Roadha Mihaaru
ސުއޭޒް ކެނަލްގައި ބޯޓު ހުރަސްވި ގޮތް ތަހުގީގު ކުރަނީ

ސުއޭޒް ކެނަލްގައި ބޯޓު ހުރަސްވި ގޮތް ބަލަން ތަހުގީގު ފަށައިފި

01 އެޕްރީލް 2021

ގާހިރާ (އެޕްރީލް 1) - މިސްރުގެ ސުއޭޒް ކެނަލްގައި ބިޔަ ބޯޓެއް ހުރަސްވި ގޮތް ބަލަން ތަހުގީގު ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގާހިރާ (އެޕްރީލް 1) - މިސްރުގެ ސުއޭޒް ކެނަލްގައި ބިޔަ ބޯޓެއް ހުރަސްވި ގޮތް ބަލަން ތަހުގީގު ފަށައިފި އެވެ.

ދުނިޔޭގެ އެންމެ ކާރުބާރު ބޮޑު ކޮނޑުއޮޅި ހަފުތާއެއްހާ ދުވަހަށް ބަންދުވުމުގެ ސަބަބުން ވިޔަފާރި މުދާ އެއް ގައުމުން އަނެއް ގައުމަށް އުފުލުމުގެ ޝެޑިއުލަށް ބޮޑު ބުރުލެއް އެރި އެވެ.

ސުއޭޒް ކެނަލް އޮތޯރިޓީ (އެސްސީއޭ) ގެ އެޑްވައިޒަރު ސައީދު ޝިޔާޝާ ވިދާޅުވީ އެމްވީ އެވަ ގިވަން ތަޖްރިބާކާރުން އަރައި، އެ ހާދިސާއާ ގުޅޭ މުހިންމު މައުލޫމާތު ހޯދާނެ ކަމަށެވެ. ތަހުގީގުގައި އެ ބޯޓުގެ ސަލާމަތީ ކަންކަމާއި ފަޅުވެރިންގެ އަމަލުތައް ހުރި ގޮތް ބަލާނެ އެވެ.

ކެނަލްގައި ހުރަސްވެ ދެ ކޮޅުން ބީހުނު ބޯޓު ފުންކުރުމަށް ފަހު މިހާރު އޮތީ ސުއޭޒް ކެނަލްގެ މެދުގައި އޮންނަ ގްރޭޓް ބިޓަ ލޭކުގައި އެންކަރުކޮށްފަ އެވެ.

ގާތްގަނޑަކަށް ހަތަރު ފުޓުބޯޅަ ދަނޑުގެ ދިގު ނުވަތަ 400 މީޓަރު (1،312 ފޫޓު) ގެ ބޯޓު ސުއޭޒް ކެނަލްގައި ހުރަސްވީ ގަދަވަޔާ އެކު އައި ވެލީގެ ތޫފާނެއްގެ ސަބަބުން ކެޕްޓަނަށް ދުރު ނުފެނުމުގެ ސަބަބުން ކަމަށް ބެލެވިފައިވެ އެވެ. ނަމަވެސް ކެނަލް އޮތޯރިޓީން ބުނެފައި ވަނީ އެއަށް ވުރެ ބޮޑަށް ބޯޓަށް ދިމާވި މެކޭނިކަލް މައްސަލައެއް ނުވަތަ ފަޅުވެރިންގެ ފަރާތުން ހެދުނު ގޯހަކުން ވެސް އެފަދަ ހާދިސާއެއް ހިނގައިފާނެ ކަމަށެވެ. ސުއޭޒް ކެނަލް ހުރަސް ކުރާ ބޯޓުތައް ދުއްވަން ތިބެނީ މިސްރު ޕައިލެޓުންނެވެ. އެމްވީ އެވަ ގިވަންގައި ވެސް މިސްރުގެ ދެ ޕައިލެޓުން ތިއްބެވެ.

ވިހި ހާސް ކޮންޓެއިނާ ޖެހޭ ދެ ލައްކަ ޓަނުގެ ބޯޓު ހޯމަ ދުވަހު ފުންކުރީ ބޯޓުގެ ފަށަން ދަށުން 30،000 ކޮޑި މީޓަރުގެ ވެެލި ނަގައި ފުންކޮށްގެންނެވެ. ބޯޓު ފުންކުރި ފަހުން ބުދަ ދުވަހާ ހަމައަށް ވަނީ 160 ބޯޓު ސުއޭޒް ކެނަލް ހުރަސްކޮށްފަ އެވެ. ކެނަލް ބަންދުވުމާ އެކު 400 ވަރަކަށް ބޯޓު ކިޔޫގައި ޖެހި ތާށިވި އެވެ. ކެނަލް އޮތޯރިޓީން ބުނެފައި ވަނީ އެ ހުރިހާ ބޯޓެއް ކެނަލް ހުރަސްކޮށް ކްލިއާވާން ތިން ދުވަސްވަރު ނަގާނެ ކަމަށެވެ.

ދުނިޔޭގެ ވިޔަފާރީގެ 12 ޕަސެންޓް މުދާ އުފުލަނީ 193 ކިލޯމީޓަރު (120 މޭލު) ދިގު، މެޑިޓެރޭނިއަން އާއި ރަތް ކަނޑު ގުޅުވާލަ ދޭ ސުއޭޒް ކެނަލް އިންނެވެ. އޭޝިއާ އިން ޔޫރަޕަށް ދަތުރުކުރާ ބޯޓު ފަހަރު އެފްރިކާ ވަށާލާފައި ދަތުރުކުރާ ނަަމަ ދަތުރަށް ދެ ހަފުތާވަރު އިތުރުވެ އެވެ.

ސުއޭޒް ކެނަލް ބަންދުވުމުގެ ސަބަބުން ވަނީ ދުވާލަކު 9.6 ބިލިއަން ޑޮލަރުގެ މުދާ ހިފެހެއްޓިފަ އެވެ. އަދި މިސްރަށް ވެސް ދުވާލަކު 15 މިލިއަން ޑޮލަރުގެ ގެެއްލުން ލިބުނު ކަމަށް ރިޕޯޓްތައް ބުނެ އެވެ.