Roadha Mihaaru
ސުއޭޒް ކެނަލްގެ ތާށިކަން ފިލުވާލައިފި

ސުއޭޒް ކެނަލްގެ ތާށިކަން ފިލުވާލައިފި

04 އެޕްރީލް 2021

ގާހިރާ (އެޕްރީލް 4) - މިސްރުގެ ސުއޭޒް ކެނަލްގައި ހުރަސްވި ބިޔަ ބޯޓުގެ ސަބަބުން އެ ކަނޑުއޮޅި ހުރަސް ނުކުރެވި ތާށި ބޯޓުތަކުގެ ތެރޭން އެންމެ ފަހު ބޯޓު އިއްޔެ ކެނަލް ހުރަސްކުރުމާ އެކު ސުއޭޒް ކެނަލްގެ ތާށިކަން ފިލައި އާއްމު ހާލަތަށް އަތުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގާހިރާ (އެޕްރީލް 4) - މިސްރުގެ ސުއޭޒް ކެނަލްގައި ހުރަސްވި ބިޔަ ބޯޓުގެ ސަބަބުން އެ ކަނޑުއޮޅި ހުރަސް ނުކުރެވި ތާށި ބޯޓުތަކުގެ ތެރޭން އެންމެ ފަހު ބޯޓު އިއްޔެ ކެނަލް ހުރަސްކުރުމާ އެކު ސުއޭޒް ކެނަލްގެ ތާށިކަން ފިލައި އާއްމު ހާލަތަށް އަތުވެއްޖެ އެވެ.

ހަތަރު ފުޓުބޯޅަ ދަނޑުގެ ދިގު އެމްވީ އެވަ ގިވަން ސުއޭޒް ކެނަލްގައި މާޗް 23 ވަނަ ދުވަހު ތާށިވުމާ ގުޅިގެން 400 ވަރަކަށް ބޯޓު ކެނަލް ހުރަސް ނުކުރެވި ކިޔޫގައި ތިބެން ޖެހުނެވެ. އޭޝިއާ އިން ޔޫރަޕަށް ދަތުރުކުރާ ބޯޓު ފަހަރު މަގު ކުރުކޮށްލަން ބޭނުން ކުރަނީ ސުއޭޒް ކެނަލް އެވެ. އެހެން ނޫނީ އެފްރިކާ ވަށާލާފައި ދަތުރު ކުރުމުން ދަތުރަށް ދެ ހަފުތާއެއްހާ ދުވަސް އިތުރުވެ އެވެ.

ސުއޭޒް ކެނަލް އޮތޯރިޓީން ބުނެފައި ވަނީ ކެނަލްގެ ޓްރެފިކް ޖޭމް ކްލިއާވެ މިހާރު އާއްމު ހާލަތުގައި ދަތުރުތައް ކުރިއަށްދާ ކަމަށެވެ.

ޓައިވާނުގެ އެވަގްރީން ކުންފުނިން އޮޕަރޭޓް ކުރާ އެވަ ގިވަން ސުއޭޒް ކެނަލްގައި ހުރަސްވާން ޖެހުނު ސަބަބު ހޯދަން މިހާރު ވަނީ ތަހުގީގު ފަށައިފަ އެވެ. ތަހުގީގު ރިޕޯޓް މި ހަފުތާ ތެރޭ އާއްމު ކުރެވޭނެ ކަމަށް ބެލެވެ އެވެ.

އެވަ ގިވަން ހުރަސްވެ ބޯޓުގެ ދެކޮޅުން ކެނަލްގައި ބީހުނީ ބާރު ވަޔާއެކު އައި ވެލީގެ ތޫފާނެއްގެ ސަބަބުން ކެޕްޓަނަށް ދުރު ނުފެނުމުގެ ސަބަބުން ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ. ނަމަވެސް ކެނަލް އޮތޯރިޓީން ބުނެފައި ވަނީ އިންސާނުންނަށް ހެދުނު ގޯހަކުން ނުވަތަ ބޯޓުގެ އިންޖީނަށް ދިމާވި މައްސަލައަކުން ވެސް އެފަދަ ކަމެއް ދިމާވެދާނެ ކަމަށެވެ. ބޯޓު ފުންކުރީ ފަށަން ދަށުން 30،000 ކޮޑި މީޓަރުގެ ވެލި ނަގައި ފުންކޮށްގެންނެވެ.

ގާތްގަނޑަކަށް 4.2 މިލިއަން ޓަނުގެ މުދާ ހިފައިގެން 85 ބޯޓު ވަނީ ހޮނިހިރު ދުވަހު ސުއޭޒް ކެނަލް ހުރަސްކޮށްފަ އެވެ.