ތުހުމަތުތަކަކާ އެކު، ފުލުހުންގެ ހިދުމަތުގެ އިސް ސަފުން ވަކިކުރަން ނިންމި އޮފިސަރުންގެ ޝަރީއަތް ލައިވް ކޮށްދޭން ސިވިލް ކޯޓުގައި އެދިއްޖެ އެވެ.
11 އޮކްޓޯބަރ 2021
ތުހުމަތުތަކަކާ އެކު، ފުލުހުންގެ ހިދުމަތުގެ އިސް ސަފުން ވަކިކުރަން ނިންމި އޮފިސަރުންގެ ޝަރީއަތް ލައިވް ކޮށްދޭން ސިވިލް ކޯޓުގައި އެދިއްޖެ އެވެ.
ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވައިލި ބޯޑުން ވަނީ ހަތް އޮފިސަރަކު ވަކިކުރަން ނިންމައިފަ އެވެ. މި ނިންމުމާ މެދު ހިތްހަމަނުޖެހިގެން ފަސް އޮފިސަރުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.
ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން އޮފިސަރުން ވަޒީފާ އިން ވަކިކުރުމުގެ އެއްވެސް ކަމެއް ނުކުރުމަށާއި ވަޒީފާ އަދާކުރުމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންނާއި ޕޮލިސް ބޯޑު އަދި ކަމާގުޅޭ ހުރިހާ ފަރާތްތަކަށް އަމުރުކޮށްދޭން އެ މައްސަލައިގައި އެދިފައިވެ އެވެ. އެކަމަކު ކޯޓުގައި އެ މައްސަލަ އޮއްވައި، ދެ އޮފިސަރުން ވަކިކޮށް، ހަތަރު އޮފިސަރަކަށް 10 ދުވަހުގެ ނޯޓިސް އިއްޔެ ވަނީ ދީފަ އެވެ.
ވަކި ކުރަން ނިންމި އޮފިސަރުން: - އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ. - އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު. - އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު. - ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް. - ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު. - ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު. - ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް.
އޮފިސަރުންގެ ފަރާތުން ދިވެހި ޗެމްބާސްއިން ހުށަހެޅި މައްސަލަ ޑިސްޕިއުޓް މަރުހަލާގައި ހައްލު ނުވުމުން މިހާރު ވަނީ ޝަރީއަތަށް ހުށަހަޅައިފަ އެވެ. ފުރަތަމަ އަޑު އެހުން އަންނަ ހޯމަ ދުވަހަށް ވަނީ ތާވަލްކޮށްފަ އެވެ.
ފަސް އޮފިސަރުން ތަމްސީލްކުރާ ދިވެހި ޗެމްބާސްގެ ވަކީލު މަރިޔަމް ނިހާޔަތު ސިވިލް ކޯޓަށް ފޮނުއްވި ސިޓީގައި، އެ މައްސަލަ ލައިވްކުރަން އެދިވަޑައިގަތް އެއް ސަބަބަކީ އާއްމު މަސްލަހަތު ހިމެނުމެވެ. އަނެއް ސަބަބަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކުރާ އަދުލުވެރިކަމާއި ހަމަހަމަކަމާ އެކު ޝަރީއަތް ކުރެވޭ ކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން ކަމަށް ނިހާޔަތު ވިދާޅުވެފައިވެ އެވެ.
އޮފިސަރުންގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅީ ފުލުހުންގެ މުއައްސަސާގައި ހިދުމަތްކުރުމުގައި ދިގު މާޒީއެއް އޮތް އެ އޮފިސަރުން ވަކިކުރަން ނިންމުމުގައި ބޭއިންސާފު ކަންކަން ހިނގާފައިވާ ކަމަށް ތުހުމަތުކޮށެވެ. ދިފާއުގައި ބަސްބުނުމަށާއި ޖަވާބުދާރީވާން ފުރުސަތު ނުދީ ކަންކޮށްފައިވާ ގޮތުން އޮފިސަރުންގެ ދުސްތޫރީ އަދި ގާނޫނީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ވެސް އޮފިސަރުން ވިދާޅުވެ އެވެ.
ފުލުހުންގެ އިސް ސަފުގައި ތިބި އޮފިސަރުންތަކެއް ވަކިކުރަން ނިންމީ، އާ ގާނޫނާ އެކު އެކުލަވައިލި ހަތް މެމްބަރުންގެ ބޯޑުން ހަތަރު މަސް ތެރޭގައި ފުލުހުންގެ އިސް ސަފަށް ހަރުދަނާ ބަދަލުތައް ގެނައުމަށް ކަނޑައަޅާފައިވާތީ އެވެ.
އޮފިސަރުން ވަކިކުރަން ނިންމައި ޕޮލިސް ބޯޑުން ނެރުނު ބަޔާނުގައި ބުނެފައި އޮތީ، ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑެންޓުން ފެށިގެން މަތީ ރޭންކްތަކުގެ އޮފިސަރުން، ފުލުހަކަށް ވީތީ އެ މީހުންނަށް ލިބިދީފައިވާ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ބަލާފައިވާ ކަމަށެވެ. ލާއިންސާނީ އަނިޔާވެރި އަމަލެއް އަދި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ވެސް ބެލި ކަމަށެވެ. އޮފިސަރުންތަކެއް ވަކިކުރަން ބޯޑުން ސީޕީ އަށް ލަފާދިނީ އެ ކަންކަމަށް ރިއާޔަތް ކޮށެވެ.
އެކަމަކު އޮފިސަރުން ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނެއް ހެދީ އަދި ބޯޑުގެ ނިންމުން އައީ ވެސް ވަކި އޮފިސަރުންތަކަކަށް އަމާޒު ކޮށްގެންނެވެ. އާ ގާނޫނުގެ ކުރިން ވެސް ފުލުހުންގެ ހިދުމަތުގައި އިދާރީ ފިޔަވަޅު އެޅޭ ކަމަށާއި ގާނޫނު ފަހުން ހަދައި ވަކި އޮފިސަރުންތަކެއްގެ މައްސަލަ ބެލުމަކީ އިންސާފެއް ނޫން ކަމަށް އެ އޮފިސަރުން ވިދާޅުވެ އެވެ.
ޓެގުގެ އެއްބަސްވުން: ބޮޑު ބަދަލަކުން ސަލާމަތްވެއްޖެ
އަމުރާ އެކު އޮފިސަރުން މިވަގުތަށް ސަލާމަތްވެއްޖެ
ޖަމްޝީދާއި ޓޫފޯ ވަކިކޮށް، ހަތަރު އޮފިސަރުންނަށް ނޯޓިސް
ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވަން ހައިކޯޓުން އަމުރުނުދިން
ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ ބޮޑު ހަރަކާތެއް
18،000 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ އެއްކޮށްފި
ގޭންގްތައް ކަނޑައެޅުން ކޮމިޓީއަށް ދޭ މާއްދާ އުނިކޮށްފި
ހިޖާމާގެ ހިދުމަތް ހުއްޓުވި މައްސަލާގައި ފަޒީލާ ކޯޓަށް
ސަލާންޖަހަން އުޅޭ 47 މީހަކު ފަރުވާއަށް ގެންގޮސްފި
ދޮގު ތުހުމަތުނުކޮށް މައްސަލަ ބަލަން ފައްޔާޒު އެދިއްޖެ