Roadha Mihaaru
ސުއޭޒް ކެނަލް: ބޯޓު ދޫކުރާނީ ޖޫރިމަނާ ދެއްކުމުން

ސުއޭޒް ކެނަލް: ބޯޓު ދޫކުރާނީ ޖޫރިމަނާ ދެއްކުމުން

16 އެޕްރީލް 2021

ގާހިރާ (އެޕްރީލް 16) - މިސްރުގެ ސުއޭޒް ކެނަލްގައި މިދިޔަ މަހު ހުރަސްވި ބިޔަ ކާގޯ ބޯޓު މިހާރު އޮތީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައި ކަމަށާއި އެ ބޯޓު ދޫކުރާނީ ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ ޖޫރިމަނާ ދެއްކުމުން ކަމަށް ސުއޭޒް ކެނަލް އޮތޯރިޓީން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގާހިރާ (އެޕްރީލް 16) - މިސްރުގެ ސުއޭޒް ކެނަލްގައި މިދިޔަ މަހު ހުރަސްވި ބިޔަ ކާގޯ ބޯޓު މިހާރު އޮތީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައި ކަމަށާއި އެ ބޯޓު ދޫކުރާނީ ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ ޖޫރިމަނާ ދެއްކުމުން ކަމަށް ސުއޭޒް ކެނަލް އޮތޯރިޓީން ބުނެފި އެވެ.

ޖަޕާނުގެ ކުންފުންޏެއްގެ 20،000 ޓަނުގެ އެމްވީ އެވަ ގިވަން ސުއޭޒް ކެނަލްގައި ހުރަސްވެ ހަފުތާއެއްހާ ދުވަހަށް އެ ކެނަލް ބަންދުވުމުން ލިބުނު ގެއްލުމަށް މިސްރުން ޑިމާންޑް ކުރަނީ 900 މިލިއަން ޑޮލަރެވެ. މެރިޓައިމް ޑޭޓާ ދައްކާ ގޮތުން ހަތަރު ފުޓުބޯޅަ ދަނޑުގެ ދިގު ބޯޓު ހުރަސްވުމުން އޭޝިއާ އިން ޔޫރަޕަށް ގެންދާ ކާގޯއިން 9.6 ބިލިއަން ޑޮލަރުގެ މުދާ ކޮންމެ ދުވަހަކު ވެސް ހުރީ ހިފެހެއްޓިފަ އެވެ. ސުއޭޒް ކެނަލް އޮތޯރިޓީން ބުނެފައި ވަނީ ބޯޓު ހުރަސްވެ ކެނަލް ބަންދުވި ކޮންމެ ދުވަހަކު އާމްދަނީގެ ގޮތުގައި މިސްރަށް 12-15 މިލިއަން ޑޮލަރު ގެއްލިފައިވާ ކަމަށެވެ.

ސުއޭޒް ކެނަލް އޮތޯރިޓީގެ ޗެއާމަން އުސާމާ އަލް ރާބީ މިސްރުގެ އަލް އަހްރާމް ނޫހަށް ވިދާޅުވީ އެމްވީ އެވަ ގިވަން ހިފަހައްޓާފައި ވަނީ 900 މިލިއަން ޑޮލަރުގެ ޖޫރިމަނާ ނުދައްކައިގެން ކަމަށެވެ. އަދި ޖޫރިމަނާގެ އަދަދު ކަނޑައަޅާފައި ވަނީ ބޯޓު ހުރަސްވެ ބީހުމުން ލިބުނު ގެއްލުމާއި ކެނަލް ބަންދުވެ ދަތުރުފަތުރު ނުކުރެވުމުން ލިބުނު ގެއްލުމާއި މެއިންޓަނެންސް އަގު ކެލްކިއުލޭޓް ކޮށްގެން ކަމަށެވެ. ބޯޓު ފުންކުރުމުގެ ތެރޭގައި ކެނަލް އަށް ވެސް ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ބޯޓުގެ ވެރި ފަރާތް ކަމަށްވާ ޖަޕާނުގެ ޝޮއެ ކިސެން ކައިޝާ އިން ބުނެފައި ވަނީ ޖޫރިމަނާއާ ގުޅޭ ގޮތުން މިސްރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ ބޯޓު އޮޕަރޭޓް ކުރަނީ ޓައިވާނުގެ އެވަ ގްރީން ކުންފުނިންނެވެ. މާޗް 23 ގައި ބޯޓު ހުރަސްވުމާ ގުޅިގެން 420 ބޯޓަށް ސުއޭޒް ކެނަލް ހުރަސް ނުކުރެވި ތާށިވި އެވެ. ބޯޓު ފުންކުރީ މާޗް 29 ގަ އެވެ. ކެނަލް އެއްކޮށް ކްލިއާވީ މި މަހު ކުރީކޮޅު އެވެ.

ސުއޭޒް ކެނަލް އިން މިސްރަށް ވަނީ 2019/2020 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 5.7 ބިލިއަން ޑޮލަރު ލިބިފަ އެވެ. ދެހާސް ސާދަ ވަނަ އަހަރު ލިބިފައި ވަނީ 5.3 ބިލިއަން ޑޮލަރެވެ.