ބުދަ ދުވަހާ ގުޅޭ
11 ޑިސެމްބަރ 2022
ބުދަ ދުވަހާ ގުޅޭ
"ފުރަތަމަ ވެސް އަހަރެން ބުނީ މިލިޔަނެކޭ." އޭނަ ވަރަށް ހަމަޖެހިލާފައި ބުންޏެވެ.
ބުނާނެ އެއްޗެއް މޫމިނާއަކަށް ނޭނގުނެވެ. ބަލަހައްޓައިގެން އިނދެވުނީއެވެ. އެއް މިލިޔަން ރުފިޔާއަކީ ކުޑަ އަދަދެއް ނޫނެވެ.
"އެއް މިލިޔަން!" މޫމިނާއަށް ބުނެވުނެވެ. "ހާދަ ބައިވަރެއް."
"ނީޒާ އެއްބަސްނުވި ނަމަ ދެ މިލިޔަން ވެސް ދިނީމުސް. ނަޒްދާއަށްޓަކާ އަހަރެން ނުކުރާނެ ކަމެއް ނޯންނާނެ،" ހިނިތުންވެލާފައި އޭނަ ބުންޏެވެ. "ގާނޫނީ ގޮތުން ދަރިފުޅު ލިބެންޖެހޭނީ ނަޒްދާއަށް. ކޯޓަށް މައްސަލަ ވައްދައިފިއްޔާ އެއްބުރުން މައްސަލަ ނިމި ވެސް ދާނެ. އެކަމަކު، އަހަރެން އެ ކަމާ އުޅެގެން ވެސް، އެންމެ އަވަސް ވިޔަސް ދެތިން ދުވަސް ނަގާނެ. ނަޒްދާއަކަށް އެހާ ޓައިމެއް ނެތް. އޭނަ ހިތް ހަލާކުވެގެން މަރުވެދާނެ. ދެން އަހަރެން ކިހިނެއްހަދާނީ؟"
މޫމިނާ ދައްކަން ބޭނުން ކިތަންމެ ވާހަކައެއް ހުއްޓެވެ. އެހެނަސް ހިތަށްއެރިއެވެ. އެއީ މޫމިނާ ދައްކަން ރަނގަޅު ވާހަކައެއްބާއެވެ؟
"ތީ ނުލާހިކު ސްމާޓް، ރިޗް މީހެއް،" މޫމިނާ ބުންޏެވެ. "އަހަންނަށް ޔަގީން ކޮންމެ އަންހެނަކު ވެސް ނުލާހިކު ފަސޭހައިން ފޯލްވާނެ. ނަޒޫ ލޯބިނުވާ އިރު ކީއްކުރަން ތިހާ ވަރުން ތި އުޅެނީ؟"
"ނަޒްދާ ލޯބިނުވާތީއޭ އަހަރެން ލޯބިވަނީ،" ހުޅުމާލެ ބުރިޖާ ދިމާއަށް މިސްރާބު ބަދަލުކޮށްލަމުން އޭނަ ބުންޏެވެ. "މުއްސަންޖެއް ދެކެ ލޯބިނުވާނެ މީހަކު ހުންނާނެތަ؟ އަހަރެން އެ ކަން އެކްސްޕީރިއަންސް ކޮށްފަ މި ބުނަނީ. އެކަމަކު އަހަރެން ދެކެ ރުޅިއަންނާކަށް ނަޒްދާ ޖެހިލުމެއް ނުވޭ! މާނައަކީ، އޭނަގެ ލޯބި ލާރިޔަކަށް ނުހެއްލެޔޭ!"
ކާރު މަޑުމަޑުން ގޮސް ބުރިޖަށް އެރިއެވެ. މޫމިނާގެ ވާހަކަ ހުސްވާން ކައިރި ވެސް ނުވެއެވެ.
"ރައްޓެހިވާން އުޅުނު އިރު ތި ކަމެއް ނޭނގޭނެ،" މޫމިނާ ބުންޏެވެ. "އަދި އޭރު ނަޒޫއަކީ މީހެއްގެ ވައިފެއް. ދެން ކީއްވެ އެހާ ވަރަކުން ނަޒޫޔާ ހެދި އުޅުނީ؟ ކޮބާ ސަބަބަކީ؟"
އެއްޗެއް ނުބުނެ އޭނަ އިރުކޮޅަކު އިނެވެ. އެއީ ބޮޑު ސިއްރެކެވެ.
"އަހަންނަށް ނަޒްދާ ލިބިއްޖެއްޔާ ނަޒްދާއަށް ތި ސުވާލުގެ ޖަވާބު ދޭނަން،" އޭނަ ދިނީ ކުރު ޖަވާބެކެވެ. "ދެން ހިނގާބަލަ އެކްސިޑެންޓުގެ ވާހަކަދައްކަމާ! މިހެން ވިސްނާ! މުޖޫ މަރާލަން އަހަރެން ބޭނުން ނަމަ މިހާރުތަ މަރާލަންވީ؟ އެހާ ލޯ ގްރޭޑު ކަންތަކެއް އަހަރެން ނުކުރާނެ. ވިސްނިއްޖެ ދޯ މި ބުނާ އެއްޗެއް؟"
"ނުވިސްނޭ!" އެނދުގައި އޮތް މުޖުތަބާ ބުންޏެވެ. "ކިހިނެއް ވިސްނޭނީ؟ ނީޒާ އަބަދު ވެސް އުޅޭނީ އަޒާނާ ހެދި. އިހަށް ދުވަހު ނަޒްދާ މި ތަނަށް އައިސް ބުނީ އަޒާން ދޭށޭ. ނީޒާ ލޮލުންބޮލުން ބުނީމެއްނު ނުދޭށޭނުދޭށޭ! މިހާރު ތި ބުނަނީ ނީޒާއަށް އަޒާން ދޭށޭ ބޭނުމީ. ދެން ކިހިނެއް އަހަންނަށް ވިސްނޭނީ؟"
ހޮސްޕިޓަލުގެ އެނދު ކައިރީގައި އިން ނީޒާއަށް މިހާރު ފެންނަނީ ނީޒާއަށް ލިބެން އުޅޭ ފައިސާތަކެވެ. މުޖުތަބާޔާ ނީޒާ އަލުން ކައިވެނިކުރީ ބަދަލުހިފާށެވެ. ނީޒާގެ ކުށެއް ނެތި ފުރަތަމަ ކައިވެނި ރޫޅައިލީތީއެވެ. ބަދަލުނިހިފިގެން އުޅެނިކޮށް މުޖުތަބާއަށް ކުރިމަތިވި އެކުސިޑެންޓުގެ ސަބަބުން ނީޒާގެ ހިތްމަރުވެއްޖެއެވެ. ފޫހިވެއްޖެއެވެ. އެހީއަކާ ނުލައި މުޖުތަބާއަށް ހިނގޭނެކަމާ މެދު ޑަކުޓަރުންނަށް ޝައްކެވެ. ފުރޮޅުލީގޮނޑިއަކަށް ވާކަށް ނީޒާ ބޭނުމެއް ނޫނެވެ. އެއް މިލިޔަން ރުފިޔާގެ ހުށައެޅުމެއް ނީޒާއަށް ލިބުނީ އެ ނާޒުކު ދަނޑިވަޅުގައެވެ. ނީޒާގެ ވިސްނުން ހުރީ މުޖުތަބާ ދޫކޮށްލާށެވެ. މުޅި ދުނިޔެ ބަލައިލަން އުދުހިގަންނާށެވެ.
"އަހަރެން ހިތަށްއަރަނީ މަންމަޔާ ދަރިފުޅު ވަކިކުރާކަށް ނުވާނޭ،" ނީޒާ މޮޅު ވާހަކައެއް ހަދައިލިއެވެ. "އަނެއްކޮޅުން މުޖޫއަށް މިހާރު ނުލާހިކު ކެއާ ބޭނުންވާނެ. މުޖޫ ކިހިނެއް ސްކޫލް ދޮށަށް ދާނީ ވެސް. އަހަރެން ޖެހޭނެ އަބަދު މުޖޫ ކައިރީގަ ހުންނަން. އަހަންނަކަށް ވެސް އަޒާނަކަށް މިހާރު ޓައިމެއް ނުދެވޭނެ."
"އާނ! ތީ ތެދެކޭ ދޯ!" ވިސްނަމުން މުޖުތަބާ ބުނެލިއެވެ. "ނަސީބެއްނު ތި ކަހަލަ ވިސްނުން ތޫނު، ލޯބިވާ އަންބެއް އަހަންނަށް ލިބުނުކަން. އަވަހަށް އަޒާން ގޮވައިގެން ގޮސް ނަޒްދާޔާ ހަވާލުކުރޭ! ބޮލަށް ފަސޭހަވާނެ."
ނަޒްދާ ހުރީ ނަމާދަށެވެ. އެހެން ހުރި އިރު ވެސް ލޮލަކުން ކަރުނައެއް ނުހިކެއެވެ. ދަރިފުޅު މަތިން ހަނދާންވާ ވަރުން، ކިޔަންވާ ސޫރަތް ވެސް ހަނދާންކުރަންޖެހުނީ ގަދަކަމުންނެވެ. އެތައް ފަހަރަކު އޮޅުނެވެ. ނަމާދުކޮށް ނިމިގެން ދުއާއަށް އަތްނަގައިގެން އިންދައި އެ ތަނަށް މޫމިނާ ވަނެވެ. އުފާވެރި ޚަބަރުދޭން މޫމިނާ ބޭނުމެވެ. އެހެނަސް، ދަރިފުޅު ހޯދައިދިން މީހާއާއި ހޯދި ގޮތް އެނގުމުން ނަޒްދާ ދެކޭނީ ކިހިނެއްކަމެއް މޫމިނާއަކަށް ނޭނގެއެވެ.
"އެއްޗެއް ކައިފިން؟" ނަޒްދާ ތެދުވުމުން، ހިނިތުންވެލާފައި މޫމިނާ އެހިއެވެ.
"ނެތް ކާހިތެއް،" އެނދުގައި އިށީންނަމުން ނަޒްދާ ބުންޏެވެ. "އަޒާން މިހާރު ކީއްބާކުރާނީ؟"
މޫމިނާ އައިސް ނަޒްދާގެ ކޮނޑުގައި ފިރުމައިލިއެވެ. ނަޒްދާގެ ހިތާމަތައް ނިމެނީކަން މޫމިނާއަށް އެނގެއެވެ.
"ހިތްވަރުކުރޭ!" އޯގާތެރިކަމާ އެކު މޫމިނާ ބުންޏެވެ. "އަހަންނަށް ޔަގީން ނަޒޫގެ ދުއާ އިޖާބަކުރައްވާނެކަން."
ގަދަކަމުން ނަޒްދާ ހިނިތުންވެލިއެވެ. އަދި ފޯނުން އަޒާންގެ ފޮޓޯ ބަލަން ފެށިއެވެ. އެ ވަގުތު ނަޒްދާއަށް ފޯނެއްއައެވެ. ގުޅީ ނީޒާއެވެ. ހިތްހަމަނުޖެހިފައި ހުރި ވަރުން ނަޒްދާ ފޯނުގެ އަޑު ކަނޑައިލިއެވެ. ފޯނެއް ނުނަގައެވެ.
"އަދި މަށަށް އެބަ ގުޅައެއްނު!" މަޑުމަޑުން ނަޒްދާ ބުނެލިއެވެ.
އަނެއްކާ ވެސް ނީޒާ ގުޅަން ފެށިއެވެ. އަނެއްކާ ވެސް ނަޒްދާ ފޯނުގެ އަޑު ކަނޑައިލިއެވެ.
"ތި ނަގާބަލަ!" މޫމިނާ އެދުނެވެ. "އަޒާނަށް ވެސް ކަމެއް ދިމާވެދާނެއްނު!"
ނަޒްދާ ވަގުުތުން ފޯނު ނެގިއެވެ. ވާހަކަދެއްކިއެވެ. ދެތިން އެއްޗެއް ބުނެލާފައި، ހައިރާންވެގެން ފޯނު ބޭއްވިއެވެ.
"ކީކޭ ބުނީ؟" މޫމިނާ އެހިއެވެ.
"އަޒާން އަހަންނަށް ދެނީޔޯ! މި އަންނަނީޔޯ!" އަންތަރީސްވެފައި ނަޒްދާ ބުންޏެވެ. "އަޅޭ! އޭނަ ހާދަ ރަނގަޅޭ ދޯ؟"
މޫމިނާ ހިތަށްއެރިއެވެ. ރަނގަޅީ ނީޒާއެއް ނޫނެވެ. އެހެން މީހެކެވެ. ނަޒްދާ ދެކެ އެ މީހަކު ވާ ލޯތްބެވެ. ހިތާމައަކީ މޫމިނާއަށް އެ ވާހަކަދެއްކެން ނެތްކަމެވެ. ދެއްކުމުގެ ހުއްދަ ވެސް ނެތްކަމެވެ. އެ ވަގުތު ރަނގަބީލުޖެހި އަޑުއިވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ނަޒްދާ ގޮސް ދޮރު ހުޅުވިއެވެ. ދޮރުމަތީގައި ހުރީ ނީޒާއާއި އަޒާންއެވެ. ނަޒްދާ ވަގުތުން އަޒާން ގައިގައި ބައްދައިލައި ބާރަށް ރޯން ފެށިއެވެ. އަޒާން ވެސް ނިކަން ބާރަށް މަންމަ ގައިގައި ބައްދައިލިއެވެ. ނީޒާ އެތެރެއަށް ވަދެފައި ދޮރު ލެއްޕިއެވެ. އެއީ ހަތުރުންގެ ލޮލުން ވެސް ކަރުނަ ހިލުވައިލި ވަގުތުކޮޅެކެވެ. ހަމްދުކުރުން ފިޔަވައި އެހެން ކަމެއް ނަޒްދާ ނުކުރެއެވެ. ނީޒާ ގެނައި ދަބަހާ ހަވާލުވީ މޫމިނާއެވެ.
"ދެން ހުރި އެއްޗެހި ބަލާ ފަހުން އާދޭ އިނގޭ!" ނީޒާ ބުންޏެވެ.
އެހެން ބުނެފައި ނީޒާ ދިޔައެވެ. ދަރިފުޅު ގޮވައިގެން ނަޒްދާ ސޯފާގައި އިށީނެވެ. ނަޒްދާގެ ހުރިހައި ހިތާމައެއް އެއްފަހަރާ ވަޔަށް ބުރައިގެންދިޔަ ކަހަލައެވެ.
"މަންމަގެ ލޯބިކޮޅު!" އަޒާންގެ މޫނަށް ބަލައިލާފައި އަނެއްކާ ވެސް ބައްދައިލަމުން ނަޒްދާ ބުންޏެވެ. "މަންމައަށް ދަރިފުޅު ހާދަ މިސްވިޔޭ، ހާދަ މިސްވިޔޭ!"
ދުރުގައި ހުރި މޫމިނާ ސިއްރުސިއްރުން ނަޒްދާގެ ފޮޓޯއެއްނަގާފައި، ފޮނުވަންވީ މީހާއަށް ފޮނުވައިލިއެވެ. ފޮޓޯ ލިބުނު މީހާގެ ލޮލަށް ޖަމާވި ކަރުނަ ވެސް މަދެއް ނޫނެވެ. ގުޅާނުލައި ކެތެއް ނުކުރެވުނެވެ. އެ އުފަލުގައި ބައިވެރިވެ، ނަޒްދާގެ އަޑުއަހައިލަން ބޭނުންވިއެވެ. އޭނަ ގުޅުމާއެކު ނަޒްދާ ފޯނު ކަނޑައިލިއެވެ.
"ކޯޗެއް ދަރިފުޅު ކާނީ؟ ކޯޗެއް މަންމަ ހަދައިދޭންވީ؟" ނަޒްދާ އެހިއެވެ.
އަޒާން ބޭނުންވީ ނަޒްދާ ހަދާ ބަތެވެ. ނަޒްދާ ވަގުތުން މަސައްކަތް ފެށިއެވެ. ވަރަށް ލޯބިން އަޒާންގެ ހުރިހައި ކަމެއް ނިންމައި، ނަޒްދާގެ އެނދުގައި އަޒާން ނިންދެވިއެވެ. އެ ވަގުތު ވެސް ނަޒްދާއަށް ފޯނެއްއައެވެ. އެ ފަހަރު ވެސް ނަޒްދާ ފޯނު ކަނޑައިލިއެވެ. ކޮޓަރިން ނުކުތް އިރު ނަޒްދާއަށް ވުރެ އުފާވެރި މީހަކު ދުނިޔެއަކު ނެތެވެ. މޫމިނާ ސޯފާގައި ފޯނާކުޅެން އިނެވެ. ގަޑިން އޭރު ދިހައެއްޖަހަނީއެވެ.
"ބަލާ މިހިރަ މޫނެއް." މޫމިނާ ބުންޏެވެ.
"އުފާވާނެއްނު،" މޫމިނާ ގާތުގައި އިށީންނަމުން ނަޒްދާ ބުނެލިއެވެ. "ވިސްނާނެ އެއްވެސް ކަމެއް ދެން ނެތް. އެކަމަކު ދެންމެ ހިތަށްއެރި އެއްޗެއް ބުނަން؟ އެކްސިޑެންޓުވި ރޭ ކުރިން އޮތީ އަޒާން ވެސް ގޮވައިގެން މުޖޫ ޝޮޕިންއަށް ދާ ގޮތަށޭ! ކިރިޔާއެއްނު! ޕޮލިސްގަ އުޅުނު އިރު މީސްމީހުންނަށް މުޖޫ ވަރަށް ގޮތްގޮތް ހެދިޔޭ! އެ ކަހަލަ ކަމެއްގެ ބަދަލުހިފީހެން އަހަންނަށް ހީވަނީ. އަހަންނާ އެ ވަރަށް ގުޅާލައިގެން ކީއްކުރަންބާ އޭނަ އެ އުޅުނީ؟ އަދި ބުންޏޭ ފަސް ސަތޭކަ މީހުންނަށް ކާންދޭނަމޭ! ސައިކޯ މީހާގަނޑެއް."
"ތީ ވަރަށް ބޮޑު ތެދެއް. އެއީ ހަމަ ސައިކޯއެއް،" ހިތްހަމަނުޖެހިފައި ފޯނު ދައްކައިލަމުން މޫމިނާ ބުންޏެވެ. "މިރޭގެ ނޫސް ނުކިޔަން ދޯ؟ މުޖޫ ގައިގަ ސައިކުން ޖެއްސީ ނާހިދު. ނާހިދަކީ މުޖޫ ޕޮލިހުގަ އުޅުނު އިރު އަނިޔާކޮށްގެން، އައިސީޔޫގަ ބޭއްވި މީހާ. އެ މައްސަލައިގަ މުޖޫ ޕޮލިހުން ކަނޑައިލީ! ހަނދާންވޭ؟"
ހައިރާންވެފައި ނަޒްދާ އެ ޚަބަރު ކިޔައިލިއެވެ. އަދި މޫމިނާއަށް ބަލައިލިއެވެ.
"ސަފާރީއަށް ދިޔަ ރޭ ނަޒްދާ ޕާޓީއަކަށް ދިޔައިމެއްނު. ނަޒްދާއަށްތާ ހީވީ އެއީ ވެޑިންޕާޓީއެކޭ. އެހެން ޖަހާފަ އޮތްތަ؟ ވެޑިން ކަޕްލް ދުށިން؟" ހިތްހަމަނުުޖެހިފައި މަޑުމަޑުން މޫމިނާ ބުންޏެވެ. "ނުދެކޭނެ. އެއީ ފަސް ސަތޭކަ މީހުންނަށް ސައިކޯމީހާ ދިން ކެއުން. ނޭނގެ ކިތައް ހާސް މީހުންކަމެއް ކެއީ."
"އޭނ؟" ހައިރާންވެފައި ނަޒްދާ އެހިއެވެ.
"އާނ!" މޫމިނާ އަޑަށް ބާރުލައިފައި ބުންޏެވެ. "ވާރޭވެހުނުރޭ ބުރިޖުމަތިން ސަލާމަތުން ނަޒްދާއަށް ގެއަށްދެވުނީމަ ހަތް ދުވަހު ރޯދަހިފާފަ، ކަނޑަށް ފުންމާލައިގެން ނަޒްދާގެ ފުރާނަ ސަލާމަތްކޮށްފަ، އަޒާން ދޭ މަތިން ނީޒާއަށް އެއް މިލިޔަން ރުފިޔާ ދޭނީ ކިހާ ސައިކޯވީމަ."
"އޭނ؟" އެ ފަހަރު ނަޒްދާއަށް އެހެން ބުނެވުނު އިރު ފެންކަޅިވެއްޖެއެވެ.
"ނަޒްދާޔާ ވާހަކަދައްކާލާ ހިތުން، ނަޒްދާ ދެކިލާ ހިތުން އައިސް، ނަޒްދާ ރުޅިއަތުވެދާނެތީ ވަންނަން ނުކެރިފަ މިހާރު ވެސް އޭނަ އެހެރީ ދޮރުމަތީގަ." މޫމިނާ ބުންޏެވެ.
ނުނިމޭ