ބުދަ ދުވަހާ ގުޅޭ
18 ޑިސެމްބަރ 2022
ބުދަ ދުވަހާ ގުޅޭ
ދޮރު ހުޅުވައިލުމާއެކު ނަޒްދާ ދިޔައީ ސިއްސައިގެންނެވެ. މުޅި ގޭގައި ހުރީ ނަޒްދާގެ ފޮޓޯ ހަރުކޮށްފައެވެ. އާދައިގެ ފޮޓޯއެއް ނޫނެވެ. އިސްކޮޅަށް ވުރެ ބޮޑެތި ފޮޓޯއެވެ. ބުރުގާއެޅި ފަހުން ނަގާފައިވާ ފޮޓޯއެވެ. ހުރިހައި ފޮޓޯއެއް ވެސް ހުރީ ކަޅާއިހުދުންނެވެ. ފޮޓޯއެއް ކައިރިއަށް ނަޒްދާ ހުއްޓުމުން ހީވަނީ ނަޒްދާއަކީ ކުޑަކުއްޖެއްހެންނެވެ.
"ހިތަށްއަރާފާނެ ހުރިހާ ފޮޓޯއެއް ބްލެކް އެންޑް ވައިޓްކޮށް ހުރީ ކީއްވެބާއޭ؟" އޭނަ ބުންޏެވެ. "އެއީ އަހަރެންގެ ލައިފަށް ނަޒްދާ ނާންނާތީ. މީހުން ކިޔާ އަހަންނަކީ ކިހާ މުއްސަނދި މީހެއްހޭ. އެއީ ތެދެއް. ބައްޕަ ދިޔައީ ހުރިހާ އެއްޗެއް އަހަންނަށް ދީފަ. އަހަރެން ވަރަށް މުއްސަނދި. ދުނިޔޭގެ ބޭނުން ތާކަށް ބޭނުން ދުވަހަކު ދާންވީ. ކީއްކުރަން؟ ކޯޗެެއް ބަލަން؟ އަހަންނަކަށް ހިޔެއްނުވޭ އެއްވެސް މަންޒަރެއް ކުލަހެނެއް. ކޮން ރީއްޗެއްވާނީ؟ އުޑުގަ ހުންނަންޖެހޭ ނޫކުލަޔާ، ގަހުގަ ހުންނަޖެހޭ ފެހިކުލަ ފިލައިގެންދިޔަތާ އެތައް އަހަރެއްވެއްޖެ."
ނަޒްދާގެ ތުންފަތަށް ވެރިވި ލުއި ހިނިތުންވުމަށް އިސްތިގުބާލުކުރީ ލޮލުން ފޭދުނު ކަރުނައެވެ. އެއީ އުފާވެރިކަމުގެ ކަރުނައެވެ. ޝުކުރުވެރިކަމުގެ ކަރުނައެވެ. ދިރިއުޅުން އެފުށްމިފުށަށް ޖެހުނު ވަގުތު އަތުގައި ހިފި މަދަދުވެރިޔާއަށް ޓަކައި ހިތުގައި އުތުރިއެރި ލޯތްބެވެ. ހަމަ އެކަނި ހުދުކުލައާއި ހުދުކުލައިގެ ފަރުނީޗަރުން ފަޅުފިލުވައިފައިވާ ތަނަވަސް ގޭގެ ފާރުކައިރިން ނަޒްދާ މަޑުމަޑުން ހިނގިއެވެ. ނަޒްދާގެ ފޮޓޯތަކަށް ބަލަމުންނެވެ.
"އެތައް އަހަރެއް ވެއްޖޭ؟" މަޑުމަޑުން ނަޒްދާ ބުނެލިއެވެ. "ކޮބާ އޭގެ މާނައަކީ؟"
"ތި ސުވާލަށް ޖަވާބުދޭށޭ މި ގެނައީ،" ނަޒްދާއަށް ވުރެ ތަންކޮޅެއް ފަހަތުން ހިނގަމުން އޭނަ ބުންޏެވެ. "މިރެއަކީ، އެއް ގޮތަކުން ވެއްޖެއްޔާ ވަރަށް އުފާވެރި ރެއެއް. އަނެއް ގޮތަކުން ވެއްޖެއްޔާ... ދެން އިހަށް ކުރިނުމަރަމާ ހިނގާ! ނަޒްދާއަށް އެނގޭތަ؟ ކުޑައިރުއް ސުރެ އަހަރެން ލޯބިވީ އެންމެ ކުއްޖެއް ދެކެ. ލޯބިވިއޭ ބުންޏަސް ހިޔެއްނުވޭ އޭގެ މާނަ ވިސްނޭނެހެނެއް. އެންމެ ދުވަހަކު ވެސް އޭނަ ނުފެނިއްޖެއްޔާ އެ ރެޔަކު އަހަންނަކަށް ނުނިދޭނެ. ނިދި ނުވެސް އަންނަނީޔޭ! ކީއްކުރާނީ؟ އޭރު އަހަންނަށް ފަނަރަ ވެސް ނުފުރޭކަން ނޭނގެ. އަހަރެން ހިތަށްއެރި އެ ކުއްޖާ އަހަންނަށް ނުލިބިއްޖެއްޔާ އަހަރެންނަށް ދިރިހުރެވޭނެހޭ؟"
ވާހަކަދައްކަމުން އޭނަ ހުޅުވައިލީ އޭނަގެ ނިދާކޮޓަރިއެވެ. ކޮޓަރިއަކަސް ހީވަނީ ބޮޑު ގެއެއްހެންނެވެ. އެ ކޮޓަރީގައި ވެސް ހުރީ ނަޒްދާގެ ފޮޓޯއެވެ. އެކަމަކު އޭގެ ތެރެއިން އެއް ފޮޓޯއަށް ނަޒްދާގެ ސަމާލުކަން ހުއްޓުނެވެ. އެއީ ނަޒްދާ ބުރުގާނާޅާ އިރުގެ ފޮޓޯއެކެވެ. އަތުގެ އުޅަނބޮށިން މަތި ފެންނަ ގޮތަށް، އަރިމައްޗަކުން ނަގާފައިވާ އެ ފޮޓޯއިން ނަޒްދާ އެންމެ އަޅައިގަތީ ނަޒްްދާ ލައިގެން ހުރި ހެދުމެވެ. އެ ކަހަލަ ހެދުމެއް ނަޒްދާ އަތަކު ނޯވެއެވެ. ދެން އަޅައިގަތީ އެ ފޮޓޯގައި ނަޒްދާ ކަންފަތުގައި ލާފައި ހުރި އެއްޗެވެ. އެ ވައްތަރީ ކޮންމެވެސް ކަހަލަ ފަތަކާއެވެ. އެއްވެސް އިރެއްގައި، އެއްވެސް ކަހަލަ ފަތެއް ކަންފަތުގައިލީ ހަނދާނެއް ނަޒްދާ ނުވެއެވެ.
"މީ ހަދާފަ ހުރި ފޮޓޯއެއް ދޯ؟" ނަޒްދާ އެހިއެވެ. "ކޮން ތާކު އަހަރެން އެހެރީ؟ ކީއްވެ ކުޑަކޮށް ނުވައްތަރުހެން ހީވަނީ؟"
އޭނަ ޖަވާބެއް ނުދިނެވެ. ބަލަހައްޓައިގެން ހުރީއެވެ. އެ ބެލުމުން އޭނަގެ ނުތަނަވަސްކަން ސާފުކޮށް ފާޅުވެއެވެ. އޭނަ ވަތްގަނޑެއް ހުޅުވާލައިފައި ދެ އަލްބަމު ނެގިއެވެ. އެނދުމަތީގައި ބެހެއްޓިއެވެ. ބަލާށެކޭ ނުބުނެއެވެ. ނަޒްދާ އެ އަލްބަމު ހުޅުވައިލިއެވެ. އޭގައި ހުރީ އެންމެ އަންހެންކުއްޖެއްގެ ފޮޓޯއެވެ. މަދަރުސާ ޔުނީފޯމުގައި ހުރި ފޮޓޯއާއި، އެކިއެކި މުނާސަބަތުގައި އިނާމު ލިބުނު ވަގުތު ނަގާފައިވާ ފޮޓޯއާއި، ހަފުލާތަކާއި، ކުޅިވަރު މައިދާނުގައި ކުޅިވަރުކުޅެނިކޮށް ނަގާފައިވާ ފޮޓޯ ވެސް ހުއްޓެވެ. ކުރިން ނަޒްދާއަށް ފެނުނު ފޮޓޯގެ ކުޑަ ފޮޓޯއެއް ވެސް އަލްބަމުގައި އޮތެވެ. ނަޒްދާޔާ ވައްތަރީ ހަމަ އެކަނި އެ އަރިމަތިން އޭނަ ފެންނަ އިރުއެވެ.
"މީ ކާކު؟" ނަޒްދާއަށް އެހުނެވެ.
"ނަޒްލާ!" އެހެން ބުނި އިރު އޭނަ ފެންކަޅިވެއްޖެއެވެ. "ކިހާ ބޮޑު އިއްތިފާގެއް؟ ތީ ނަޒްދާ! އެއީ ނަޒްލާ! އަހަންނަށް އެނގޭ ތި ދެ މީހުން އެހާ ވައްތަރު ނޫންކަން. އެކަމަކު ނުވައްތަރެކޭ ވެސް ނުބުނެވޭނެ. ތީ މުޅީން ވެސް އޭނަ ފޮނުވި ފޮޓޯ. އަހަރުމެން ދެމީހުން ކިތަންމެ ލޯބިވިޔަސް މީޓެއް ނުކުރެވޭ! އޭނަގެ މަންމަ ކޮންމެވެސް ޒަމާނެއްގަ އަހަރެންގެ މަންމަޔާ ދިމާއަށް ކޮންމެވެސް އެއްޗެއް ބުނިއްޔޯ ކިޔާފަ މީހަކު ބުނި ވާހަކައެއް އަހަރެންގެ މަންމަ ގަބޫލުކުރީ. ހަގީގަތް ނުވެސް ބަލާ! ތިހިރީ އޭރު އޭނަގެ އުމުރު. އަހަރެން ވެސް ހަމަ ތިހާ ވަރު ވާނީ. ބަލަމާ ސޯޅަ ސަތާރަކަމަށް. މަންމަ އަބަދު ވެސް އުޅޭނީ ޕޮލިޓިކްސް ކަންތަކުގަ. އަހަރެން މީ ހަމަ އެކަނި ދަރި. އެކަމަކު އަހަރެންނަކަށް ޓައިމެއް ނެތް. ލައިފްގަ އަހަރެން ބޭނުންވާ ގޮތް މަންމައަކަށް މުހިންމެއް ވެސް ނޫން. އަހަރެން ކީއްކުރަން؟ ބައްޕައަކަށް ވެސް ޓައިމެއް ނުދެވުނު. ބައްޕަގެ ކިޑްނީ ފެއިލްވެގެން އެ ކަންތައްގަނޑުގަ އުޅުނު އިރު ބައްޕަ އަބަދު ވެސް އަހާނެ މަންމަ ކޮބާހޭ؟ މަންމަ އުޅުނީ މަންމަ ސަޕޯޓުކުރާ ޕާޓީ ކަންތަކުގަ. އަހަރެން ބުނާނީ ކިޑްނީއެއް ނުލިބިގެނެއް ނޫނޭ ބައްޕަ ނިޔާވީ. މަންމަ ކަންތައްކުރި ގޮތުން ބައްޕަ މާ ބޮޑަށް ހިތްދަތިވީއޭ. ބައްޕަ ސަލާމަތްކުރަން އަހަންނަކަށް އެއްވެސް ކަމެއް ނުކޮށްދެވުނު. މިހާރު ހިތަށްއަރާ.."
ވާހަކަނުދެއްކިގެން އޭނައަށް މަޖުބޫރުވީ ހުއްޓައިލާށެވެ. ނަޒްދާ މަޑުމަޑުން އައިސް އޭނަގެ ކައިރިއަށް ހުއްޓުނެވެ. ދެމެދުން ވައިރޯޅިއަކަށް ވެސް ދައުރުނުކުރެވޭ ވަރަށް އޭނަ ގާތްކޮށްލިއެވެ. އެކަކުއަނެކުގެ ހިތުވިންދު އިހުސާސްކުރުމުގައި އެތައް އިރަކު އެހެން ތިއްބެވެ. ނަޒްދާ ބޭނުންވީ ކޮންމެވެސް ހިތްވަރެއް ދޭށެވެ. ބަދަލުގައި އެކައްޗެއް ނުލިބުނަސް ނަޒްދާއަށް މައްސަލައެއް ނެތެވެ. ހުސްއަތާ އެ ގެއިން ނުކުންނަން ޖެހުނަސް، އެ ކަމަށް ވެސް ނަޒްދާ ހުރީ ތައްޔާރުވެގެންނެވެ. އެއް ސުވާލު އަހަން ނަޒްދާ ހުރީ ވަރަށް ބޭނުންވެފައެވެ. ނަޒްލާ މިހާރު ކޮބައި ހެއްޔެވެ؟ އެހެން އަހަން ނުކެރުނީއެވެ. އެ ދަނޑިވަޅު އެ ކަމަށް މުނާސަބު ނުވީއެވެ.
"ތިހެން ވިސްނާކަށް ނުވާނެ،" އޯގާތެރިކަމާ އެކު ނަޒްދާ އެދުނެވެ. "ބައްޕަ މިހާރު ދުނިޔޭގަ ހުރި ނަމަ، އަހަންނަށް ހަމަ ޔަގީން ތި ދަރިފުޅަށްޓަކާ ބައްޕަ ވަރަށް ޕްރައުޑްވާނެ. އަހަންނަށް ވަރަށް ފެނޭ މަންމައަށް މާފުކުރަން. ތީ އެ ކަހަލަ ކަންކަން ހިތުގަ ބާއްވައިގެން އުޅޭ ވަރަށް ވުރެ މާ ނައިސް މީހެއް."
ހިތްދަތިވެފައިހުރި ނަމަވެސް އޭނަ ހިނިތުންވެލި އަޑުއިވުނެވެ. އެއީ ކީއްވެގެންކަމެއް ނަޒްދާއަކަށް ނުވިސްނުނެވެ.
"ސިފަޔާ ނަމެއް ނޫން ވައްތަރީ،" ނަޒްދާޔާ ހަތަރުކަޅި ހަމަކުރަމުން އޭނަ ބުންޏެވެ. "ވާހަކަ ވެސް ތި ދައްކަނީ ހަމަ އެއްގޮތަކަށް. އެނގޭތަ؟ ނަޒްލާ އިން ލޯންޗު އެކްސިޑެންޓުވެފަ ނަޒްލާ ގެއްލުނީމަ އެންމެން ވެސް ބުނީ އޭނަ މަރުވީއޭ. އެކަމަކު އަހަރެން ބުނިން އަހަންނަކަށް ހިޔެއްނުވެޔޭ. މިހާރު ޔަގީންވެއްޖެ އޭނަ މަރުނުވާކަން. މި ވާހަކަ ނަޒްދާ ކައިރީގަ ބުނުމަކީ ކިހާ ރިސްކީކަމެއްކަން އެނގި ހުރެ މި ބުނީ. ޕްލީޒް ނަޒްދާ ރުޅިނާންނައްޗޭ! މި ހިތަކު ދެން ނެތް ކެތްކުރާހާ ހިތްވަރެއް."
ނަޒްދާ އަލްބަމު ނެގިއެވެ. ނަޒްދާޔާ ވައްތަރު ފޮޓޯ ހޯދިއެވެ. އެ ފޮޓޯ އަލްބަމުން ނަގައިފައި ނަޒްދާގެ މޫނާ ކައިރިކޮށްފައި ދައްކައިލިއެވެ.
"އަހަރުމެންގެ މޫނު ކުޑަކޮށް ވައްތަރު،" ނަޒްދާ ބުންޏެވެ. "އެކަމަކު އަހަރުމެންގެ ހިތް ވައްތަރު ނުވެދާނެ. ދިރިއުޅުން ވައްތަރު ނުވެދާނެ. އަހަރުމެން އަޅާނުކިޔާތި! އެއީ އަހަރެންގެ ރިކުއެސްޓެއް. އަހަރެންގެ ދަރިޔަކު އެބަ ހުރި. އެކަކާ އިނދެފިން. އިއްދައިގަ މިހިރީ. އެނގޭ މި ހުރިހާ އެއްޗެއް އެނގޭނެކަން ވެސް. އެކަމަކު އަހަންނަކަށް ނޭނގޭ ތީ ކާކުކަމެއް. ކޮން ނަމެއް ކިޔަނީ؟"
"އަހުމަދު ނަސީފު،" ލާނެތް ހިންޏެއްއައިސްފައި އޭނަ ބުންޏެވެ. "ގިނަ މީހުން ކިޔާނީ ނަސީފު. ނަޒްދާ އަހަރެންގެ ނަން އަހާތޯ ހާދަ އިންތިޒާރެއްކޮށްފީމޭ."
ގެއަށް ޓެކުސީ މަޑުކޮށްލުމާ އެކު މުޖުތަބާ ކާރުން ފޭބިއެވެ. މުޖުތަބާއަށް އެހީވީ ކާރުގެ ޑުރައިވަރެވެ. ނީޒާ ކާރުން ފައިބައި، ދުރުގައި ބަލަހައްޓައިގެން ހުރީއެވެ. ކުޑަމިނުން އަސާގަނޑު ވެސް ދިއްކޮށްނުލިއެވެ. އެ ކަން ވެސް ކުރީ ޑުރައިވަރެވެ. އެއީ މުޖުތަބާ އުންމީދުކުރި ގޮތެއް ނޫނެވެ. ނަޒްދާއަކީ، އެހެން ހުރިހައި ކަމަކަށް ވުރެ މުޖުތަބާގެ ކަންކަން އިސްކުރި އަންބެކެވެ. އެ ދުވަސް މާޒީވެގެން ހިނގައްޖެއެވެ. ހިތާމައަކީ، ނަޒްދާގެ އޯގާތެރިކަން މުޖުތަބާގެ ހިތުން ފިލައިގެންނުދިޔަކަމެވެ. ދެއަތަށް އަސާ ހެޔޮވަރުކޮށްލައިގެން ހިނގައިގަންނަން ނޭނގިފައި މުޖުތަބާ ހުއްޓެވެ. ނުހިނގޭތީއެއް ނޫނެވެ. ލޮލަށް ފެނުނު މަންޒަރަކުން މޫނު އެހެން ދިމާއަކަށް އަނބުރައިލަން ބޭނުން ނުވީއެވެ. ކުރިމަތިން އައި ކާރުގެ ކުރީ ސީޓުގައި އިނީ ނަޒްދާއެވެ. މުޖުތަބާގެ ލޮލުގައި ބޮޑަށް އަޅައިގަތީ ދުއްވަންއިން މީހާއެވެ. އެ މީހާ ދުށް ހަނދާނެއްވާހެން ހީވާތީއެވެ. ޓެކުސީއަށް ފައިސާދީފައި ނީޒާ ހިނގައިގަތް އިރު ވެސް މުޖުތަބާއަށް ހުރެވުނީ އެ ކާރަށް ބަލާށެވެ. ކާރުގެ ނަންބަރު ހިތުގައި ރައްކާކުރެވޭތޯ ވެސް މުޖުތަބާ މަސައްކަތްކުރިއެވެ.
"ކީއްވެފަ ތި ހުންނަނީ؟" ތަންކޮޅެއް ހަރުކަށި ރާގަކަށް ނީޒާ އެހިއެވެ.
މުޖުތަބާ ހިނގައިގަތެވެ. ނީޒާޔާ އެއްކޮށް ގެއަށް ވަނެވެ.
"ދުށިންތަ އެ ކާރުގެ ޑުރައިވަރު؟" މުޖުތަބާ އެހިއެވެ. "ހީވަނީ ދަންނަ މީހެއްހެން."
"އަހަންނަށް ހީވަނީ ޑުރައިވަރާ ޖެހިގެން އިން މީހާހެން ފެނިގެން ތި އުޅެނީ،" ބުނެވޭނެ އެންމެ ފޫހި ރާގުގައި ނީޒާ ބުންޏެވެ. "މުޖޫ ރީތިކޮށް ބުނެބަލަ ނަޒްދާ ދެކެ އަދި ވެސް ލޯބިވަނީއޭ!"
ނީޒާއަކީ، އެހައި ކުދިކުދި ކަންތަކާ އެ ވަރަށް ރުޅިއަންނަ މީހެއް ނޫނެވެ. މުޖުތަބާއަށް ދުވީ އެހެން ވަހެކެވެ. އެޕާޓުމަންޓަށް ވަދެފައި ދޮރު ލައްޕަންދެން މުޖުތަބާ ކެތްކުރިއެވެ.
"ނީޒާ ރީތިކޮށް ބުނެބަލަ އަހަރެން ދެކެ ފޫހިވަނީއޭ،" ނީޒާ ބިރުގަންނަވައިލުމުގެ ނިޔަތުގައި މުޖުތަބާ ބުންޏެވެ. "ބުނެބަލަ ވަރިކުރާށޭ! އެންމެ މިނެޓަކު ވެސް އަހަރެން ނީޒާއެއް ނިހިފާއްޓާނަން."
"އަހަރެން ވަރިކުރޭ!" ނީޒާ ބުންޏެވެ.
ނުނިމޭ