Roadha Mihaaru
ސުއެޒް ކެނަލް: ހިތްވަރާ އެކު ބޯޓު ފުންކުރުން ކުރިއަށް

ސުއެޒް ކެނަލް: އާ ހިތްވަރަކާ އެކު ބޯޓު ފުންކުރުން ކުރިއަށް

28 މާޗް 2021

ގާހިރާ (މާޗް 28) - ސުއޭޒް ކެނަލްގައި ހުރަސްވެ ބީހިވެފައިވާ ބޯޓު ފުންކުރުމުގެ މަސައްކަތް ރޭ ވެސް ވަރަށް ބާރަށް ކުރިއަށް ގެންދިޔަ ނަމަވެސް ކާމިޔާބުވާ ގޮތް ނުވުމުން މިއަދު އަނެއްކާވެސް އާ ހިތްވަރަކާ އެކު މަސައްކަތް ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގާހިރާ (މާޗް 28) - ސުއޭޒް ކެނަލްގައި ހުރަސްވެ ބީހިވެފައިވާ ބޯޓު ފުންކުރުމުގެ މަސައްކަތް ރޭ ވެސް ވަރަށް ބާރަށް ކުރިއަށް ގެންދިޔަ ނަމަވެސް ކާމިޔާބުވާ ގޮތް ނުވުމުން މިއަދު އަނެއްކާވެސް އާ ހިތްވަރަކާ އެކު މަސައްކަތް ފަށައިފި އެވެ.

ސުއޭޒް ކެނަލްގެ އޮފިޝަލުން ބުނަނީ މިހާތަނަށް ކުރި މަސައްކަތުން ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ. އަދި މިއަދު ދިޔަވަރު ބޮޑުވާ ވަގުތު ބޯޓު ފުންކުރެވިދާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވެސް ބުނެފައިވެ އެވެ.

ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު ވިޔަފާރީގެ ރޫޓުގައި އެމްވީ އެވަ ގިވަން ތާށިވީ މިދިޔަ އަންގާރަ ދުވަހު އެވެ. އޮފިޝަލުން ބުނަނީ ގަދަވަޔާ އެކު އައި ވެލީގެ ތޫފާނެއްގައި ކެޕްޓަނަށް ދުރު ނުފެނުމުގެ ސަބަބުން ބޯޓުގެ މިސްރާބު ގެއްލުނީ ކަމަށެވެ. ބޯޓު ތާށިވުމާ އެކު ސުއޭޒް ކެނަލްގެ ދެކޮޅުގައި ކިޔޫގައި ތިބި ބޯޓުތަކުގެ އަދަދު މިހާރު 300 އަށް އަރަ އެވެ. ބައެއް ބޯޓުތައް މިހާރު ދަނީ އެފްރިކާ ވަށާލައިފައި ދަތުރު ކުރަން ތައްޔާރުވުމަށެވެ.

ސުއޭޒް ކެނަލްގައި ހުރަސްވި ބޯޓު ފުންކުރެވޭތޯ ރޭ މަސައްކަތް ކުރަނީ. --ފޮޓޯ:އޭއެފްޕީ

ސުއޭޒް ކެނަލްގައި ހުރަސްވި ބޯޓު ފުންކުރެވޭތޯ ރޭ މަސައްކަތް ކުރަނީ. --ފޮޓޯ:އޭއެފްޕީ

ބޯޓުގެ ފަށަން ދަށުން ހޮނިހިރު ދުވަހު ވަނީ 20،000 ޓަނުގެ ވެލި ނަގައި، ފުންކޮށްފަ އެވެ. ބޯޓު ފުން ކުރަން 14 ޓަގެއް ބޭނުންކުރެ އެވެ.

ސުއޭޒް ކެނަލް އޮތޯރިޓީގެ ޗެއާމަން އުސާމާ ރާބީ ވިދާޅުވީ ބޯޓު މިހާރު އޮތީ ކޮންމެ ވަގުތަކު ވެސް ފުންކުރެވިދާނެ ފަދަ ހާލަތެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ ބޯޓު ފުންކުރުމަށްޓަކައި ބޯޓުގައި ހުރި 18،300 ކޮންޓެއިނާ ބާލަން ނުޖެހޭނެ ކަމަށެވެ.

ހަތަރު ފުޓުބޯޅަ ދަނޑުގެ ދިގުމިން ހުންނަ ބޯޓު އޮޕަރޭޓް ކުރަނީ ޓައިވާނުގެ އެވަގްރީން މެރިން ކުންފުނިންނެވެ. ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ ބޯޓުގެ ވެރި ފަރާތަކީ ޖަޕާނުގެ ކުންފުންޏެކެވެ. ޝޮއެއި ކިސެން ކުންފުނޫގެ ރައީސް ޔުކިޓޯ ހިގާކީ ވިދާޅުވީ ބޯޓަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށާއި ފަޅުވެރިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.