Roadha Mihaaru
ރަންވީރުގެ "ދަ ބިގް ޕިކްޗާ" މިރޭ ކަލާޒް އަށް

ރަންވީރުގެ "ދަ ބިގް ޕިކްޗާ" މިރޭ ކަލާޒް އަށް

16 އޮކްޓޯބަރ 2021

މުޅިން އަލަށް ޓީވީ ޝޯއެއް ހޯސްޓް ކުރަން ހަވާލުވި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރި ސިންގްއާ ކަލާޒް ޗެނެލުން ގެނެސްދޭ "ދަ ބިގް ޕިކްޗާ" މިރޭ ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މުޅިން އަލަށް ޓީވީ ޝޯއެއް ހޯސްޓް ކުރަން ހަވާލުވި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރި ސިންގްއާ ކަލާޒް ޗެނެލުން ގެނެސްދޭ "ދަ ބިގް ޕިކްޗާ" މިރޭ ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ މީގެ އެޕިސޯޑްތައް ގެނެސްދޭނީ ރާއްޖެ ގަޑިން ރޭގަނޑު 7:30 ގަ އެވެ. "ދަ ބިގް ޕިޗްކާ" އަކީ ބައިވެރިންނަށް ތަސްވީރު ދިމާކޮށްގެން ފައިސާގެ ބޮޑެތި އިނާމުތަކެއް ލިބޭ ގޮތަށް ކުރިއަށް ގެންދާ ކްއިޒް ޝޯއެކެވެ.

އެގޮތުން ސޮނީ ޓީވީން ގެނެސްދޭ އަމީތާބް ބައްޗަންގެ ކޯން ބަނޭގާ ކަރޯޑްޕަތީ (ކޭބީސީ) ގޮތަށް ޖަވާބު ދިމާކުރަން ބައިވެރިންނަށް ހަތަރު އޮޕްޝަނެއް ދޭނެ އެވެ. ކޮންމެ ބައިވެރިޔަކާ ވެސް ކުރާނީ 12 ސުވާލެވެ.

ރަންވީރު ބުނި ގޮތުގައި މުޅިން އަލަށް ޓީވީ ޝޯއެއް ހޯސްޓްކޮށް އޭގެ ޒަރީއާއިން ބައެއްގެ ދިރިއުޅުމަށް ބަދަލު ގެނުވައިދޭން މަސައްކަތެއް ކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެކެވެ. ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ ދޭ ޔަގީން ކަމަކީ ބެލުންތެރިން ބަލާ ހިތްވާ ކަހަލަ ވަރަށް ޝައުގުވެރި އަދި ފޯރި ގަދަ ޝޯއަކަށް "ދަ ބިގް ޕިކްޗާ" ވާނެކަމެވެ.

ޔަގީނުން ވެސް ރަންވީރުގެ ފޭނުން މި ޝޯ އަށް އެންމެ އިންތިޒާރު ކުރާނީ އޭނާގެ ކިބައިގައި ހޯސްޓް ކުރުމުގެ ހުނަރުހުރީ ކިހާ ވަރަކަށްތޯ ވަޒަން ކުރުމަށެވެ. ވަރަށް މަޖާ މިޒާޖެއްގެ އަދި ސަކަރާތްގަނޑު ބޮޑު ރަންވީރަކީ އެކްޓަރެއްގެ ގޮތުގައި ވަރަށް ވެސް ކާމިޔާބު ތަރިއެކެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ ޑިސެމްބަރު މަހުގެ 24 ގައި ރިލީޒް ކުރާ ކްރިކެޓް ފިލްމު "83" އެވެ. އޭގައި އަންހެނުން ދީޕިކާ ވެސް ހިމެނެ އެވެ.