އާދިއްތަ ދުވަހާ ގުޅޭ
14 ޑިސެމްބަރ 2022
އާދިއްތަ ދުވަހާ ގުޅޭ
"ނަޒްދާޔާ ވާހަކަދައްކާލާ ހިތުން، ނަޒްދާ ދެކިލާ ހިތުން އައިސް، ނަޒްދާ ރުޅިއަތުވެދާނެތީ ވަންނަން ނުކެރިފަ މިހާރު ވެސް އޭނަ އެހެރީ ދޮރުމަތީގަ،" މޫމިނާ ބުންޏެވެ. "އަހަންނަށް އެނގޭ މުޖޫ ކަންތައްކުރި ގޮތުން، ފިރިހެނުންނަށް އިތުބާރުކުރަން ނަޒޫއަށް ފަސޭހަ ނޫންކަން. އެކަމަކު ތީ ފުކެއް ބޮޑުވަރު. ސީރިޔަސްކޮށް މި ބުނީ."
ނަޒްދާ ރޮއްވާލައިފައި މޫމިނާ ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. އިތުރަށް އެންމެ ސިކުންތަކު މޫމިނާ އެ ތަނުގައި އިން ނަމަ ރޮވުނީހެވެ. މޫމިނާ ހަމަ އެކަނި ރުޅިއައީކީ ނޫނެވެ. ވަރަށް ހިތުގަޖެހުނެވެ. ހިތާހިތުން މޫމިނާއަށް ބުނެވުނެވެ. އެހައި ލޯބިވާ މީހެއް ލިބޭނީ ކިތައް މީހުންނަށް ހެއްޔެވެ؟ ދުނިޔޭގައި އުޅޭނީ އެ ކަހަލަ ކިތައް ފިރިހެނުން ހެއްޔެވެ؟ ނަޒްދާ ޝުކުރުނުކުރަނީ ކީއްވެގެން ހެއްޔެވެ؟ މުއްސަނދި، ހެޔޮ، އިންތިހާއަށް ލޯބިވާ މީހަކު ނަޒްދާއަށް ޓަކައި މޮޔަވަނީއެވެ. އެއް ފަހަރު ވެސް ނަޒްދާ ވިސްނައިލި ނަމައެވެ. ނަޒްދާއަށް އޭނައަށް ދެވޭނީ ކޯޗެއް ހެއްޔެވެ؟ އޭނަ ބޭނުންވެގެން އެ އުޅެނީ ކޯޗެއް ހެއްޔެވެ؟ ގަދަރުވެރި އާއިލާއެއް ހެއްޔެވެ؟ ފައިސާވެރި އަންހެނެއް ހެއްޔެވެ؟ ފަތްމިންޏެއް ހެއްޔެވެ؟ ޒުވާން، ހުސްހަށިބައި އަންހެންކުއްޖެއް ހެއްޔެވެ؟ ނޫނެކެވެ. އެއިން އެއްވެސް އެއްޗެއް ނަޒްދާ އަތަކު ނެތެވެ. އޭނަ އެ ސަލާންޖަހަނީ ލޯތްބަށެވެ. ސޯފާއިން ތެދުވަން ނޭނގިފައިއިން ނަޒްދާ ދޮރަށް ބަލައިލިއެވެ. މަޑުމަޑުން ތެދުވިއެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިޔަށް އެޅިއެވެ. ލޮލުން ކަރުނަ ފުހެފުހެ ވެސް ކަރުނައެއް ނުހިކުނެވެ. ޖެހިޖެހިގެން ދެ ފަހަރު ލޯ ފުހެލައިފައި ނަޒްދާ ދޮރު ހުޅުވައިލިއެވެ. އޭނަ ހުރީ ހުރެވޭނެ އެންމެ ދުރުގައެވެ. ކެތްތެރިކަމާ އެކު ހިނިތުންވެލައިގެންނެވެ. ފުރަގަހަށް ލައިގެން ހުރި ދެއަތުގައި އޮތީ ރަތް ފިނިފެންމަލުގެ ބޮޑު މާބޮނޑިއެކެވެ. ނަޒްދާ ބަލަހައްޓައިގެން ހުރީއެވެ. ހިތުގައި އޮތީ އެންމެ ސުވާލެކެވެ. އަހަރެން ދެކެ ތި ވަރަށް ލޯބިވަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ހާއްސަވެގެން ތި އުޅެނީ ކީއްވެގެން ހެއްްޔެވެ؟
"ހަލޯ!" ނަޒްދާގެ ފުން ކަޅިވަރައިގައި ފޮރުވިފައިވާ ސިއްރު ދަނެގަންނަން މަސައްކަތްކުރަމުން އޭނަ ބުންޏެވެ. "އާ ޔޫ އޯކޭ؟"
ކުޑަކޮށް ފެންކަޅިވެފައި ހުރި ނަޒްދާ، ދެން ވެސް ބަލަހައްޓައިގެން ހުރީއެވެ. ހާލު ބަޔާންކުރާނެ ގޮތެއް ނުވަތަ ޝުކުރުއަދާކުރާނެ ލަފުޒެއް ނަޒްދާގެ ދުލަކަށް ނައެވެ. ހިތުގައި އޮތީ އެންމެ ކަމެކެވެ. ކުރިމަތީގައި ހުރި މީހާގެ ވެލަވަރު ތެރޭގައި ހައްޔަރުވުމެވެ. އޭނަގެ ތަނަވަސް މޭގައި ބޯއަޅައިލުމެވެ. ސިއްރުން ބުނެލުމެވެ. ތި ވަރަށް އަހަރެން ދެކެ ލޯބިނުވާށެވެ.
"ބިޒީ ގަޑިއެއްތަ؟" ނަޒްދާ ހިތްހަމަނުޖެހިފައި ހުރި ކަމަށް ހީކޮށް އޭނަ ބުންޏެވެ. "މިހެން ދަމުން ހިތަށްއެރީ ހާލުބަލައިލާނަމޭ! ދަރިފުޅު ގެނައިކަން އެނގުނީމަ..."
އެ ހިސާބަށް ބުނެފައި އޭނަ ވިސްނައިލިއެވެ. ދެން ބުނަންވީ ކީކޭކަން ހަނދާންނެތުނީއެވެ. ނަޒްދާ ފެނުނީމައި އޭނައަށް އެހެން ވެއެވެ. ހިތުގެ ވިންދު އަވަސްވެއެވެ. ދައްކަންވާ ވާހަކަ ނުދެއްކެއެވެ. ނުދައްކަންވާ ވާހަކަ ދެއްކެއެވެ. ހަމަ އެހެންމެ، ކުރަންވީ ކަންތައް ނުކުރެވި ނުކުރަންވާ ކަންތައް ކުރެވެއެވެ. ހަގީގަތުގައި އެއީ ލޯބީގެ އެންމެ ފާޅުކަން ބޮޑު އަލާމާތެވެ. އެހެނަސް އޭނައަށް އޭގެ ނަތީޖާ ފެނުނީ ހިތިކޮށެވެ. ނަޒްދާ ވަރިކުރި ވާހަކަ ބުނި ރޭ އޭނައަށް ހިނިތުންވެވުނުކަން އެއީ ދުވަހަކު ވެސް އޭނަގެ އަމިއްލަ ނަފުސަށް މާފުނުކުރާނެ ކަމެކެވެ.
"އާނ!" ހަނދާންވެގެން އޭނަ ބުންޏެވެ. އަދި މާބޮނޑި ދައްކައިލިއެވެ. "ނަޒްދާގެ ދަރިފުޅު ގެނައިކަން އެނގުނީމަ، އެ އުފަލުގަ ބައިވެރިވާން ހަދިޔާއެއް ހިފައިގެން މިއައީ. ކަމުނުދަންޏާ ހިފައިގެން ހިނގައިދާނަން. އޯކޭވާނެ."
ނަޒްދާ އެ މާބޮނޑިއަކު ނުހިފައެވެ. ތަންކޮޅެއް ބޮޑަށް ދޮރު ހުޅުވައިލިއެވެ. އެއީ ދޮރެއް ނޫނެވެ. ނަޒްދާގެ ހިތެވެ. ފުރަތަމަ ފަހަރަށް ނަޒްދާގެ ހިތް އޭނައަށް ހުޅުވައިލީއެވެ. މަރުހަބާކިއީއެވެ. އޭނަ ހުރީ ވަންނަ ހިތުން މަރުވާވަރު ވެފައެވެ.
"މި ގަޑި މާ ބިޒީވިއްޔާ އެހެން ފަހަރަކުން އަތުވެދާނަމޭ! އޯކޭވާނެ،" އެހެން ބުނެފައި އޭނަ ވާހަކަ ބަދަލުކޮށްލިއެވެ. "އެއީ ދޮގެއް. އޯކޭއެއް ނުވާނެ."
އޭނަ އެތެރެއަށް ވަނެވެ. ތަނަށް ނަޒަރުހިންގައިލިއެވެ. އެއީ ވަރަށް އާދައިގެ އެޕާޓުމަންޓެކެވެ. އެ ފެންވަރު ތަނެއްގައި ނަޒްދާ ބަހައްޓާކަށް އޭނަ ބޭނުމެއް ނޫނެވެ. ނަޒްދާއާއި ނަޒްދާގެ ދަރިފުޅަށް ދުނިޔޭގެ ހުރިހައި އުފަލެއް ދޭން އޭނަ ބޭނުމެވެ. ބިރުގަތީ އެހެން ބުނާ ތަނާ ނަޒްދާ ހިތްހަމަނުޖެހިދާނެތީއެވެ. އަނެއްކާ ވެސް ނަޒްދާއަށް މާބޮނޑި ދިއްކޮށްލުމުން ނަޒްދާ އޭގައި ހިފިއެވެ. ޝުކުރުއަދާކުރިއެވެ.
"އިށީނދޭ!" ސޯފާއަށް އިސާރާތްކޮށްލައިފައި ނަޒްދާ ބުންޏެވެ. "ކޯޗެއް އަހަރެން ގެނެސްދޭނީ؟ ފެންތައްޓެއް ލިބިދާނެ."
"މި ވަގުތު ހަމަ ފެންތަށްޓެއް އެންމެ ރަނގަޅީ." އޭނަ ބުންޏެވެ.
ސޯފާގެ ބައެއް ތަންތަން ހުރީ ނޮޅިފައެވެ. ކުޑަކޮށް ކުލަވެއްޓިފައެވެ. އޭނަ އިށީނެވެ. ނަޒްދާ ފެންތަށި ހިފައިގެން އައިސް ހަމަ އެ ސޯފާގައި އިށީނެވެ.
"ދުވަހަކު ވެސް ތިހާ ހަޑި ގޮނޑިއެއްގަ ނީށީންނަން ދޯ؟" އެ ކަމަށްޓަކައި ލަދުގަންނަ ކަހަލަ ނަޒަރަކުން ބަލައިލަމުން ނަޒްދާ ބުންޏެވެ. "ސޮރީ އިނގޭ!"
"ނަޒްދާ! މި ބުނާ ވާހަކަ ހަނދާންބަހައްޓައްޗޭ!" އޭނަ ބުންޏެވެ. "ގޭގެޔާ ފައިވް ސްޓާރ ތަންތަން އަހަރެން އަޅައެއްނުކިޔަން. އެއީ އަހަރެން ވިސްނާކަމެއް ވެސް ނޫން. ރީތި ތަންތަނާ، ކުލަގަދަ ބޮކިތައް ފެނުނަކަސް އަހަރެންގެ ހިތްއަވަހެއް ނުވާނެ. އެ ތަންތަން ނުފެނިގެން އަހަރެންގެ ހިތަކަށް ތަދެއް ވެސް ނުވާނެ. ވީރާނާވެފަ އޮތް ތަނަކަސް އެ ތާ ނަޒްދާ ހުރިއްޔާ އަހަންނަށް އެއީ ގަނޑުވަރެއް. ބަގީޗާއަކަސް އެ ތާ ނަޒްދާ ނެތިއްޔާ އަހަންނަށް އެއީ ފަޅު ތަނެއް. ސަހަރާއެއް. އަހަންނަށް މައްސަލައެއް ނެތް އަހަރެން ދެކެ ނަޒްދާ ލޯބިނުވިޔަސް. އެކަމަކު، ހެޔޮނުވާނެ ދެން އަހަރެން ދެކެ ރުޅިނާންނައްޗޭ! އަހަރެން މަރުވެދާނެ. ނަޒްދާއަކަށް ނޭނގޭނެ އަހަރެން ނަޒްދާ ދެކެ ކިހާ ލޯބިވާކަމެއް."
"އަހަންނަކަށް ނޭނގޭ އަހަރެން ކުރިމަތީގައިން މީހާގެ ނަމެއް ވެސް،" އިސްޖަހާލައިގެން އިނދެ ނަޒްދާ ބުންޏެވެ. "އަހާލަން ކިތަންމެ ފަހަރަކު ހިތަށްއެރި. އެކަމަކު ކިހިނެއް އަހާނީ؟ އަހަރެން މީ ކާކު؟ އަހަންނަށް ކަންތައްކުރަނީ ފްރެންޑަކަށް ކަންތައްކުރާހެނެއް ނޫން. އެ ކަން އެނގިހުރެ އަހަރެން ބޭނުމެއް ނޫން ހިތްވަރުދޭކަށް. އެކަމަކު މިއަދަކީ އިއްޔެއެއް ނޫން. މިހާރު އަހަންނަށް އެހިދާނެ ތީ ކާކުހޭ؟ ކޮން ނަމެއްހޭ ކިޔަނީ؟"
ނަޒްދާއަކަށް ޖަވާބެއް ނުލިބުނެވެ. އެހެނަސް އޭނަ ތެދުވިހެން ހީވިގެން ނަޒްދާ ބަލައިލިއެވެ. އޭރު އޭނަ ހުރީ ކޮޅަށެވެ.
"ތި ސުވާލު އަހާތޯ ހުރެހުރެ އަހަރެންގެ ދެފައި ވާޅުވެއްޖެ!" ގަޑިއަށް ބަލައިލަމުން އޭނަ ބުންޏެވެ. "އަހަންނާ އެއްކޮށް ހިނގާބަލަ!"
"ކޮންތާކަށް؟" ހައިރާންވެފައި ނަޒްދާ އެހިއެވެ. "އަޒާން އެކަނި އޮންނާނީ."
އެ ވަގުތު ނަޒްދާގެ ފޯނަށް މެސެޖެއްއައެވެ. ނަޒްދާ ފޯނު ބަލައިލިއެވެ. މެސެޖު ފޮނުވީ މޫމިނާއެވެ.
"ނަޒޫ އަންނަންދެން އަހަރެން އޮންނާނަން އެ ރޫމްގަ،" ހެވިފައިވާ މޫނަކާ އެކު އެ މެސެޖުގައި އޮތެވެ. "ސިއްރުން ވާހަކަ އަޑުއެހުނީތީ ސޮރީ."
ނަޒްދާ ގާތަށް ހިނިއައެވެ. އެ ކަމާ އޭނަ ސުވާލުކުރިއެވެ.
"އެ އުޅޭ މޫމިގަނޑު،" ފޯނު ދައްކައިލަމުން ނަޒްދާ ބުންޏެވެ. "އޭނަ އަޒާން ބަލާނަމޯ!"
ހަމަ އެ ރޭގެ އެ ވަގުތެވެ. ނީޒާ އިނީ ހޮސްޕިޓަލުގައެވެ. މުޖުތަބާގެ އެނދުގައިރީގައި ހުރި ގޮނޑީގައި އިށީނދެގެންނެވެ. ނީޒާ އިން ގޮތުން ނީޒާގެ ދިގު އިސްތަށިގަނޑު އޮތީ މުޖުތަބާ ބޯއަޅައިގެން އޮތް ބާލީސް މަތީގައެވެ. އިސްތަށިގަނޑުގެ ޖާދޫގައި ޖެހިފައި އެއާ ކުޅެން މުޖުތަބާ އޮތް އިރު، ނީޒާ އިނީ ފޯނުން ކާކާ ވާހަކަދައްކަންކަމެއް މުޖުތަބާއަކަށް ނޭނގެއެވެ. ވައިބާ މެދުވެރިކޮށް ނީޒާ ވާހަކަދެއްކީ، ނީޒާގެ އެކުވެރިޔަކު ނީޒާއަށް ހޯދައިދިން ގާނޫނީ ވަކީލަކާއެވެ.
"އަހަރެން ބޭނުމީ ވީހާ ވެސް އަވަހަކަށް ވަރިވާން،" ނީޒާ ލިޔުނެވެ. "މާދަމާ ވެސް އޯކޭ. ފީ މިހިރީ ރެޑީގަ."
"އަހަރެން ވަރަށް ޑީޓެއިލްކޮށް ޑޮކިއުމަންޓްސްތައް ބަލައިފިން،" ވަކީލު ލިޔުނެވެ. "ކީއްކުރަން ވަރިވާން ތި އުޅެނީ؟ މުޖޫ ފަހަރެއްގަ ވަރިނުކޮށްފިއްޔާ މައްސަލަ ވަރަށް ދިގުލާނެ. ތި ކައިވެނިކޮށްފަ އޮތީ މުޖޫގެ ފްރެންޑެއް ތުރޫކޮށް. އެހެންވެ އެހާ އަވަސްކޮށް އެ ކަން ކުރެވުނީ. ރަސްމީކޮށް ކުރަންޖެހޭ ބައިވަރު ކަންކަން އަދި ވެސް ހުރީ ނުކޮށް. އެއީ އަހަރުމެންގެ ނަސީބު. ލީގަލީ ތީ ނުވާ ކައިވެންޏެއްކަން އަހަރެން ކޯޓުގަ މިހާރު ވެސް ސާބިތުކޮށްދީފާނަން. އޭރުން އެ ހިސާބުން އެ ނިމުނީ. މުޖޫގެ ބާރު ވެސް ކެނޑުނީ. މަގު ކުރުވާނެ. ފަސޭހަވާނެ. އެންޑް ޔޫ އާ ފްރީ! އެކަމަކު ނީޒާ ޕްރެގްނުވާނެކަމުގެ ޔަގީންކަން އޮންނަންޖެހޭނެ. ފަހުން ޕްރެގްވެއްޖެއްޔާ ނީޒާއަށް އިޝޫއަކަށްވާނެ."
އެ ޔަގީންކަމެއް ނީޒާއަކަށް ނުދެވުނެވެ. ވީމާ ދެން އިހުތިޔާރުކުރަންޖެހުނީ ދިގުމަގެވެ. ގޭ ކައިރިއަށް ކާރު މަޑުކުރާ އިރަށް ގަރާޖުގެ ދޮރު ހުޅުވުނެވެ. އޭރު ވެސް ގަރާޖުގައި އެހެން ކާރެއް އޮތެވެ. ކާރު ބާއްވާފައި އޮތް ގޮތުން، ނަޒްދާ އިން ކާރު ޕާކުކުރަން ފަސޭހައެއް ނުވިއެވެ.
"މަންމަ ވެސް ދޯ؟" އޭނަ މަޑުމަޑުން ބުނެލިއެވެ. "އެހެން މީހަކަށް ނުބަލާނެ. ކިހާ ރީތިކޮށް މި ތާ ދެ ކާރު ބޭއްވޭނެ."
ކާރު ޕާކުކޮށްފައި ފުރަތަމަ ފޭބީ އޭނައެވެ. ނަޒްދާ ފޭބުމުގެ ކުރިން ނަޒްދާއަށް ދޮރު ހުޅުވައިދިނެވެ. ގޭގެ ރީތިކަން ފެނިފައި ނަޒްދާ ހައިރާންވިއެވެ. ލިފުޓަށް އަރައިގެން ގޮސް ހުއްޓަންވާ ތަނަކަށް ހުއްޓާފައި ނަޒްދާ ނުކުތުމަށް އޭނަ އެދުނެވެ. ދެމީހުން އެކުގައި ގޮސް ދޮރެއް ކައިރިއަށް ހުއްޓުނެވެ.
"އަހަރެން ބޭނުން އެއްޗެއް އަހާލަން،" އޭނަ ބުންޏެވެ. "ނަޒްދާއަށް މުޖޫ ކަމުދިޔައީ ކީއްވެ؟ އޭނަޔާ މެރީކުރީ ކީއްވެ؟"
"ފިރިހެނުން ޔުނީފޯމުލީމަ އަހަންނަށް ވަރަށް ރީތި،" ރަކި ގޮތަކަށް ނަޒްދާ ބުންޏެވެ. "މުޖޫ ފުރަތަމަ ފެނުނީ ޕޮލިސް ޔުނީފޯމުގަ. އެހެންވެ ލައިކުވީ."
"ދެނަހުރީމޭ!" ދޮރު ހުޅުވައިލަމުން އޭނަ ބުންޏެވެ. "އަހަންނަށް ނަޒްދާ ސްޕެޝަލްވީ ވެސް ވަރަށް، ވަރަށް ބޮޑު ސަބަބެއް އޮތީމަ. އަހަރެން އުންމީދުކުރަން ނަޒްދާއަށް އަންޑަސްޓޭންޑްވާނެކަމަށް."
ދޮރު ހުޅުވައިލުމާއެކު ނަޒްދާ ދިޔައީ ސިއްސައިގެންނެވެ.
ނުނިމޭ