Roadha Mihaaru
ޖަމްޝީދާއި ޓޫފޯ ވަކިކޮށް، ހަތަރު އޮފިސަރުންނަށް ނޯޓިސް

ކޯޓުގައި މައްސަލަ އޮއްވައި އޮފިސަރުންނާ މެދު ފިޔަވަޅު އަޅައިފި

10 އޮކްޓޯބަރ 2021

އާ ގާނޫނުން އެކުލަވާލި ޕޮލިސް ބޯޑުގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް، ދެ އޮފިސަރުން ވަޒީފާ އިން ވަކިކޮށް، ހަތަރު އޮފިސަރަކު ވަކިކުރަން 10 ދުވަހުގެ ނޯޓިސްއެއް މިއަދު ދީފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އާ ގާނޫނުން އެކުލަވާލި ޕޮލިސް ބޯޑުގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް، ދެ އޮފިސަރުން ވަޒީފާ އިން ވަކިކޮށް، ހަތަރު އޮފިސަރަކު ވަކިކުރަން 10 ދުވަހުގެ ނޯޓިސްއެއް މިއަދު ދީފި އެވެ.

ބޯޑުން ލަފާ ދިނީ ހަތް އޮފިސަރަކު ވަކިކުރާށެވެ. އެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން ވަޒީފާ އިން ވަކިކުރި ކަމުގެ ޗިޓް ހަވާލުކުރެއްވީ ދެ އެސިސްޓެންޓް ކޮމިޝަނަރުން ކަަމަށްވާ މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދު (ޓޫފޯ)އާ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސޮއިކުރައްވައި ފޮނުއްވި ޗިޓުގައި ވިދާޅުވީ މަގާމުން ވަކިކުރެއްވީ ފުލުހުންގެ އާ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުން ބެލި މައްސަލައަކާ ގުޅިގެން މަގާމުގައި ބަހައްޓަން ނުފެންނާތީ ކަމަށެވެ.

ކޯޓުގައި ފަސް އޮފިސަރަކު ތަމްސީލްކުރައްވާ ދިވެހި ޗެމްބާސްގެ ލޯޔަރުންނާ އެކު މި މައްސަލައިގައި މަސައްކަތްކުރައްވާ އަލީ ސައީދު މިރޭ ވިދާޅުވީ ދެ އޮފިސަރުން ވަކިކުރުމުގެ އިތުރުން ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދުގެ އިތުރުން ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް ވަކިކުރުމުގެ އިޖުއާތު ފެށިކަމުގެ ނޯޓިސް ހަވާލުކޮށްފައިވާ ކަމަށެވެ. އެކަމަކު މި ނޯޓިސް ފޮނުވީ ތުހުމަތުކުރާ މައްސަަލަތަކުގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ ކަަމަށް ވަކީލް މިރޭ ވެސް ވިދާޅުވި އެވެ.

މި އޮފިސަރުންގެ އިތުރުން ދެން ނޯޓިސް ހަވާލުކުރީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއާ އެވެ.

ސިވިލް ކޯޓަށް އޮފިސަރުންގެ ފަރާތުން މައްސަލަ ހުށަހެޅީ ފުލުހުންގެ މުއައްސަސާގައި ހިދުމަތްކުރުމުގައި ދިގު މާޒީއެއް އޮތް އެ އޮފިސަރުން ވަކިކުރަން ނިންމުމުގައި ބޭއިންސާފު ކަންކަން ހިނގާފައިވާ ކަމަށް ތުހުމަތުކޮށެވެ. ދިފާއުގައި ބަސްބުނުމަށާއި ޖަވާބުދާރީވާން ފުރުސަތު ނުދީ ކަންކޮށްފައިވާ ގޮތުން އޮފިސަރުންގެ ދުސްތޫރީ އަދި ގާނޫނީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ވެސް އޮފިސަރުން ވިދާޅުވެ އެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ޑިސްޕިއުޓް މަރުހަލާއިން ހައްލެއް ނުލިބުނެވެ.

އެ މައްސަލައިގައި އެދިފައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން އޮފިސަރުން ވަޒީފާ އިން ވަކިކުރުމުގެ އެއްވެސް ކަމެއް ނުކުރުމަށާއި ވަޒީފާ އަދާކުރުމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންގެ ހިދުމަތާއި ޕޮލިސް ބޯޑު އަދި ކަމާގުޅޭ ހުރިހާ ފަރާތްތަކަށް އަމުރުކޮށްދިނުމަށެވެ.

ފުލުހުންގެ އިސް ސަފުގައި ތިބި އޮފިސަރުންތަކެއް ވަކިކުރަން ނިންމީ، އާ ގާނޫނާ އެކު އެކުލަވާލި ހަތް މެމްބަރުންގެ ބޯޑުން ހަތަރު މަސް ތެރޭގައި ފުލުހުންގެ އިސް ސަފަށް ހަރުދަނާ ބަދަލުތައް ގެނައުމަށް ކަނޑައަޅާފައިވާތީ އެވެ.

އޮފިސަރުން ވަކިކުރަން ނިންމައި ޕޮލިސް ބޯޑުން ނެރުނު ބަޔާނުގައި ބުނެފައި އޮތީ، ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑެންޓުން ފެށިގެން މަތީ ރޭންކްތަކުގެ އޮފިސަރުން، ފުލުހަކަށް ވީތީ އެ މީހުންނަށް ލިބިދީފައިވާ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ބަލާފައިވާ ކަމަށެވެ. ލާއިންސާނީ އަނިޔާވެރި އަމަލެއް އަދި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ވެސް ބެލި ކަމަށެވެ.

އެކަމަކު އޮފިސަރުން ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނެއް ހެދީ އަދި ބޯޑުގެ ނިންމުން އައީ ވެސް ވަކި އޮފިސަރުންތަކަކަށް ޓާގެޓްކޮށްގެންނެވެ. އާ ގާނޫނުގެ ކުރިން ވެސް ފުލުހުންގެ ހިދުމަތުގައި އިދާރީ ފިޔަވަޅު އެޅޭ ކަމަށާއި ގާނޫނު ފަހުން ހަދައި ވަކި އޮފިސަރުންތަކެއްގެ މައްސަލަ ބެލުމަކީ އިންސާފެއް ނޫން ކަމަށް އެ އޮފިސަރުން ވިދާޅުވެ އެވެ.