Roadha Mihaaru
ހުރިހާ ޖަލްސާއަކަށް ވަޑައިގަތީ އެންމެ 15 މެމްބަރުން

ފަހު ދައުރުގެ ހުރިހާ ޖަލްސާއަކަށް ވަޑައިގަތީ އެންމެ 15 މެމްބަރުން

04 ޑިސެމްބަރ 2016

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ހުރިހާ ޖަލްސާއަކަށް ވަޑައިގެންނެވީ އެންމެ 15 މެމްބަރުން ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ހުރިހާ ޖަލްސާއަކަށް ވަޑައިގެންނެވީ އެންމެ 15 މެމްބަރުން ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތައް ނިމި، މެމްބަރުން ވަނީ ޗުއްޓީއަށް ވަޑައިގެންފަ އެވެ. އަންނަ އަހަރުގެ ޖަލްސާތައް ފަށާނީ މީގެ ތިން މަސް ފަހުން، އަންނަ މާޗް ނޫނީ އޭޕްރީލް މަހު އެވެ.

ފަހު ދައުރުގައި 16 ޖަލްސާ ބޭއްވިއިރު، 85 މެމްބަރުންގެ ތެރެއިން ހުރިހާ ޖަލްސާއަކަށް ވަޑައިގެންނެވީ ޕީޕީއެމްގެ 13 މެމްބަރަކާއި އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ އާއި މިހާރު ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ އަދި މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކެވެ.

ހުރިހާ ޖަލްސާއަކަށް ވަޑައިގެންނެވި ޕީޕީއެމް މެމްބަރުންނަކީ މަޖިލީހުގެ ރައީސް އަދި ފުވައްމުލަކު ދެކުނު ދާއިރާގެ އަބްދުﷲ މަސީހާއި މާފަންނު އުތުރު ދާއިރާގެ އަބްދުﷲ ރިފާއު އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި މިލަންދޫ ދާއިރާގެ ހަސަން މުފީދާއި ހޮޅުދޫ ދާއިރާގެ އަލީ މުހައްމަދާއި އުނގޫފާރު ދާއިރާގެ ޖައުފަރު ދާއޫދާއި ދުވާފަރު ދާއިރާގެ މުހައްމަދު އަލީ އާއި ކ. ގުރައިދޫ ދާއިރާގެ އިބްރާހިމް ރިޒާ އާއި ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދާއި ތ. ގުރައިދޫ ދާއިރާގެ ހުސެއިން މަނިކު ދޮންމަނިކާއި ގެމަނަފުށީ ދާއިރާގެ ޖަމީލް އުސްމާނާއި ގައްދޫ ދާއިރާގެ އަހުމަދު ރަޝީދު އަދި ފޭދޫ ދާއިރާގެ އިބްރާހިމް ދީދީ އެވެ.

ޖަލްސާތަކަށް އެންމެ މަދުން ހާޒިރުވެވަޑައިގެންނެވީ އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ އަހުމަދު ސިޔާމް މުހައްމަދެވެ. އޭނާ ހާޒިރުވެވަޑައިގެންނެވީ އެންމެ ދެ ޖަލްސާއަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ޖަލުގައި ހުންނެވުމުން އޭނާ އަށް އެއްވެސް ޖަލްސާއަކަށް ވަޑައެއް ނުގެންނެވެ އެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ނަޝީދާއި ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ނާޝިދާއި ތުޅާދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ނާޒިމް ރަޝާދާއި އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ސަލީމާއި ފެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު މަރުޒޫގު ވަޑައިގެންނެވި ޖަލްސާތަކުގެ އަދަދު ދެބައި ކުޅަ އެއް ބަޔަށް ވުރެ މަދެވެ.

ފަހު ދައުރުގެ ފަހު ޖަލްސާގައި މަޖިލީހުގެ ރައީސް މަސީހު ވިދާޅުވީ މި އަހަރު މަޖިލީހަށް ހުށަހެޅި 380 މައްސަލައިގެ ތެރެއިން 376 މައްސަލައެއް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން 43 ބިލް ފާސްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.