަކެއް މިފެނުނީ، އެ ބެޗްގެ ވެކްސިން ފުޅިތަކުން ގާތްގަނޑަކަށް 3،790 މީހަކަށް ވެކްސިން ދިން ފަހުންނެވެ. ޖަޕާނުގެ މީޑިއާތައް ބުނާ ގޮތުން، ވެކްސިން ފުޅިތަކުގެ ތެރެއިން ފެނުނު ކަޅުކުލައިގެ އެތިކޮޅުތަކުގެ ސަބަބުން، ސިއްހީ އެއްވެސް ނުރައްކާތެރި ހާލަތެއް މެދުވެރިވިކަން މިހާތަނަށް އެނގިފައެއް ނެތެވެ.

ޖަޕާނުގައި މޮޑާނާ ވެކްސިން ވިއްކާ އޭޖެންޓު، ޓަކެޑާ ފާމަޝޫޓިކަލް އިން މިދިޔަ ހަފުތާގައި ވަނީ ތިން ބެޗެއްގެ މޮޑާނާ ވެކްސިން ވިއްކުން ހުއްޓާލައިފަ އެވެ. އެ ތިން ބެޗްގައި ގާތްގަނޑަކަށް 560،000 ވެކްސިން ފުޅި ހިމެނޭނެ އެވެ.

މި ބެޗްގެ ވެކްސިންތައް ފުޅީގައި ބަންދުކުރި ސްޕޭންގެ ކުންފުނި ރޯވީ އިން ބުނި ގޮތުގައި، ވެކްސިން ފުޅިތަކަށް އެ އެތިކޮޅުތައް އެޅުނީ، ފުޅިތައް ބަންދުކުރުމުގެ ތެރޭގައި ކަމަށް ވެދާނެ އެވެ. އެހެންކަމުން އެ މައްސަލަ މިހާރު އަންނަނީ އެ ކުންފުނިން ތަހުގީގު ކުރަމުންނެވެ.

ނަމަވެސް ޖަޕާނުގެ ސިއްހަތާ ބެހޭ ވުޒާރާ އިން އިއްޔެ ބުނެފައިވަނީ، އޮކިނާވާގައި ބޭނުންކުރި ވެކްސިން ފުޅިތަކުން ފެނުނު ކަޅުކުލައިގެ އެތިކޮޅުތަކަކީ، ވެކްސިން ފުޅީގެ ތެރެއަށް، އިންޖެކްސަން ސިރިންޖުގެ ކަށި ނުބައިކޮށް ވެއްދުމުގެ ސަބަބުން، ފުޅިތަކުގެ ރަބަރު މަތިގަނޑުން ނެއްޓިގެން ފުޅީގެ ތެރެއަށް އެޅިފައިވާ އެތިކޮޅުތަކެއް ކަމަށެވެ.

ޖަޕާނުގައި ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ދަނީ ޖަޕާނު ސަރުކާރުން ލަފާކުރި ވަރަށް ވުރެ ލަހުންނެވެ. މިހާތަނަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖެހުނީ އެންމެ 40 ޕަސެންޓް މީހުންނަށެވެ. އެންމެ ޑޯޒެއް ޖަހާފައިވާ މީހުންގެ ނިސްބަތަކީ 50 ޕަސެންޓެވެ.