Roadha Mihaaru
އިންޑިއާ ޕެއާ އަތުން ބަލިވެ ތަށި ދިފާއު ނުކުރެވުނު

ފައިނަލްގައި އިންޑިއާ ޕެއާ އަތުން ބަލިވެ އެޑަމް އާއި ކުޑަކާއްޓޭ އަށް ތަށި ދިފާއު ނުކުރެވުނު

16 ސެޕްޓެމްބަރ 2023

ބަންގްލަދޭޝްގައި ކުރިއަށް ދިޔަ ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ފިރިހެނުންގެ ބީޗް ވޮލީބޯޅަ ޓުއާގެ ފައިނަލްގައި ރާއްޖޭގެ ގައުމީ ބީޗް ވޮލީބޯޅަ ޕެއާ، އާދަމް ނަސީމް (އެޑަމް) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ބަލިވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބަންގްލަދޭޝްގައި ކުރިއަށް ދިޔަ ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ފިރިހެނުންގެ ބީޗް ވޮލީބޯޅަ ޓުއާގެ ފައިނަލްގައި ރާއްޖޭގެ ގައުމީ ބީޗް ވޮލީބޯޅަ ޕެއާ، އާދަމް ނަސީމް (އެޑަމް) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ބަލިވެއްޖެ އެވެ.

ކޮކްސް ބަޒާރުގެ ކަލަޓާލީ ސީ ބީޗުގައި ކުރިއަށް ދިޔަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ސީދާ ދެ ސެޓުން ބަލިކުރި އިންޑިއާގެ ނިތިން އާއި ރާމާގެ ޕެއާ އަތުން އިއްޔެ ކުޅުނު ފައިނަލް މެޗުގައި އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ ބަލިވީ 19-21، 14-21 އިންނެވެ. ގުރޫޕް ސްޓޭޖުގައި ރާއްޖޭގެ ޕެއާ ކުރި ހޯދާފައި ވަނީ 21-18، 21-15 އިންނެވެ.

އިއްޔެގެ ފައިނަލް މެޗަކީ މިއަހަރުގެ މުބާރާތާއި މިދިޔަ އަހަރުގެ މުބާރާތުން ރާއްޖޭގެ މި ޕެއާ ބަލިވި ހަމައެކަނި މެޗެވެ. ހުރިހާ މެޗަކުން މޮޅުވެގެން އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދިއިރު، މިއަހަރުގެ ފައިނަލުން ފުރުސަތު ހޯދީ ވެސް ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

ހާއްސަކޮށް ސެމީ ފައިނަލް މެޗުގައި ބަންގްލަދޭޝްގެ ޕެއާގެ މައްޗަށް ރާއްޖޭން ކުރި ހޯދީ ވަރުގަދަ ފައިޓެއް ދީފަ އެވެ. ބަންގްލަދޭޝްގެ ހޮރޯސިތާއި އަހުމަދާ ވާދަކޮށް ސެޓްތައް ގެންދިޔައީ 21-19، 27-25 އިންނެވެ.

ކުޑަ ކާއްޓޭ އާއި އެޑަމް، އަދި ކޯޗު މަންކޭ އާއި އެސިސްޓެންޓް ކޯޗު ރިޝްވާނާ އެކު.-- ފޮޓޯ: ނަލަ ހުސެން/ ފޭސްބުކް

ކުޑަ ކާއްޓޭ އާއި އެޑަމް، އަދި ކޯޗު މަންކޭ އާއި އެސިސްޓެންޓް ކޯޗު ރިޝްވާނާ އެކު.-- ފޮޓޯ: ނަލަ ހުސެން/ ފޭސްބުކް

ގައުމީ ބީޗްވޮލީ ޓީމުގެ ކޯޗަކަށް މިވަގުތު ހުރީ ކުރީގެ ކުޅުންތެރިޔާ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އެވެ. އަދި އެސިސްޓެންޓް ކޯޗަކީ މުހައްމަދު ރިޝަވާނެވެ. މަންކޭ އާއި ރިޝްވާން ވަނީ މިދިޔަ އަހަރު ގައުމީ ޓީމަށް ކޯޗު ކޮށްދިން ބްރެޒިލްގެ ވިނީޝިއުސް މާޓިންގެ އެސިސްޓެންޓުން ގޮތުގައި މަސައްކަތް ކޮށްފަ އެވެ.

ބީޗް ވޮލީބޯޅަ ޓީމަށް ދެން އޮތީ މި މަހު 23ގައި ޗައިނާގެ ހަންގްޒޫ ސިޓީގައި ފަށާ އޭޝިއަން ގޭމްސް އެވެ.