Roadha Mihaaru
ކެނަލްގެ ތާށިކަން ފިލަން ތިން ދުވަސްވަރު ނަގާނެ

ކިޔޫގައިި ތިބި ބޯޓުތައް ކެނަލް ހުރަސްކުރަން ތިން ދުވަސް ނަގާނެ

30 މާޗް 2021

ގާހިރާ (މާޗް 30) - މިސްރުގެ ސުއޭޒް ކެނަލްގައި ބިޔަ ކާގޯ ބޯޓެއް ހުރަސްވުމުން، ހަފުތާއެއްހާ ދުވަހަށް ކެނަލްގެ ދެކޮޅުގައި ކިޔޫގައި ތިބި ބޯޓުތައް ކެނަލް ހުރަސްކޮށް، އެއްކޮށް ކްލިއާވާން ތިން ދުވަސްވަރު ނަގާނެ ކަމަށް ސުއޭޒް ކެނަލް އޮތޯރިޓީން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގާހިރާ (މާޗް 30) - މިސްރުގެ ސުއޭޒް ކެނަލްގައި ބިޔަ ކާގޯ ބޯޓެއް ހުރަސްވުމުން، ހަފުތާއެއްހާ ދުވަހަށް ކެނަލްގެ ދެކޮޅުގައި ކިޔޫގައި ތިބި ބޯޓުތައް ކެނަލް ހުރަސްކޮށް، އެއްކޮށް ކްލިއާވާން ތިން ދުވަސްވަރު ނަގާނެ ކަމަށް ސުއޭޒް ކެނަލް އޮތޯރިޓީން ބުނެފި އެވެ.

އެމްވީ އެވަ ގިވަން ކާގޯ ބޯޓު މިދިޔަ އަންގާރަ ދުވަހު ސުއޭޒް ކެނަލްގައި ދަތުރުކުރަނިކޮށް ގަދަވަޔާ އެކު އައި ވެލީގެ ތޫފާނެއްގައި ކެޕްޓަނަށް ދުރު ނުފެނި ބޯޓުގެ މިސްރާބު ބަދަލުވެ ކެނަލްގައި ހުރަސްވެ އެންމެ ފަހުން ބޯޓުގެ ދެކޮޅު ބީހުނެވެ. ކެނަލް ބަންދުވެފައި އޮތް ހަފުތާއެއްހާ ދުވަސްތެރޭ 370 ވަރަކަށް ބޯޓު ކެނަލްގެ ދެކޮޅުގައި ކިޔޫގައި ޖެހުނެވެ.

އޭޝިއާ އިން ޔޫރަޕަށް ކަނޑު މަގުންކުރާ ދަތުރުތައް ކުރުކޮށްލަން އާއްމުކޮށް ބޭނުންކުރާ ކެނަލް ބަންދުވުމާ ގުޅިގެން ކާގޯ ބޯޓުގެ ދަތުރުތަކަށް ވަނީ ބުރޫ އަރައިފަ އެވެ. އެވަ ގިވަން ފުން ކުރެވޭނެ ދުވަހެއް ނޭނގޭތީ ބައެއް ބޯޓުތައް ވަނީ އެފްރިކާ ވަށާލާފައި ކުރާ ދަތުރަށް ފުރައިފަ އެވެ. މެޑިޓެރޭނިއަން އިން ރަތް ކަނޑަށް ދިއުމަށް ކޭޕް އޮފް ގުޑް ހޯޕް ވަށާލާފައި ދަތުރުކުރުމުން ދެ ހަފުތާއެއްހާ ދުވަސް ދިގުވެ އެވެ.

އެވަ ގިވަން ފުން ކުރުން. --ގްރެފިކްސް/ބީބީސީ

އެވަ ގިވަން ފުން ކުރުން. --ގްރެފިކްސް/ބީބީސީ

އެވަ ގިވަން ފުންކުރުމަށް ފަހު ބޯޓަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށް އިންސްޕެކްޝަނަށް ވަނީ ގްރޭޓް ބިޓާ ލޭކަށް ގެންގޮސްފަ އެވެ. އަދި ބޯޓުގެ ކާގޯ އަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ވެސް ލިބިފައެއް ނުވެ އެވެ. ބޯޓު ހުރަސްވީ މެކޭނިކަލް ފެއިލިއާއެއް ނުވަތަ އިންޖީން ހުއްޓިގެން ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް ބޯޓުގެ ޓެކްނިކަލް މެނޭޖަރު ބުނެފައި ވަނީ އެފަދަ ކަމެއް ދިމާނުވާ ކަމަށެވެ.

ބޯޓުގައި ތިބި އިންޑިއާގެ 25 ފަޅުވެރިންގެ ހާލު ވެސް ރަނގަޅު ކަމަށްވެ އެވެ.

ހަތަރު ފުޓުބޯޅަ ދަނޑުގެ ދިގު މިނުގެ ބޯޓު ފުންކޮށްފައި ވަނީ ޓަގު ބޯޓު ޖަހައިގެން ދަމާ އަދި ޑްރެޖަރުން ބޯޓުގެ ފަށަން ދަށް ކޮނެގެންނެވެ. ބޯޓު ފުންކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުނީ ނެދަލޭންޑްސްގެ މަޝްހޫރު ބޮސްކާލިސް ކުންފުންޏެވެ. އެ ކުންފުނީގެ ސީއީއޯ ޕީޓަ ބާޑޯސްކީ ވިދާޅުވީ ބޯޓުގެ ދެކޮޅުން 30،000 ކޮޑި މީޓަރުގެ ވެލި ނަގާ ފުންކުރި ކަމަށެވެ. ބޯޓު ފުންކުރުމަށް ބޮސްކާލިސް އިން ވަނީ ޚާއްސަ ޓީމަކާ އެކު 11 ޓަގު ފޮނުވައިފަ އެވެ.