Roadha Mihaaru
އަންހެންމީހާގެ ކަރުން ފަށް ދަމައިގަތް މީހާ ބަންދަށް

އަންހެން މީހާގެ ކަރުން ފަށް ދަމައިގަތް މީހާ ވެސް ހައްޔަރުކޮށްފި

18 އޯގަސްޓް 2022

މާލޭގެ މަގުމަތިން ދިޔަ ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ދަމައިގަނެ، ފޭރިގަތް މީހާ ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ މަގުމަތިން ދިޔަ ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ދަމައިގަނެ، ފޭރިގަތް މީހާ ހައްޔަރުކޮށްފި އެވެ.

މީގެ ތިން ދުވަސްކުރިން، އެ އަންހެން މީހާގެ ފަށް ފޭރިގަތީ ދިލްބަހާރު މަގުން އޭނާ ހިނގާފައި ދަނިކޮށް، ސައިކަލެއްގައި ދިޔަ ދެ ފިރިހެނުންނެވެ. އެ ސައިކަލު ދުއްވަން އިން މީހާ ވަނީ މީގެ ކުރިން ހައްޔަރުކޮށްފަ އެވެ.

ފަށް ފޭރިގަތް މައްސަލައިގައި ހައްޔަރުކުރީ ގދ. ތިނަދޫ، އޯކިޑްމާގޭ މުހައްމަދު ޝަމްލީން، 32، އެވެ. އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު ވަނީ 30 ދުވަސް ދީފަ އެވެ.

ކުށުގެ ރިކޯޑް ގިނަ މުހައްމަދު ޝަމްލީން ބަންދުކުރަން ނެރުނު ކޯޓު އަމުރުގައި ބުނީ ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށާއި އަދި ސީސީޓީވީ ފުޓޭޖުތައް ވެސް ލިބިފައިވާ ކަމަށެވެ.

އެ މައްސަލައިގައި ކުރިން ހައްޔަރުކުރީ މުހައްމަދު އަލްތާފް، 31، އެވެ. އޭނާގެ ބަންދަށް ކޯޓުން އިއްޔެ 15 ދުވަސް ދީފައިވެ އެވެ.

އޭނާ ކޯޓުގައި ބުނެފައި ވަނީ ފުލުހުންނަށް އެއްބާރުލުން ދީފައިވާ ކަމަށާއި ވަގަށް ނެގި ފަށް ވެސް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެ ފަށް ހޯދީ ރަން ހަދާ ތަނަކަށް ވިއްކާލާފައި އޮއްވައި ކަމަށް ވާއިރު އަލްތާފް ބުނެފައި ވަނީ ފަށް ވިއްކާލި ތަން ދެއްކީ ވެސް އޭނާ ކަމަށެވެ.

އަލްތާފް ބުނި ގޮތުގައި އޭނާ ބަންދުގައި ބަހައްޓައިފި ނަމަ ވަޒީފާ ގެއްލޭނެ އެވެ. އަދި މަންމައަކީ ބަލި މީހެއް ކަމަށް ބުންޏެވެ.

ފޭރުނީ އަލްތާފްގެ ބައިވެރިވުމެއް ނެތި ކަަމަށް އޭނާ ބުންޏަސް ފުލުހުން ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި ސީސީޓީވީ ފޫޓޭޖްގެ ސްނެޕްޝޮޓްތަކަށް ބަލާއިރު އޭނާގެ ބައިވެރިވުމެއް އޮތް ކަމަށް ޝަރީއަތަށް ބެލޭ ކަމަށް ވެސް އަމުރުގައި ބުނެފައިވެ އެވެ. އަދި އޭނާ އަކީ އެކި މައްސަލަތަކުގައި މީގެ ކުރިން ވެސް ހައްޔަރުކޮށްފައިވާ މީހެއް ކަމަށް އަމުރުގައިވެ އެވެ.

އާންމުވި ވީޑިއޯ އިން ފެންނަނީ އަންހެން މީހާއާ ސައިކަލް ކައިރިކޮށް، ސައިކަލުގެ ފަހަތުގައި އިން މީހާ، ފަށް ޖަހައިގަތުމުން ސައިކަލް ދުއްވާލާ ތަނެވެ. އޭރު އަންހެންމީހާ ހުރީ ހަދާނެ ގޮތެއް ނޭނގި ހުއްޓުންއަރައިފަ އެވެ.