Roadha Mihaaru
ކޮޕަންހޭގަންގައި ބަޑި ޖަހައި 3 މީހަކު މަރާލައިފި

ކޮޕަންހޭގަންގައި ބަޑި ޖަހައި 3 މީހަކު މަރާލައިފި

04 ޖުލައި 2022

ޑެންމާކްގެ ވެރިރަށް ކޮޕަންހޭގަންގައި ހުރި ޝޮޕިން ސެންޓަރެއްގެ ތެރެއަށް، ހަތިޔާރު ހިފައިގެން ހުރި މީހަކު ވަދެ، އާންމުންގެ ތެރެއަށް އިއްޔެ ބަޑި ޖަހައި ތިން މީހަކު މަރާލައި އިތުރު ތިން މީހަކު ޒަޚަމްކޮށްލައިފި އެވެ.

ޑެންމާކްގެ ވެރިރަށް ކޮޕަންހޭގަންގައި ހުރި ޝޮޕިން ސެންޓަރެއްގެ ތެރެއަށް، ހަތިޔާރު ހިފައިގެން ހުރި މީހަކު ވަދެ، އާންމުންގެ ތެރެއަށް އިއްޔެ ބަޑި ޖަހައި ތިން މީހަކު މަރާލައި އިތުރު ތިން މީހަކު ޒަޚަމްކޮށްލައިފި އެވެ.

އެ ސަރަހައްދުގައި ހުރި ފުލުހުންގެ އިދާރާ އިން ބުނި ގޮތުގައި ޝޮޕިން ސެންޓަރުގެ ތެރެއަށް ހަތިޔާރު ހިފައިގެން ވަދެ ބަޑިން ހަމަލާ ދިން މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ހުރީ 22 އަހަރުގެ ޒުވާނެކެވެ. އޭނާއަކީ ޑެންމާކްގެ ރައްޔިތެއް ކަމަށާއި، މި ހަމަލާގެ ފަހަތުގައި އެހެން މީހަކު ނުވަތަ އެހެން ބަޔަކު ތިބިތޯ ބެލުމުގެ ތަހުގީގު މިހާރު ވަނީ ފަށައިފަ އެވެ.

ފުލުހުން ބުނި ގޮތުގައި މި ހަމަލާގައި މަރުވި ތިން މީހުންނަކީ، 40ގެ އަހަރުތަކުގެ ފިރިހެނަކާއި ޒުވާން ދެ ފިރިހެނުންނެވެ. މި ހާދިސާގައި ޒަޚަމްވި ތިން މީހުންނަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އެ ތިން މީހުންގެ ހާލު ވެސް ސީރިއަސް ކަމަށް ފުލުހުން ބުނެ އެވެ.

މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ބުނަން އަދި ނޭނގުނަސް، އެފަދަ ހަމަލާއަކަށް ވުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް ފުލުހުން ބުނެ އެވެ. ތޮމަސެން ކިޔާ މީހަކު ދިން މިހަމަލާގެ ފަހަތުގައި އިތުރު ބަޔަކު ތިބި ކަމުގެ ހެއްކެއް މިހާތަނަށް ލިބިފައި ނެތަސް، ތަހުގީގު ކުރިއަށް ގެންދަނީ، އެފުރުސަތު ވެސް އޮވެދާނެ ކަމަށް ބަލައިގެން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި ޝޮޕިން ސެންޓަރުގެ ތެރޭގައި ބަޑި ޖެހުމުގެ ހާދިސާއެއް ހިނގި ކަމުގެ ރިޕޯޓް އެންމެ ފުރަތަމަ ލިބުނީ އިއްޔެ ހަވީރު 5:37 ހާއިރު އެވެ. އޭގެ 11 މިނެޓް ފަހުން ފުލުހުން އެ ޝޮޕިން ސެންޓަރަށް ދިޔައިރު، ބަޑި ޖެހި މީހާ އުޅުނީ އެ އިމާރާތުގެ ގޯތިތެރޭގައި ކަމަށާއި، ވަގުތުން ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށް ފުލުހުން ބުނެ އެވެ.

މި ހާދިސާއާ ގުޅޭ ގޮތުން ޑެންމާކްގެ ބޮޑުވަޒީރު މެޓް ފްރެޑެރިކްސެން ވިދާޅުވީ "އަހަރެމެންގެ މި ރީތި އަދި އާންމު ގޮތެއްގައި އަމާންކަމުގައި މަޝްހޫރުވެފައިވާ ހިތްގައިމު ވެރިރަށް ސިކުންތެއްގެ މަދު ހިނދުކޮޅެއްގެ ތެރޭގައި މުޅިން ބަދަލުވެއްޖެ" ކަމަށެވެ. އަދި މިއީ ހިތް ހަލާކުވެ ބަސް ހުއްޓިގެން ދިޔަ ހާދިސާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަޑި ޖެހުމުގެ ހާދިސާ ހިނގި ވަގުތު ޝޮޕިން ސެންޓަރުގެ އެތެރޭގައި ތިބި ބައެއް މީހުން ބުނި ގޮތުގައި، ހަތިޔާރު އަޅައިގެން ހުރި މީހަކު އެ ތަނުގެ އެތެރެ އަށް ވަދެ އަޑު ގަދަކުރަން ފެށުމުން، އެންމެން ވެސް ހީކުރީ ފޭރެން އުޅޭ ވަގެއް ކަމަށެވެ. ނަމަވެސް އިރުކޮޅަކުން ތަނެއްދޮރެއް ނުބަލައި، މީހުންތަކުގެ ތެރެއަށް ބަޑިޖަހަން ފެށީ ކަމަށް، އެ ތަނުގައި ތިބި މީހުންނާ ހަވާލާދީ ޑެންމާކްގެ ނޫސްތަކުން ބުނެ އެވެ.

މިފަދަ ހާދިސާއެއް މީގެ ކުރިން ޑެންމާކްގައި އެންމެ ފަހުން ހިނގާފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައި، ވެރިރަށް ކޮޕަންހޭގަންގެ މެދުތެރޭގައި ހުންނަ ސަގާފީ މަރުކަޒެއްގެ ބޭރުގަ އެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ބެހޭ ގޮތުން، އެ މަރުކަޒުގައި ބޭއްވި ބަހުސެއް ކުރިއަށް ދިޔަ ވަގުތު، ހަތިޔާރު އަޅައިގެން ހުރި މީހަކު ބަޑިޖެހުމުގެ ސަބަބުން ދެ މީހަކު މަރުވެ ހަ މީހަކު ޒަޚަމްވި އެވެ. އެއަށް ފަހު، މާ ދުރު ނޫން ހިސާބެއްގައި ހުރި ޔަހޫދީ ފައްޅިއެއްގެ ބޭރުގައި ހުރި މީހެއްގެ ގަޔަށް ބަޑިޖަހައި މަރައިލި އެވެ.