Roadha Mihaaru
ވެކްސިން ފުރިހަމަކުރާ މީހުން ކޮވިޑްގައި މަރުވުން ނާދިރު

ވެކްސިން ފުރިހަމަކުރާ މީހުން ކޮވިޑްގައި މަރުވުން ނާދިރު

14 ސެޕްޓެމްބަރ 2021

ކޮވިޑް-19 ވަބާ އިން ރައްކާތެރިކުރުމަށް އުފައްދައި މިހާރު ބޭނުންކުރަމުން އަންނަ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ކޮވިޑް ބަލީގެ ސަބަބުން މަރުވުން ވަރަށް ނާދިރު ކަމަށް، ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކޮވިޑް-19 ވަބާ އިން ރައްކާތެރިކުރުމަށް އުފައްދައި މިހާރު ބޭނުންކުރަމުން އަންނަ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ކޮވިޑް ބަލީގެ ސަބަބުން މަރުވުން ވަރަށް ނާދިރު ކަމަށް، ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިނގިރޭސި ވިލާތުގެ ތަފާސްހިސާބުތަކާ ބެހޭ ގައުމީ އިދާރާ އިން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ކޮވިޑް ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނާއި، އެންމެ ޑޯޒެއް ޖަހާފައި ތިބި މީހުން، ކޮވިޑް-19 ޖެހިގެން މަރުވާ ނިސްބަތާ އަޅައި ބަލާއިރު، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން، އެ ބަލި ޖެހިގެން މަރުވާ ނިސްބަތް ވަރަށް ދަށެވެ.

އިނގިރޭސި ވިލާތުގެ ތަފާސްހިސާބުތައް ބުނާ ގޮތުން މި އަހަރުގެ ޖެނުއަރީން ޖުލައިގެ ނިޔަލަށް އެ ގައުމުގައި ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ 51،000 މީހުންނެވެ. އޭގެ ތެރެއިން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވަނީ އެންމެ 256 މީހުންނެވެ. ނިސްބަތުން ބަލާނަމަ އެއީ 0.5 ޕަސެންޓަށް ވުރެ ވެސް ދަށް އަދަދެކެވެ.

އެ މުއްދަތުގެ ތެރޭގައި މަރުވި މީހުންގެ ތެރެއިން ވަރަށް މަތީ ނިސްބަތެއްގެ މީހުން މަރުވެފައިވަނީ، ކޮވިޑް ބަލީގެ ވަރަށް ގިނަ އަލާމާތްތައް އެމީހުންގެ ހަށިގަނޑުން ފެނި، އަދި ހާލު ވަރަށް ބޮޑަށް ދަށްވުމަށް ފަހު އެވެ. މިއާ ޚިލާފަށް، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ކޮވިޑް ޖެހުމުން ވެސް، ވެކްސިނުން ލިބިދޭ ދިފާއުގެ ސަބަބުން، އެމީހުންގެ ހަށިގަނޑުގައި ކޮވިޑް ވައިރަސް ބަލިކޮށްލައި ނުވަތަ ނައްތައިލަ އެވެ.

މިހާތަނަށް އުފައްދައި ބޭނުން ކުރަމުން އަންނަ ކޮވިޑްގެ އެއްވެސް ވެކްސިނަކީ، އެ ބައްޔާ ދެކޮޅަށް 100 ޕަސެންޓް ދިފާއު އުފައްދައިދޭ ވެކްސިނެއް ނޫނެވެ. އެހެންކަމުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްގެން ތިބޭ ބައެއް މީހުން ވެސް ކޮވިޑް ޖެހުމުން މަރުވެ އެވެ. ނަމަވެސް މިހާތަނަށް ލިބިފައި ހުރި ތަފާސްހިސާބަށް ބަލާއިރު، އެފަދަ ހާލަތެއް މެދުވެރިވަނީ، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރާ މީހުންގެ ތެރެއިން ވަރަށް މަދު އަދަދެއްގެ ބަޔަކަށެވެ.

މިހާތަނަށް ލިބެން ހުރި ތަފާސްހިސާބަށް ބަލާއިރު، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރާ މީހުންގެ ތެރެއިން، ކޮވިޑް ބަލީގައި ހާލު ބޮޑުވެ ފުރާނަ ގެއްލިގެން ދަނީ، އެ މީހުންގެ ހަށިގަނޑުގައި ދިފާއީ ބާރު އެވްރެޖް ނިސްބަތަށް ވުރެ ދަށް މީހުންނެވެ. ހާއްސަކޮށް އުމުރުން ދުވަސްވެ ހަށިގަނޑު ބަލިކަށިވެފައިވާ މީހުންނާއި 80 އަހަރުން މަތީގެ މީހުންނެވެ.

ޑިސެމްބަރު 2019 ގައި ޗައިނާ އިން ފެނި މިހާރު މުޅި ދުނިޔެ އަށް ފެތުރިފައިވާ ކޮވިޑް-19 މިހާރު ވަނީ 226 މިލިއަނަށް ވުރެ ގިނަ މީހުންނަށް ޖެހިފަ އެވެ. އޭގެ ތެރެއިން 4.6 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

މިހާތަނަށް އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހުނު އެމެރިކާ އިން 42.1 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިއްޖެ އެވެ. އޭގެ ތެރެއެިން 680،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ދެ ވަނަ އަށް އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހުނީ އިންޑިއާ އިންނެވެ. އެ ގައުމުގެ 33.2 މިލިއަނަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާ އިރު، އޭގެ ތެރެއިން 443،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ކޮވިޑް-19 އާ ދެކޮޅަށް މިހާތަނަށް އުފައްދައި ބޭނުންކުރަމުން އަންނަ ހުރިހާ ވެކްސިނަކީ އަދިވެސް އަޖުމަބެލުމުގެ މުއްދަތު މުޅިން ފުރިހަމަނުވާ ވެކްސިންތަކެވެ. އެހެންކަމުން، އެ ވެކްސިންތައް ބޭނުންކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ހުއްދަ ދީފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގަ އެވެ.

މި ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ހުއްދަ ދީގެން މި ވަގުތު ބޭނުންކުރަމުން އަންނަނީ 17 ވެކްސިނެކެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު އަދި ވިލާތުގެ ގައުމުތަކުގައި އެންމެ ގިނައިން ބޭނުން ކުރަމުން އަންނަނީ، ޖަރުމަން ވިލާތާއި އެމެރިކާގެ ކުންފުންޏެއް ގުޅިގެން އުފެއްދި ފައިޒާ ވެކްސިނާއި އެމެރިކާގެ މޮޑާނާ ވެކްސިން އަދި އިނގިރޭސި ވިލާތުގެ އެސްޓްރާޒެނެކާ ވެކްސިނެވެ.