Roadha Mihaaru
އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުން އައިސީޔޫގައި

އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުން އައިސީޔޫގައި

05 ޖުލައި 2022

މާލޭ އެކުވެނި ޓްރެކާ ދިމާލުން ބޭރު މަގުގައި ކާރެއް ކޮންޓްރޯލުން ނެއްޓި ގޮސް، ބަހެއްގައި ޖެހިގެން ހިނގި އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުންނަށް ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭ އެކުވެނި ޓްރެކާ ދިމާލުން ބޭރު މަގުގައި ކާރެއް ކޮންޓްރޯލުން ނެއްޓި ގޮސް، ބަހެއްގައި ޖެހިގެން ހިނގި އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުންނަށް ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އިއްޔެ އިރުއޮއްސުނު ވަގުތު ބޯކޮށް ވާރޭވެހެމުންދަނިކޮށް ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި އެކަކު ވަނީ ފަރުވާދެމުންދަނިކޮށް މަރުވެފަ އެވެ. މަރުވީ ގއ. މާމެންދޫ، 23 އަހަރުގެ މަރްޔަމް އަމާނީ ރަޝީދެވެ.

އެ އެކްސިޑެންޓުގައި ކާރުގައި ތިބި އިތުރު ހަތަރު މީހަކަށް އަނިޔާވެ އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނައިރު އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހަތަރު މީހުންނަށް ވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. އޭގެ ތެރެއިން ތިން މީހަކަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދެ އަންހެނަކާއި ދެ ފިރިހެނުންނަށް ދަނީ އައިސީޔޫގައި ފަރުވާދެމުން. ތިން މީހުން އޮތީ ވެންޓިލޭޓަރުގައި،" އޮފިޝަލް ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި އެ އެންމެނަކީ ވެސް ކާރުގައި ތިބި މީހުންނެވެ.

އެ އެކްސިޑެންޓުގައި ބަސް ދުއްވި މީހާއި އޭގައި އެހީތެރިންގެ ގޮތުގައި ތިބި މީހުންނަށް ލިބިފައިވަނީ ކުދިކުދި އަނިޔާތަކެކެވެ.

އެކްސިޑެންޓުވި ވަގުތުގެ ވީޑިއޯ އާންމުވެފައިވާއިރު އެއިން ފެންނަ ގޮތުގައި އެކްސިޑެންޓުވި ރަތް ކުލައިގެ ކާރު އައީ މެރީ ބްރައުން ރެސްޓޯރަންޓާވީ ކޮޅުން ބާރު ސްޕީޑުގައި ކާރު ދުއްވާ ލޭނުންނެވެ. އެވަގުތު މަގުގެ އަނެއް ކޮޅުން އެމްޓީސީސީގެ ޑަބަލް ޑެކާ ބަހެއް ދަތުރުކުރި ނަމަވެސް ދެ ވެހިކަލް ވެސް އޮތީ ކުރިމައްޗަށް ދިމާނުވާ ގޮތަށް މަގުގެ ދެ ފަޅީގަ އެވެ.

އެކަމަކު ކާރު ކޮންޓްރޯލުން ނެއްޓިގެން ގޮސް ބަހުގައި ޖެހުނީ އެވެ.