Roadha Mihaaru
ހުރިހާ ޖަލްސާއަކަށް 24 މެމްބަރަކު ހާޒިރުވި

ހާޒިރީ ރިޕޯޓު ބަދަލުކޮށް، ހުރިހާ ޖަލްސާއަކަށް ހާޒިރުވި މެމްބަރުންގެ އަދަދު 24 އަށް

05 ޑިސެމްބަރ 2016

މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ހާޒިރީ އަށް ބަދަލުގެނައުމާއެކު، ހުރިހާ ޖަލްސާ އަކަށް ވަޑައިގެންނެވި މެމްބަރުންގެ އަދަދު 24 އަށް އިތުރުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ހާޒިރީ އަށް ބަދަލުގެނައުމާއެކު، ހުރިހާ ޖަލްސާ އަކަށް ވަޑައިގެންނެވި މެމްބަރުންގެ އަދަދު 24 އަށް އިތުރުވެއްޖެ އެވެ.

މަޖިލީހުގެ އިދާރާ އިން ކުރިން ނެރުނު ރިޕޯޓުން ދެއްކި ގޮތުގައި ހުރިހާ ޖަލްސާ އަކަށް ވަޑައިގަތީ އެންމެ 15 މެމްބަރެކެވެ.

އެކަމަކު ކުރީގެ ހާޒިރީ ރިޕޯޓުގައި ބައެއް މެމްބަރުންގެ ނަން ނެތިގެން، އެކަމުގެ ޝަކުވާ މަޖިލިހުގެ އަމީން އާންމު އަހުމަދު މުހައްމަދަށް ހުށަހެޅުއްވުމުން، ހާޒިރީ ރިވިއު ކުރެއްވުމާއެކު، ހުރިހާ ޖަލްސާ އަކަށް ވަޑައިގެންނެވި މެމްބަރުންގެ އަދަދު އިތުރުވީ ކަމަށް އެނގިފައިވެ އެވެ.

މަޖިލިހުގެ މި އަހަރުގެ ފަހު ދައުރުގައި 16 ޖަލްސާ ބޭއްވިއިރު، 85 މެމްބަރުންގެ ތެރެއިން ހުރިހާ ޖަލްސާއަކަށް ވަޑައިގަތީ ޕީޕީއެމްގެ 19 މެމްބަރަކާއި އެމްޑީޕީގެ ތިން މެމްބަރަކާއި މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކާއި މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމެވެ.

ޖަލްސާތަކަށް ވަޑައިގެންނެވި ޕީޕީއެމްގެ މެމްބަރުންނަކީ މަޖިލީހުގެ ރައީސް އަދި ފުވައްމުލަކު ދެކުނު ދާއިރާގެ އަބްދުﷲ މަސީހާއި މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދާއި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދާއި ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދާއި އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް އާއި ކ.ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އާއި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާއި ތ.ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މުހައްމަދާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އަދި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އެވެ.

ހުރިހާ ޖަލްސާ އަކަށް ވަޑައިގެންނެވި އެމްޑީޕީގެ މެމްބަރުންނަކީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އެވެ.

ޖަލްސާތަކަށް އެންމެ މަދުން ހާޒިރުވެވަޑައިގަތީ އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ އަހުމަދު ސިޔާމް މުހައްމަދެވެ. އޭނާ ހާޒިރުވެވަޑައިގަތީ އެންމެ ދެ ޖަލްސާ އަށެވެ. ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ޖަލުގައި ހުންނެވުމުން އޭނާ އަށް އެއްވެސް ޖަލްސާއަކަށް ވަޑައެއް ނުގެންނެވެ އެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ނަޝީދާއި ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ނާޝިދާއި ތުޅާދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ނާޒިމް ރަޝާދާއި އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ސަލީމާއި ފެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު މަރުޒޫގު ވަޑައިގެންނެވި ޖަލްސާތަކުގެ އަދަދު ދެބައި ކުޅަ އެއް ބަޔަށް ވުރެ މަދެވެ.

މަޖިލީހުގައި ޕާޓީތައް ތަމްސީލް ކުރާ ގޮތަށް ބަލާއިރު، އެންމެ ގިނަ މެމްބަރުން ހިމެނޭ ޕީޕީއެމް އަދި އެ ޕާޓީގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭގައި 54 މެމްބަރުން ތިއްބަވަ އެވެ. އެމްޑީޕީގައި 22 މެމްބަރުން ތިއްބަވާއިރު، ޖުމްހޫރީ ޕާޓީ ތަމްސީލް ކުރައްވަނީ ހަތް މެމްބަރެކެވެ.

ފަހު ދައުރުގެ ފަހު ޖަލްސާގައި މަޖިލީހުގެ ރައީސް މަސީހު ވިދާޅުވީ، މި އަހަރު މަޖިލީހަށް ހުށަހެޅި 380 މައްސަލައިގެ ތެރެއިން 376 މައްސަލައެއް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން 43 ބިލް ފާސްކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތައް ނިމި، މެމްބަރުން ވަނީ ޗުއްޓީއަށް ވަޑައިގެންފަ އެވެ. އަންނަ އަހަރުގެ ޖަލްސާތައް ފަށާނީ ފެބްރުއަރީ މަހުގަ އެވެ.