Roadha Mihaaru
ސުއޭޒް ކެނަލްގައި ބީހުނު ބޯޓު ފުންކޮށްފި

ސުއޭޒް ކެނަލްގައި ބީހުނު ބޯޓު ފުންކޮށްފި

29 މާޗް 2021

ގާހިރާ (މާޗް 29) - ސުއޭޒް ކެނަލްގައި ހުރަސްވެ، ބޯޓުގެ ދެކޮޅުން ބީހުނު ކޮންޓެއިނާ ބޯޓު މިއަދު ފުންކޮށްފި ކަމަށް ޚަބަރުތައް ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގާހިރާ (މާޗް 29) - ސުއޭޒް ކެނަލްގައި ހުރަސްވެ، ބޯޓުގެ ދެކޮޅުން ބީހުނު ކޮންޓެއިނާ ބޯޓު މިއަދު ފުންކޮށްފި ކަމަށް ޚަބަރުތައް ބުނެފި އެވެ.

ވީޑިއޯ ފުޓޭޖްތަކުން ފެންނަ ގޮތުގައި ބޯޓުގެ ފަހަތުކޮޅު ވަނީ ކަނޑުއޮޅީގެ އައްސޭރިން ފެއަށް ޖެހި ޖާގަ ލިބިފަ އެވެ. ސުއޭޒް ކެނަލް އޮތޯރިޓީން ބުނެފައި ވަނީ ބޯޓުގެ 80 ޕަސެންޓް ފުން ކުރެވިފައިވާ ކަމަށާއި އިތުރު މަސައްކަތް ހޯމަ ދުވަހު މެންދުރު ފަހު ފަށާނެ ކަމަށެވެ.

ބޯޓު ފުންކުރުމުގައި އެންމެ ބޮޑަށް އެހީތެރިވެދީފައި ވަނީ ނެދަލޭންޑްސްގެ ސްމިތު ސެލްވޭޖް ކުންފުނިންނެވެ.

ބޯޓު ފުންކުރުމުގެ މަސައްކަތް ކުރީ ޓަގް ބޯޓުތައް ޖަހައިގެންނެވެ. ޓަގު ޖަހައިގެން ބޯޓު ފުން ނުކުރެވިއްޖެ ނަމަ ސުއޭޒް ކެނަލް އޮތޯރިޓީން ނިންމާފައި ވަނީ ބޯޓުގައި ހުރި ގާތްގަނޑަކަށް 20،000 ކޮންޓެއިނާގެ ތެރެއަށް ބައެއް ބާލައި ބޯޓު ލުއި ކުރުމަށެވެ. އެ މަސައްކަތަށް 60 މީޓަރު (200 ފޫޓު) ގެ ދިގު ކްރޭނެއް ބޭނުންވާނެ ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ.

ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު ވިޔަފާރީގެ ރޫޓުގައި އެމްވީ އެވަ ގިވަން ތާށިވީ މިދިޔަ އަންގާރަ ދުވަހު އެވެ. އޮފިޝަލުން ބުނަނީ ގަދަވަޔާ އެކު އައި ވެލީގެ ތޫފާނެއްގައި ކެޕްޓަނަށް ދުރު ނުފެނުމުގެ ސަބަބުން ބޯޓުގެ މިސްރާބު ގެއްލުނީ ކަމަށެވެ. ބޯޓު ތާށިވުމާ އެކު ސުއޭޒް ކެނަލްގެ ދެކޮޅުގައި ކިޔޫގައި ތިބި ބޯޓުތަކުގެ އަދަދު މިހާރު 300 އަށް އަރަ އެވެ. ބައެއް ބޯޓުތައް ވަނީ އެފްރިކާ ވަށާލައިފައި ދަތުރު ކުރަން ތައްޔާރުވެފަ އެވެ.

ހަތަރު ފުޓުބޯޅަ ދަނޑުގެ ދިގުމިން ހުންނަ ބޯޓު އޮޕަރޭޓް ކުރަނީ ޓައިވާނުގެ އެވަގްރީން މެރިން ކުންފުނިންނެވެ. ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ ބޯޓުގެ ވެރި ފަރާތަކީ ޖަޕާނުގެ ކުންފުންޏެކެވެ. ޝޮއެއި ކިސެން ކުންފުނޫގެ ރައީސް ޔުކިޓޯ ހިގާކީ ވިދާޅުވީ ބޯޓަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށާއި ފަޅުވެރިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.