Roadha Mihaaru

ހިތް

އާދިއްތަ ދުވަހާ ގުޅޭ

ހިތް
ބިންމާ އިބްރާހިމް ވަހީދު
ބިންމާ އިބްރާހިމް ވަހީދު

07 ޑިސެމްބަރ 2022

އާދިއްތަ ދުވަހާ ގުޅޭ

"އެކަމަކު ކޮންމެ މީހަކު ވެސް އެކްސިޑެންޓެއް ވެދާނެ ދޯ؟" ބަދަލުހިފުމުގެ ރާގެއްގައި އޭނަ ބުންޏެވެ.

މުޖުތަބާ ގެއިން ނުކުންނާނެ ވަގުތެއްގެ އިންތިޒާރުގައި މީހަކު އިނެވެ. އެ މީހެއްގެ އަތުގައި އޮތީ ބައްތިފޯނެކެވެ. އެ ފޯނުން އިރުއިރުކޮޅާ ގަޑިބަލައިލައެވެ. ނަޒްދާ ވެސް އޮތީ ގަޑިއަށް ބަލަހައްޓައިގެންނެވެ. ގަޑިން ރޭގަނޑު ނުވަގަޑި ބައިވަނީއެވެ. ދަރިފުޅާ ވާހަކަދައްކާ ހިތުން ނަޒްދާއަށް އޮވެވެނީކީ ނޫނެވެ. ދަރިފުޅު ވެސް ނަޒްދާ މަތިން ހަނދާންކުރާނެކަން ނަޒްދާއަށް ކަށަވަރެވެ. އެހެނަސް، އެހެން މީހަކު ނަޒްދާއަށް ގުޅައިދީގެން ނޫނީ ދަރިފުޅަކަށް ނަޒްދާއަކާ ނުގުޅޭނެއެވެ.

"އަޅެ ގުޅާބަލަ!" އަޒާން އޭރު ވެސް ކިޔައެވެ.

އަޒާން ގާތުގައި އިނީ ނީޒާއެވެ. އަޒާންގެ ދޮންމަންމައެވެ. އެހެނަސް ނީޒާ ހިތުން ނީޒާއަކީ އަޒާންގެ މަންމައެވެ.

"މަންމަ އެތައް ފަހަރަކު ގުޅައިފީމޭ ދަރިފުޅާ!" ނީޒާ ވަރަށް ދެރަވެފައި ބުންޏެވެ. "މަންމަ ފޯނެއް ނުނަގައޭ. ދެން ރީތިކޮށް ބަސްއަހައިގެން ނިދާލާ! މާދަން ގުޅާނީ."

ނީޒާ ހެދީ ދޮގެކެވެ. އެންމެ ފަހަރަކު ވެސް ނަޒްދާއަކަށް ނީޒާ ނުގުޅައެވެ. ގުޅާކަށް ވެސް ބޭނުމެއް ނޫނެވެ. އެ ވަގުތަށް އަޒާން އެއްބަސްވިއެވެ. އެނދުގައި ހަމަޖެހިލައި، ލޯމަރައިލިއެވެ. ނީޒާއަށް ނަޒްދާ ގުޅީ އެ ވަގުތުއެވެ. ފޯނުގެ އަޑު ކަނޑައިލާފައި އޮތުމުން ފޯނު ރަނގަބީލުވާ އަޑެއް އަޒާނަކަށް ނީވެއެވެ. ނީޒާ ކޮޓަރިން ނުކުތެވެ. ފޯނަށް ބަލަމުން ސޯފާގައި އިށީނެވެ. ނަޒްދާ ކޮށްފާނެ ހުރިހައި ސުވާލަކަށް ދޭނެ ޖަވާބަކާ މެދު ނީޒާ ވިސްނިއެވެ. އެއަށް ފަހު ފޯނު ނެގިއެވެ.

"ނަޒްދާޔާ ހަމަ ގުޅަން އުޅެނިކޮށް ތި ގުޅީ،" ނީޒާ ވަރަށް އެކުވެރި ރާގެއްގައި ބުންޏެވެ. "އަސްލު ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ފާސްޓުކޮށް. މުޖޫ ގާތުގަ އަހަރެން ބުނިން ކީއްކުރަންހޭ އަހަންނާ މެރީ.."

އެ ވާހަކަތައް އެހުމުގެ އެއްވެސް ޝައުގުވެރިކަމެއް ނަޒްދާގެ ނެތެވެ. ވީކަމެއް ވީއެވެ. މައްސަލައަކީ ނީޒާއެއް ނޫނެވެ. މުޖުތަބާއެވެ. ނަޒްދާ ދެކެ މުޖުތަބާ ލޯބިވި ނަމަ، ނީޒާ ކިތަންމެ ބޭނުމަސް އެ ކައިވެންޏެއް ނުކުރެވުނީހެވެ. ނަޒްދާ ބޭނުންވީ ގުޅުން އިތުރަށް ގޯސްނުކުރާށެވެ. ދަރިފުޅާ ބައްދަލުކުރުމުގެ ހަނި ނަމަވެސް ފުރުސަތެއް ތަނަވަސްކުރުމަށް ޓަކައި ނީޒާ ރުއްސަން ނަޒްދާއަށް މަޖުބޫރެވެ.

"އަޒާނަށް ގޮވާލަދީފާނަން." ނަޒްދާ އެދުނެވެ.

"އަޅެ އަހަރެން ވެސް އަޒާން ގާތުގަ ކިތަންމެ ފަހަރަކު ބުނެފިން ނަޒްދާއަށް ގުޅާލަން ހިނގާށޭ،" އަނެއްކާ ވެސް ނީޒާ ހެދީ ދޮގެކެވެ. "ހަމަ އެއްބަހެއް ނުވި. ދެން ގަދަކަމުން ކިހިނެއް.."

ނަޒްދާ ފޯނުކަނޑައިލިއެވެ. ދެން ވެސް ރޯކަށް ނޭނގުނެވެ. ނީޒާ ހެދީ ދޮގެއްކަން ނަޒްދާއަށް ކަށަވަރެވެ. އަޒާން އެހެނެއް ނަހަދާނެއެވެ. ނަޒްދާއަށް އޮތް ހަމަ އެކަނި ގޮތަކީ ދަރިފުޅު ދެކިލަން ދިޔުމެވެ. ކޮންމެ ގޮތެއް ވިޔަސް ދަރިފުޅު ދެކިނުލާ ދެނެއް ނަޒްދާގެ ލޮލަކަށް ނިންޖެއް ނާންނާނެއެވެ. އެހެން ގޮތެއް ވެސް ނަޒްދާއަށް ވިސްނުނެވެ. އެއީ ނީޒާޔާ ގުޅައިގެން އާދޭސްކުރުމެވެ. މަންމައެއްގެ ހިތް ކިރިޔާ ވެސް ވިސްނޭނީ އަންހެނަކަށެވެ. އެކި ގޮތްގޮތަށް، އެތައް އިރަކު ވިސްނުމަށް ފަހު އަނެއްކާ ވެސް ނީޒާއަށް ގުޅިއެވެ. ރަނގަބީލުވާ އަޑު ނަޒްދާއަށް ނުވެސް އިވެނީސް ނީޒާ ފޯނުނެގިއެވެ.

"އަހަރެ..." ނަޒްދާއަށް ބުނެވުނީ އެ ހިސާބަށެވެ.

"މުޖޫ އެކްސިޑެންޓުވެގެން ހޮސްޕިޓަލުން ދެންމެ ގުޅައިފި،" ވަރަށް ހާސްވެފައި ނީޒާ ބުންޏެވެ. "ފަހުން ގުޅާނަން."

އެ ހިސާބުން ފޯނުކެނޑުނެވެ. ނަޒްދާގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ. ކޮންމެ ގޮތެއް ވިޔަސް މުޖުތަބާއަކީ އަޒާންގެ ބައްޕައެވެ. ބައްޕަޔަކާ ނުލައި އަޒާން ބޮޑުވާކަށް ނަޒްދާ ބޭނުމެއް ނޫނެވެ. ވީ ކޮން ކަހަލަ އެކްސިޑެންޓެއްކަމެއް، މުޖުތަބާއަށް ވީ ކިހިނެއްކަމެއް، އޭނަ އޮތީ ކޮން ހޮސްޕިޓަލެއްގައިކަމެއް ވެސް ނަޒްދާއަކަށް ނޭނގެއެވެ. ވިސްނަން އިންދައި މޫމިނާ ވަނެވެ.

"ކޮބާ ހިނގާ ކާން،" މޫމިނާ ބުންޏެވެ. "ނަޒޫ ނުކާތީ އަހަރެން ވެސް މިހިރީ ނުކައި."

"ދެންމެ ނީޒާއަށް ގުޅީމަ ބުނީ މުޖޫ އެކްސިޑެންޓުވެއްޖޯ!" ދެލޯ ބޮޑުކޮށްލައިފައި ނަޒްދާ ބުންޏެވެ.

"އޭނ؟" މޫމިނާއަށް ވެސް ލިބުނީ ސިހުމެކެވެ.

މޫމިނާ ސިހުނީ އެކްސިޑެންޓުވީމައެއް ނޫނެވެ. އެކްސިޑެންޓު ވެދާނެކަމަށް މީހަކު ބުނެފައިވާތީއެވެ.

"އެހެން ބުންޏަސް އަހަރެން ހިޔެއްނުކުރަން އޭނަ އެހެން ހަދާނެކަމަކަށް." ބޭއިހުތިޔާރުގައި މޫމިނާއަށް ބުނެވުނެވެ.

"ކާކު؟" ނަޒްދާ އެހިއެވެ.

މުޖުތަބާ ގައިގައި ޖެއްސި މީހަކު ޖެއްސީ، ފިހާރަޔަކުން އެއްޗެއް ގަނެގެން މުޖުތަބާ ނުކުތް ވަގުތު ފުރަގަހުންނެވެ. ޖައްސާފައި އެ މީހާ ފިލީއެވެ. ބޮޑަށް އަނިޔާވީ ކަނާތު ފަޔަށެވެ. ޑަކުޓަރު ބުނި ގޮތުގައި، ބިންދައިގެންދިޔަ ކަށިގަނޑު ފަސޭހަވެ، ކުރިން ހުރި ގޮތަށް ރުޖޫއަނުވުމަކީ ގާތްކަމެކެވެ. އެހެން ވެއްޖެ ނަމަ، އަސައެއްގެ އެހީ ބޭނުންވެދާނެއެވެ. އެ މައުލޫމާތު ނަޒްދާއަށް ލިބުނީ ޖެހިގެން އައި ދުވަހުއެވެ. އޮތް ހޮސްޕިޓަލު ހޯދައިގެން މުޖުތަބާޔާ ބައްދަލުކުރަން ނަޒްދާ ދިޔައެވެ. މޫމިނާޔާ އެކުގައެވެ. އޭރު ވެސް މުޖުތަބާ ކައިރީގައި ނީޒާ އިނެވެ. ނަޒްދާ އައުމުން މުޖުތަބާ ވަރަށް ހިތްހަމަނުޖެހުނެވެ.

"މި ތަނަށް ނައިސް ފޯނުން ގުޅާލި ނަމަ.." މުޖުތަބާ ބުންޏެވެ.

ނަޒްދާ ދެކެ މުޖުތަބާ އެ ވަރަށް ފޫހިވާންޖެހޭ ސަބަބެއް ނަޒްދާއަކަށް ނުވިސްނެއެވެ. އަންބެއް ގޮތުގައި ހުރި އިރު ވެސް، ނަޒްދާއަކީ ފިރިމީހާ ބުނި ހުރިހައި ގޮތަކަށް ރުހިގެން، ކެތްތެރިވެގެން، ޝަކުވާނުކޮށް ހުރި މީހެކެވެ. ނަޒްދާއަކީ ނެތް މީހެއްކަމަށް ބަލައި، ހުރިހައި ވެސް މީހަކީ މުޖުތަބާ ކަމުގައި ބެލި މީހެކެވެ. މުޖުތަބާގެ ދަރިފުޅުގެ މަންމަ ވެސް މެއެވެ. އެހެން މީހަކާ މުޖުތަބާ އިނދެފައި ނަޒްދާ ވަރިކުރަންޖެހޭ ސަބަބެއް ނަޒްދާއަކަށް ނުވިސްނެއެވެ. ތެދަށް ބުނާ ނަމަ، ފިރިހެނުން ވެސް ނަޒްދާއަކަށް ނުވިސްނެއެވެ. ނަޒްދާގެ ނަޒަރުގައި ފިރިހެނުންނަކީ ސިފަބަދަލުކޮށްގެން އުޅޭ ބައެކެވެ. އިތުބާރުކުރަން ހެޔޮވާ ވަރު ބައެއް ނޫނެވެ.

"މާ ގިނަ އިރު އިންނާކަށް ނޫނޭ މިއައީ،" ނަޒްދާ މަޑުމަޑުން ބުންޏެވެ. "ހާލުބަލައިލަން މިއައީ. އަހަރެން އަޒާން ގެންދަންތަ؟ މުޖޫއަށް ވެސް ފަސޭހަވާނެ."

"ތީ ތި އައި ކަމަކީ،" މަލާމާތުގެ ރާގަކަށް މުޖުތަބާ ބުންޏެވެ. "ނަޒްދާއަށް އަބަދު ވެސް މުހިންމުވާނީ ދަރި! އަހަރެންނަކީ ބޭކާރު މީހެއް."

މުޖުތަބާ އެހެން ބުނި އިރު، ނަޒްދާ ކައިރީގައި މޫމިނާ ވެސް ހުއްޓެވެ. އެ ހިސާބުން މޫމިނާ ނުކުތީއެވެ. ނީޒާ ހުއްޓެވެ. ނަޒްދާ ހިތަށްއެރިއެވެ. މުޖުތަބާއަށް އެހެން ބުނަން ކެރުނީ ވެސް ކީއްވެ ހެއްޔެވެ؟ ނަޒްދާގެ ހުރިހައި އުފަލެއް ގުރުބާންކުރީ މުޖުތަބާއަށް ނޫން ދެން އެހެން ކާކަށް ހެއްޔެވެ؟

"ކޯޓަށް ފޯމުލާ!" މުޖުތަބާ ދިނީ ހަރުކަށި ޖަވާބެކެވެ. "އެ ނޫން ގޮތަކަށް އަޒާނެއް ނުލިބޭނެ. ދެން ދާންއުޅޭ! ރެސްޓުކުރަންވެއްޖެ!"

ނަޒްދާއަށް ރޮވުނީ އެ ފަހަރުއެވެ. ވަރިކުރީއް ސުރެ ހިފާއްޓައިގެން ހުރި ހުރިހާ ކަރުނައެއް އެއްފަހަރާ އޮހިގަތް ކަހަލައެވެ. ނަޒްދާ އާދޭސްކުރިއެވެ. ދެފައިގައި ވެސް ހިފިއެވެ. ނީޒާ ހުރީ މުޖުތަބާއަށް ކަޅިއަޅައިގެންނެވެ. އެ ހުއްދަ ނުދިނުމަށް، ހުއްޓައިނުލައި ބޮލުން އިޝާރާތްކުރިއެވެ. ކޮޓަރިން ނުކުތް އިރު ނަޒްދާ ހުރީ ރޮއިރޮއި ހަލާކުވާ ވަރު ވެފައެވެ. މޫމިނާގެ އެހީތެރިކަން ނުލިބުނު ނަމަ ނަޒްދާއަށް ނުވެސް ހިނގުނީހެވެ. އަތުލަފިކޮށްގެން ކަހަލަ ގޮތަކަށް ނަޒްދާ ގޮވައިގެން ނުކުތް އިރު، ތަންކޮޅެއް ދުރުގައި "އޭނަ" ބަލަން ހުއްޓެވެ. މޫމިނާ ދިޔައީ އޭނައަށް ރުޅިމޫނު ދައްކައިލާފައެވެ. ވަގުތުން އޭނަ ގުޅިއެވެ. މޫމިނާ ފޯނެއް ނުނަގައެވެ.

ގެއަށް އައިސްފައި ވެސް ރުއިން ނޫންކަމެއް ނަޒްދާ ނުކުރެއެވެ. ނުވެސް ކައެވެ. މޫމިނާ އެއްކަމެއް ކޮށްދީފައި، އަނެއް ކަމެއް ކޮށްދީފައި އުޅެއެވެ. ދެވަނަ ފަހަރަށް އޭނަ ގުޅުމުން ވެސް މޫމިނާ ފޯނެއް ނުނެގިއެވެ. މުޖުތަބާއަކީ ނުބައި މީހެއްކަން މޫމިނާއަށް ވެސް އެނގެއެވެ. އެކަމަކު މުޖުތަބާއަށް ވިޔަސް އަނިޔާކުރުން މޫމިނާ ބަލައެއްނުގަންނާނެއެވެ. ބަލައިގެންފި ނަމަ މުޖުތަބާޔާ އެހެން މީހުންނާ ހަމަހަމަވީއެވެ.

އިރު އޮއްސުމުން، ޑިއުޓީ ނިންމާފައި މޫމިނާ ނުކުތް ވަގުތު ކާރެއް އައިސް މަޑުކޮށްލިއެވެ. އެއީ ކާކުގެ ކާރެއްކަން މޫމިނާއަށް އެނގެއެވެ. އެހެންވެ، ކާރު ނުފެންނަކަމަށް ހަދައިގެން ސައިކަލާ ދިމާއަށް މޫމިނާ ހިނގައިގަތެވެ. މޫމިނާ ފަހަތުން ކާރު އަންނަން ފެށިއެވެ.

"ކާރަށް އަރާބަލަ!" އާދޭހުގެ ރާގަކަށް އޭނަ އެދުނެވެ. "ޕްލީޒް!"

"ނާރައިފިއްޔާ އަހަރެން ގައިގަ ކާރުން ޖައްސާނީތަ؟" މޫމިނާ ނުވެސް ބަލައި ބުނެލިއެވެ. "މުޖޫ ގައިގަ ޖެއްސިހެން."

"އޭނ؟" އޭނައަށް ލިބުނީ ވަރުގަދަ ސިހުމެކެވެ. "ކާރުން ޖައްސާނީޔޭ؟ މަ ކީއްކުރަން މުޖޫ.."

"ބުނަން ވާހަކައެއް،" ހަތަރުކަޅި ހަމަކޮށްފައި މޫމިނާ ބުންޏެވެ. "ކުރިން ކުރި ކަންތަކަށް ނަޒޫ ހުރީ މާފުކުރާ ގޮތަށް. އެކަމަކު ދެން ނަޒޫ ހަނދާންނައްތާލާ! ތީ ވެސް ހަމަ މުޖޫ ކަހަލަ، މީހުންނަށް އަނިޔާކުރާ މީހެއް. ބޭނުމެއް ނޫން ތި ކަހަލަ މީހުންނާ ވާހަކަދައްކާކަށް."

ދައްކަން ގަސްތުކުރި ހުރިހައި ވާހަކަތައް އެތެރެއަށް ހިންދައިލައިފައި، އޭނަ ބޭރުކޮށްލީ ފުން ނޭވައެކެވެ.

"އޯކޭ!" އިތުރަށް ވާހަކަދައްކާކަށް އޭނަ ބޭނުމެއް ނުވިއެވެ. "އިރުކޮޅަކުން އަޒާން ގެންނާނެ ތި ގެއަށް. އެ ވާހަކަ ބުނެލަން ބޭނުންވީ. ބައި."

އޭނަ ކާރު ދުއްވައިލުމުން މޫމިނާ ކާރުގައި ދެ ފަހަރަކު ޖަހައިލިއެވެ. ކާރު މަޑުކުރުމުން މޫމިނާ ކާރަށް އެރިއެވެ. އަޒާން ގެނައުމަކީ ނަޒްދާގެ ހިތާމައަށް ލިބޭ ދާއިމީ ހައްލެކެވެ. ކުރަން އުނދަގޫ، ވާނެކަމަށް މޫމިނާ އުންމީދު ވެސް ނުކުރި ކަމެކެވެ. އަމުދުން އެހައި އަވަހަށެވެ. އެ ފަދަ ހެޔޮކަމެއް ކޮށްދިން މީހަކަށް އެއް ހާސް ފަހަރު ޝުކުރުއަދާކުރިޔަސް މޫމިނާއަށް އެ ވަރު މަދެވެ. މޫމިނާ ކާރަށް އެރުމުން ކާރު ދުއްވައިލިއެވެ.

"ސީރިޔަސްކޮށް؟" މޫމިނާ އެހިއެވެ. "ކިހާ ވަރެއް ދިނީމަ މުޖޫ އެއްބަސްވީ؟ އެއް ލައްކަ؟ ދެ ލައްކަ؟"

"އަހަރެން ރަނގަޅަށް ވިސްނާލި އިރު، މުޖޫއަކާ ނޫނޭ ޑީލްކުރަންޖެހެނީ. މުޖޫއަކީ ޕަޕެޓެއް،" އޭނަ ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "ޕަޕެޓު މާސްޓަރަކީ ނީޒާ. އޭނަ އަތުގަ ކޮންޓުރޯލު އޮންނަނީ. މާ ބޮޑު އެއްޗެއް ދޭކަށް ނުވެސް ޖެހުނު. ފުރަތަމަ ވެސް އަހަރެން ބުނީ މިލިޔަނެކޭ."

ނުނިމޭ