Roadha Mihaaru
މާލޭގެ ގެއެއްގެ ފުރާޅުމަތީގައި އޮތް މީހަކަށް ފަރުވާދެނީ

މާލޭގެ ގެއެއްގެ ފުރާޅުމަތީގައި އޮއްވައި ފެނުނު މީހަކަށް ފަރުވާދެނީ، ހާލު ސީރިއަސް

04 އެޕްރީލް 2024

މާލޭގެ ގެއެއްގެ ފުރާޅުމަތީގައި އޮއްވައި މިރޭ ފެނުނު މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގެ ގެއެއްގެ ފުރާޅުމަތީގައި އޮއްވައި މިރޭ ފެނުނު މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.

އެ މީހާ ފެނުނީ މ. ސުންދަރުގެ 10 ވަނަ ފްލޯގެ ޓެރެސްއާ ޖެހިގެން ހުރި ތިން ބުރީގެ މ. ކަނޑުނޫގޭގެ ފުރާޅުމަތީގައި އޮއްވަ އެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކު ގެއެއްގެ ފުރާޅުމަތީގައި އޮއްވައި ފެނިގެން ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެ މީހާ ވެއްޓުނީ ކަމެއް ނުވަތަ ފުންމާލީ ކަމެއް އަދި ސާފު ނުވާ ކަމަށާއި އޭނާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

ޑޮކްޓަރުންނާ ހަވާލާދީ ޝިފާން ވިދާޅުވީ އެ މީހާގެ ހާލު ސީރިއަސް ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ އިތުރު ތަފުސީލެއް ނުލިބެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނީ އެ މީހާ ފުރާޅުމަތީގައި އޮއްވައި ސިފައިން ގޮސް އޭނާ ސްޓްރެޗާ އަކަށް އަރުވާ މަންޒަރެވެ. އޭނާ އޭރު އޮތީ ބަންޑުންނެވެ.