Roadha Mihaaru

ހިތް

އާދިއްތަ ދުވަހާ ގުޅޭ

ހިތް
ބިންމާ އިބްރާހިމް ވަހީދު
ބިންމާ އިބްރާހިމް ވަހީދު

28 ޑިސެމްބަރ 2022

އާދިއްތަ ދުވަހާ ގުޅޭ

"އަރާބަލަ!" ފަހަތުން އަންހެނަކު ބުނި އަޑުއިވުނެވެ.

ނަޒްދާ ބަލައިލި އިރު ނަސީފު މަންމަގެ ކާރު ދާދި ކައިރީގައި އޮތެވެ. އޭނަގެ ނަމަކީ އަނީސާއެވެ. އެ ވަރު ވެސް ނަޒްދާއަކަށް ނޭނގެއެވެ. އެކަމަކު ނަޒްދާ ވަރަށް ޖެހިލުންވިއެވެ. ގާތުގައި ނަސީފު ނެތީސް އެ ފަދަ ހާލަތަކާ ކުރިމަތިލާންޖެހުނީމައެވެ. ނަޒްދާ ހިތަށްއެރިއެވެ. މީހަކު ބުނާހައި ކަމެއް ނަޒްދާ ކުރާކަށް ނުޖެހޭނެއެވެ. އެ ކާރަށް އަރަން އިންކާރު ވެސް ކުރެވޭނެއެވެ. ބޭނުން ސުވާލެއް ވެސް ކުރެވޭނެއެވެ. ކާރަށް އަރަންވީ ކީއްވެގެން ހެއްޔެވެ؟ ގެންދަން ތި އުޅެނީ ކޮން ތާކަށް ހެއްޔެވެ؟ އެހެނަސް އެ މީހަކީ ނަސީފުގެ މަންމައަށް ވުމުން ކުރިމަތިލުމަކަށްދާކަށް ނަޒްދާ ބޭނުމެއް ނުވިއެވެ.

"އަހަރެން ކައެއްނުލާނަމޭ!" އޯގާތެރި ރާގެއްގައި އަނީސާ ބުންޏެވެ. "އަރާބަލަ! ބުރެއްޖަހައިލާފަ ހަމަ މި ތަނަށް ގެނެސްދޭނަން! މާ ލަހެއްނުވާނެ. އަހަރުމެން ދެމީހުން އެބަ ޖެހޭ ނޫންތަ ރައްޓެހިކަން ބާއްވަން. ނޫންތަ؟ އަހަރެން މީ ނަޒްދާ ނަމަ މި ފުރުސަތު ގެއްލުވައެއް ނުލާނަން. އެންމެ ދިހަ މިނެޓު ފުދޭނެ."

ކާރަށްއެރުމުގެ ކުރިން ނަސީފަށް އަންގައިލަން ނަޒްދާ އުޅުނެވެ. ފޯނު ވެސް ނެގިއެވެ. އެހެނަސް އަނީސާ ކަޅިޖަހައި ނުލައި ބަލަހައްޓައިގެން އިނުމުން ނަޒްދާއަކަށް އެ ކަމެއް ނުކުރެވުނެވެ. މަޑުމަޑުން ކާރަށްއެރީއެވެ. ޑުރައިވަރު ކާރު ދުއްވައިލިއެވެ. ދާންވީ ތަން ނުބުނަނީސް ކާރު ދުއްވައިލުމުން ނަޒްދާއަށް ވިސްނުނީ އެންމެ އެއްޗެކެވެ. ހުރިހައި ކަމެއް ވަނީ ދުރާލައި ރޭވިފައެވެ. ތިން މިނެޓެއްހައި އިރު ދުއްވި އިރު ވެސް، އެކަކު ވެސް ވާހަކައެއްނުދައްކައެވެ. ދައްކާނެ ވާހަކައެއް ނުވަތަ ވާހަކަ ފަށަންވީ ހިސާބެއް ޔަގީނުން ވެސް ނަޒްދާއަކަށް ނޭނގެއެވެ. އެއީ ނަޒްދާއަށް ވަރަށް ދިގު ތިން މިނެޓެކެވެ. ނަޒްދާ ހިތަށްއެރިއެވެ. ކާރަށް ނޭރުނު ނަމަ މާ ރަނގަޅުވީހެވެ. ދައްކަން ތި އުޅޭ ވާހަކަ ނަސީފު ގާތުގައި ނުދައްކައި އަހަރެން ގާތުގައި ދައްކަން ތި އުޅެނީ ކީއްވެގެން ހެއްޔެވެ؟

"އަހަރެން ކީއްވެ ނަޒްދާ ވަޒީފާއަދާކުރާ ތަން ބަލަން އަންނަންވީ؟ ބުކްޝޮޕަށް ވެސް ދިޔައީމޭ! އެ ވަގުތު ނަޒްދާއެއް ނެތް،" ހިތްހަމަނުޖެހިފައިވާ ރާގެއްގައި ނަސީފުގެ މަންމަ ބުންޏެވެ. "އަހަރެން ނުޖެހޭ އެ ތަންތަނަށް ދާކަށް. އަހަންނަކީ އަތްފަޔަށް މީހުން ލައިގެން އުޅޭ މީހެއް. އެންމެ ކޯލެއް ކޮށްލަންޖެހޭނީ. އެ މައުލޫމާތު ހޯދައިދޭނެ މީހުން ތިބޭނެ. އަހަންނަކީ ވަރަށް ނުފޫޒު ގަދަ މީހެއް. ޕޮލިޓިކްސްއަށް ވުރެ މުހިންމުކަމެއް އަހަންނަކަށް ނޯންނާނެ. ނަސީފަށް މަންމަ ފެންނާނީ އެހެން. އޭނަގެ ބައްޕަ މަރައިލީ ވެސް އަހަރެންކަމަށް ނިންމާފަ އޮންނާނީ. ދޮގެއްތަ މި ބުނީ؟ އެ ސުވާލަށް ޖަވާބުދޭނެކަމެއް ވެސް ނެތް. އެކަމަކު، ދަރިޔަށް ވުރެ މުހިންމު އެކަކު ވެސް އަހަންނަކަށް ނޯންނާނެ. ބައްޕައަށް ވުރެ މުހިންމު އެކަކު ވެސް ނަސީފަކަށް ނޯންނާނެ. އެއީ ނަސީފުގެ ބައްޕަ ބޭނުންވި ގޮތް. އެ ޑްރާމާ އަހަރެން ލައްވާ އެ ގޮތަށް ކުޅުވީ ނަސީފުގެ ބައްޕަ. އެނގޭތަ ކީއްވެކަން ނަޒްދާއަށް މި ވާހަކަތައް މި ކިޔައިދެނީ؟"

ނަޒްދާ އެއްޗެއް ނުބުނެއެވެ. އިސްޖަހާލައިގެން އިނީއެވެ. ގަބޫލުކުރަންވީ ކާކު ދައްކާ ވާހަކައެއް ކަމެއް ނަޒްދާއަކަށް ނޭނގެއެވެ. އެއްކޮޅުން ނަސީފެވެ. އަނެއްކޮޅުން އޭނަގެ މަންމައެވެ. ނަޒްދާ ހިތަށްއެރިއެވެ. މި ބެދުނީ ހާދަހާ ނުބައި މަޅިއެއްގައެވެ.

"އަހަރެންގެ ފިރިމީހާ ނިޔާވުމުގެ ކުރިން ވެސް ފަހުން ވެސް، ނަސީފަށް ވުރެ މުހިންމު މީހަކު އަހަންނަކަށް ނޯންނާނެ،" އަނީސާ އެހެން ބުނި އިރު އޭނަ އިނީ ކިހައި ދެރަވެފައިކަން، އޭނަގެ އަޑުން ނަޒްދާއަށް އިހުސާސްކުރެވުނެވެ. "ނަސީފު ދަނީ ކޮން ތާކަށްތޯ، އުޅެނީ ކޮން ބަޔަކާ އެކީގަތޯ، ކަނީބޮނީ ކޯޗެއްތޯ، އެ ހުރިހާ ކަމެއް ވެސް އަހަރެން ބަލަން. ނަސީފަކަށް ނޭނގޭނެ. ނަޒްދާ ދެކެ ނަސީފު ކިހާ ލޯބިވާކަން، ނަޒްދާޔާ ނުލައި އަހަރެންގެ ދަރިޔަށް ނޫޅެވޭނެކަން އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ. މާލެ ކީއްކުރަން، ރާއްޖެ ކީއްކުރަން، ކިރިޔާ ވެސް ނަސީފު ދަންނަ އަންހެނެއް ވިއްޔާ ނަސީފުގެ އަންބަކަށް ވާ ހިތުން ހުންނާނީ މޮޔަވެފަ. އެއީ ލޯތްބެއް ނޫން. މަކަރު. ކޮންމެ މީހަކަށް ވެސް ފެންނާނީ ނަސީފުގެ މުއްސަނދިކަން."

"އެކަމަކު އަޅުގަނޑު.." ނަޒްދާއަށް ބުނެވުނީ އެ ހިސާބަށެވެ.

"ނަޒްދާ އެހެން ނުވިސްނާކަން ވެސް އަހަންނަށް އެނގޭ،" ކޮނޑުގައި ފިރުމައިލާފައި އަނީސާ ބުންޏެވެ. "ތީ ވަރަށް އުޅުންހުރި އަންހެނެއް. އަތްމަތި ކިތަންމެ ދައްޗަސް، ނަޒްދާއަކީ ފައިސާގެ ދަޅައަށް ހެއްލޭ އަންހެނެއް ނޫން. އަހަރެންނަށް މައުލޫމާތު ލިބުނީ އެހެން. އެކަމަކު، އަހަރެން ކަންކަން ސާބިތުކުރަނީ ލޮލުން ދެކި އަތުން ހިފާފަ. އެހެންވެ ނަޒްދާ ވަޒީފާއަދާކުރާ ދެ ތަނަށް ދިޔައީ. އެހެންވެ މި ވަގުތު ތިތާ ނަޒްދާ ތި އިނީ. އަހަރެންގެ ހުރި ހަމަ އެކަނި ދަރި ނަޒްދާއަށް ދެވޭނީ އަހަރެން ދޭ ޓެސްޓަކުން ފާސްވެއްޖެއްޔާ! ނަޒްދާ ގަބޫލުކުރިޔަސް ނުކުރިޔަސް އެ ކަން އޮތީ އެހެން. މައްސަލައެއް ނެތް ނަސީފު ގާތުގަ މި ވާހަކަ ބުންޏަސް. ނުބުނިއްޔާކަން ނޭނގެ ނަޒްދާއަށް ފައިދާ ބޮޑުވާނީ. ބުނެފިއްޔާ އަހަރުމެން ތިން މީހުން ތިން މީހުންނަށް ޖެހޭނެ. އޭނަ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ. ނަޒްދާ ދެކެ ލޯބިވާތީ ނަސީފުގެ ރުޅިއެއް ނަޒްދާއަކަށް ނުފެންނާނެ. އެހެންވެ މިހެން މި ބުނަނީ."

ނަޒްދާ ކުޑަކޮށް ބިރުގަންނަން ފެށިއެވެ. ހިތަށްއެރިއެވެ. އެއީ ތެދެކެވެ. ކޮންމެ މީހެއްގެ ވެސް އުނި ސިފަތަކެއް ހުންނާނެއެވެ. އެހެނަސް ނަސީފަކީ އެ ބުނާހައި ރުޅިގަދަ މީހެއްކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ރުޅިއަކީ ނަސީފު ދަންނަ ސިފައެއް ނޫނެވެ. އެކަމަކު މަންމައަށް ވުރެ ބޮޑަށް ނަޒްދާއަކަށް ނަސީފެއް ނޭނގޭނެއެވެ. އެ ހަގީގަތް ޖެހޭނީ ގަބޫލުކުރާށެވެ.

"އަޅުގަނޑުމެން ބައްދަލުވިކަމެއް ނަސީފަކަށް ނޭނގޭނެ،" އިސްޖަހާލައިގެން އިން ނަޒްދާ، މަޑުމަޑުން ބުންޏެވެ. "ދެއްވާނެ ޓެސްޓެއް ދެއްވާ! އަޅުގަނޑު ކިހިނެއް ހަދަންވީ؟"

ރަނގަބީލުގެ އަޑު ދެ ފަހަރަކު އިވުނު އިރު ވެސް ދޮރު ހުޅުވިހެނެއް މުޖުތަބާއަކަށް ހިޔެއްނުވެއެވެ. ނީޒާއަށް ގޮވައި، ފޯނުކުރުމުން ވެސް ނީޒާގެ ޚަބަރެއް ނުވިއެވެ. އެކަމަކު ސޯފާގައި ނީޒާ އިންކަން މުޖުތަބާއަށް ޔަގީނެވެ. ކުދިކިޔަމުން، ވަރަށް އުނދަގުލުން ތެދުވެގެން ކޮޓަރިން ނުކުތް އިރު، އިސްތަށިގަނޑު ނިއުޅުވާލައިގެން އިސްތަށިގަނޑުގައި ކޮންމެވެސް އެއްޗެއް ހާކަން ނީޒާ އިނެވެ.

"އަޅެ ތީ ހާމުންޑިކުކުޅެއްތަ؟" ރުޅިއައިސްފައި މުޖުތަބާ ބުންޏެވެ. "ބެލްޖަހާ އަޑެއް ނީވޭތަ؟ އެ ދޮރު ހުޅުވާލަބަލަ! ފޯނު ވެސް ހަމަ ކައިރީގަ ބާއްވައިގެނޭ މި އިންނަނީ."

މުޖުތަބާ ބުނި އެއްޗަކަށް ނީޒާ މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. އެ ހާކާ އެއްޗެއް އިސްތަށިގަނޑުގައި ހާކާލަހާކާލާ އިނީއެވެ. ދޮރުމަތީގައި ހުރީ ކާކުކަމާއި، އެ މީހަކު އައީ ކީއްކުރަންކަން ނީޒާއަށް އެނގެއެވެ.

"މިހާރު އަހަރެންގެ އިސްތަށިގަނޑަށް ވުރެ މުޖޫ ފޫހިވާ އެއްޗެއް ނެތް ދޯ؟" ނީޒާ ބުނެލިއެވެ. "މީ ކަޅު ވިލާގަނޑެކޭ، ފުން އަނދިރިގަނޑެކޭ، ޖާދޫގެ ޖަންގައްޔެކޭ ވެސް ހަމަ ތި އަނގައިން ކިއީ. އަހަރެން ރީތިވީ ވެސް، އަހަންނާ އިނީ ވެސް މި އިސްތަށިގަނޑަކާ ހެދި. މިހާރު ގުއިވީ. ތިއޭ ފިރިހެނުންގެ މައްސަލައަކީ. ތި ކަހަލަ މީހަކަށް ދޮރު ކީއްކުރަން ކުޑަދޮރެއް ވެސް ހުޅުވައެއް ނުދޭނަން. އަމިއްލައަށް ހުޅުވާ!"

ކުރިޔަށް ވުރެ ރުޅިއައިސްގެން ހުރެ މުޖުތަބާ ދޮރު ހުޅުވިއެވެ. ދޮރުމަތީގައި ހުރި މީހާ ދިއްކޮށްލީ ޗިޓެކެވެ. ހައިރާންވެފައި މުޖުތަބާ ޗިޓުގައި ހިފިއެވެ. ރަނގަޅަށް ބަލައިލި އިރު އެއީ ކޯޓުން އައިސްފައިވާ ޗިޓެކެވެ. ވަގުތުން މުޖުތަބާއަށް ބަލައިލެވުނީ ނީޒާއަށެވެ. މުޖުތަބާ ހަދާނީ ކިހިނެއްތޯ ބަލަން އިން ނީޒާ ކުއްލިއަކަށް އެހެން ދިމާއަކަށް އެނބުރުނެވެ. ނުފެންނަކަމަށް ހެދިއެވެ.

"މަ ނޫޅެން އޭނަ ވަރިކުރާކަށް،" ޗިޓު ހިފައިގެންއައި މީހާއަށް ޗިޓުދެމުން މުޖުތަބާ ބުންޏެވެ. "ވަރިކުރުމަކީ ފިރިމީހާއަށް އޮންނަ ހައްގެކޭ! ކަލޭމެން ކީއްވެގެންތަ މޮޔަވެގެން ތި އުޅެނީ؟ އަހަރެން ވަރިކުރިއްޔާ އޭނަ ވަރިވާނީ. ގޮސް ގާޒީ ކައިރީގަ ބުނޭ!"

"މާފުކުރައްވާތި! އަޅުގަނޑުގެ ކަމަކީ ޗިޓު ހަވާލުކުރުން،" ވެފައިހުރި ފޫހި ފޮރުވަން މަސައްކަތްކުރަމުން އޭނަ ބުންޏެވެ. "މީގަ ސޮއިކޮށްލައްވާފަ އަޅުގަނޑު މި ތަނުން ފޮނުވާލައްވާ! އެހެން ނޫނީ ދެން ވާނެ ގޮތަކީ.."

މުޖުތަބާ ޗިޓު ޖަހައިގަތެވެ. ނީޒާ އަވަސްއަވަހަށް ފުނާއަޅަމުން އެ ތަނުން ތެދުވިއެވެ. މުޖުތަބާގެ ކޮޓަރި ނޫން ދެން ހުރި ކޮޓަރިޔާ ދިމާއަށް ހިނގައިގަތެވެ. ކޮޅިގަނޑުގެ ވައި އައުމުގެ ކުރިން ސަލާމަތްވުމަށް ޓަކައެވެ. މުޖުތަބާއަށް އާދެވުނު އިރު ނީޒާ ދޮރު ތަންޑު ވެސް އަޅައިފިއެވެ.

"ކޯޓަށް ފޯމުލީ އިރު އެނގޭތަ އިސްވެ ވަރިޔަށް އެދުމަކީ ކިހާ ވަރެއްގެ ކަމެއްކަން؟" ދޮރުގައި ނިކަން ބާރަށް ޖަހައިފައި މުޖުތަބާ އެހިއެވެ.

"ނޭނގޭތީތާ އެދޭނީ،" ވަރަށް ހަމަޖެހިލާފައި ނީޒާ ބުނި އަޑުއިވުނެވެ. "އެނގޭތަ ތިހާ ޕްރެސަރު މައްޗައްދިޔުމަކީ ކިހާ ވަރެއްގެ ކަމެއްކަން؟ ގޮސް އޮށޯވެލައިގެން އޮވޭ! ކުރީބައިގަ ހުންނާނެ ފާގަ ރިހަ ކައްކާފަ. ދާނަން ހިފައިގެން."

ކުރިޔަށް ވުރެ ބާރަށް މުޖުތަބާ ދޮރުގައި އެތިފަހަރެއް ޖެހިއެވެ.

"ކޯޓުގަ ނީޒާ ފަލީހަތްކޮށްލާނަން އިނގޭ!" މުޖުތަބާ އިންޒާރުދިނެވެ. "މުޅި މާލެއަށް ބަދުނާމުކޮށްލާނަން! ހަނދާންކުރާތި!"

"އަހަނ! މި ފަހަރު ކިހިނެއް ތި ވީ؟" ހަމަ ކުރިން ބުނި ރާގުގައި ނީޒާ ބުނި އަޑު އިވުނެވެ. "އަނބިމީހާ ހިމާޔަތްކޮށް ހައްގުތައް ރައްކާތެރިކުރުމެއް ނޯވޭތަ؟ ތި އޭ ގޯސްވާ ތަންކޮޅަކީ."

ނަޒްދާ ޑިއުޓީ ނިންމާފައި ނިކުތް އިރު މެންދުރުނަމާދަށް ބަންގިގޮވަނީއެވެ. ނައުޝާދު އިނީ ނަޒްދާގެ އިންތިޒާރުގައެވެ. މުޖުތަބާއަށް ވީ ވައުދު ފުއްދުމަށް ޓަކައެވެ. ސައިކަލުގެ ލައިސަން ނަންބަރު ބަދަލުކޮށް، ކުރިން ނުލާ ކަހަލަ ޓީޝާޓެއް ލައި، އެ ތަނުގައި ހުރި ކެމެރާތަކަށް ވެސް "ފިލައިގެންނެވެ." ނަޒްދާ ފެނުމުން ނައުޝާދު އަޅައިގެންހުރި ހެލުމެޓުގެ ކުރިމައްޗަށް ކަޅު ނިތްގަނޑު ވައްޓައިލިއެވެ. ދަންނަ މީހަކަށް ވެސް ނައުޝާދު ނޭނގޭނެ ވަރު ކޮށްފައި ސައިކަލުގެ މުއްގަނޑު އަނބުރައިލިއެވެ. ނިކަން ބާރަށް ސައިކަލު ދުއްވައިލިއެވެ. ސީދާ ނަޒްދާޔާ ދިމާއަށެވެ.

ނުނިމޭ