Roadha Mihaaru
ޒެންޒިބާރް ޕްރޮމޯޓްކޮށްދިނުމުގެ ފުރުސަތު ސަންޖޭ އަށް

ޒެންޒިބާރް ޕްރޮމޯޓްކޮށްދިނުމުގެ ފުރުސަތު ސަންޖޭ އަށް

13 ނޮވެމްބަރ 2021

ޒެންޒިބާރްގެ ޓޫރިޒަމް ޕްރޮމޯޓްކޮށް ދިނުމާއި އިތުރު ދާއިރާތަކުން އެ ގައުމަށް އިންވެސްޓްމަންޓްތައް ހޯދަން ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮމޯޝަނަލް ހަރަކާތްތަކުގެ އެމްބެސެޑަރަކަށް ބޮލީވުޑްގެ ތަރި ސަންޖޭ ދަތު ހަމަޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޒެންޒިބާރްގެ ޓޫރިޒަމް ޕްރޮމޯޓްކޮށް ދިނުމާއި އިތުރު ދާއިރާތަކުން އެ ގައުމަށް އިންވެސްޓްމަންޓްތައް ހޯދަން ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮމޯޝަނަލް ހަރަކާތްތަކުގެ އެމްބެސެޑަރަކަށް ބޮލީވުޑްގެ ތަރި ސަންޖޭ ދަތު ހަމަޖައްސައިފި އެވެ.

މިދިޔަ އަހަރު ފުއްޕާމޭގެ ކެންސަރަށް ފަރުވާ ވެސް ހޯދި 62 އަހަރުގެ އެކްޓަރު ވަނީ އެ ފުރުސަތު ލިބުނު ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. ސަންޖޭ ޕޯސްޓްކުރި ފޮޓޯތަކެއްގައި ފެންނަނީ ޒެންޒިބާރްގެ ރައީސް ހުސައިން އެމްވިންޔީއާ ހަދިޔާއެއް ބަދަލުކުރާ މަންޒަރު ފެންނަ ފޮޓޯއެއް ވެސް ހިމެނެ އެވެ.

އެ ޕޯސްޓްގައި ސަންޖޭ ބުނީ އެ ގައުމުގެ ޓޫރިޒަމް ޕްރޮމޯޓްކޮށް ދިނުމާ އެކު، ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އަށް އިންވެސްޓްމަންޓްތައް ހޯދުމާ ގުޅޭ މަސައްކަތްތަކެއްގައި ހިއްސާވާން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

އޭނާ ބުނި ގޮތުގައި ޒެންޒިބާރުން ލިބުނު ބްރޭންޑް އެމްބެސެޑަރުގެ މަގާމު ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލުމާ އެކު ފުރިހަމަ ކުރިއަށް ގެންދާނެ އެވެ.

މިހާތަނަށް އެތައް ފިލްމެއް ކުޅެފައިވާ ސަންޖޭގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އޮގަސްޓްގައި ރިލީޒްކުރި އަޖޭ ދޭވްގަންގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޕްރިތުވީރާޖް"، "ޝަމްޝޭރާ"، "ކޭޖީއެފް: ޗެޕްޓާ 2" އަދި "ގުޑް މަހާރާޖާ" ހިމެނެ އެވެ.

މީގެ ކުރިން ބޮލީވުޑްގެ މަޝްހޫރު ބައެއް އެހެން ތަރިން ވެސް ބޭރު ގައުމުތައް ޕްރޮމޯޓްކޮށް ދޭން އެމްބެސެޑަރުންގެ ގޮތުގައި މަސައްކަތް ކޮށްފައިިވެ އެވެ.