Roadha Mihaaru

ހިތް

އާދިއްތަ ދުވަހާ ގުޅޭ

ހިތް
ބިންމާ އިބްރާހިމް ވަހީދު
ބިންމާ އިބްރާހިމް ވަހީދު

21 ޑިސެމްބަރ 2022

އާދިއްތަ ދުވަހާ ގުޅޭ

"އަހަރެން ވަރިކުރޭ!" ނީޒާ ބުންޏެވެ.

މުޖުތަބާ ވަގުތުން ގަނޑުވި ކަހަލައެވެ. ނީޒާ އެހެން ބުނެފާނެކަމަކަށް މުޖުތަބާ ހިއެއްނުކުރެއެވެ.

"ހީނުކުރައްޗޭ މީ ނަޒްދާއޭ!" ނީޒާ އިންޒާރުދިނެވެ. "މީ ނީޒާ! އެއްވެސް ކުށެއް ނެތި ވަރިކޮށްފަ އެއްްލައިލި އެއްކަލަ ނީޒާ! ހަނދާން އެބަހުރި؟ މުޖޫ ހީކުރީ އަލުން އައިސް މާފުކުރާށޭ ހަމަ ބުނާ އިރަށް އަހަންނަށް މާފުކުރެވޭނެކަމަށްތަ؟ އަނެއްކާ ވެސް ބުނަންޖެހޭނީ މީ ނީޒާއޭ ނަޒްދާއެއް ނޫނޭ! ތީ ހިތުން ވަރަށް ގަޓުހުންނަ މީހެއްނު! ކުރިން ބުނި ސްޓައިލްގަ ބުނެލަބަލަ! ކީކޭތަ އެ ފަހަރު ބުނީ؟" ނީޒާ ވިސްނައިލައިފައި ބުންޏެވެ. "ތިހިރީ ވަރިކޮށްފަ! ރައްކާވޭ! ހަމަ އެ ގޮތަށް ފުއްޓަކިޖަހާލާފަ ބުނެލަބަލަ!"

"ކޮންމެވެސް ކަމެއް ވެއްޖެ!" މުޖުތަބާ ބުންޏެވެ. "އެހެންނޫނީ ނީޒާއަކަށް ނުކެރޭނެ ތިހެން ވާހަކަދައްކާކަށް. އަހަރެން ދެނެއް ނީޒާ ވަރިއެއް ނުކުރާނަން."

ނީޒާ ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. މުޖުތަބާ ހިތަށްއެރިއެވެ. އޭނަ އެ ހެނީ ކީއްވެގެން ހެއްޔެވެ؟ "ފަހުން ހިތަށްއަރާނެ ތިހެން ނުބުނެވުނު ނަމައޭ!" ނީޒާ ބުންޏެވެ.

ބޮޑާކަމުގެ އިރު މުޖުތަބާއަށް ވަދާއުކިޔަމުން އޮއްސެންދިޔަ އިރު، އާ ހަޔާތެއްގެ އިރު ނަޒްދާއަށް ހަނާއަޅަމުން ފެނުންތޮޅިލިއެވެ. ވައިހިނދި ދަހަނގުވެފައިވާ ކަޑުގެ ބާނިތައް، އަދަބުވެރިކަމާ އެކު ނަސީފުގެ ބިޔަ ލާންޗަށް މަގުދައްކަމުންދިޔައެވެ. ތަފާތު ކުލަތަކުން ޖަރީވެފައިވާ އުދަރެސް، އެ ރަސްމިއްޔާތަށް ޓަކައި އޮތީ ނަލަހެދިފައެވެ. ގިރިޓީވެފައިވާ ލޮނުގަނޑު ރިވެލިން ބަބުޅަމުންދިޔައެވެ. ލާންޗުގެ އެންމެ މަތީގައި ތިބީ ނަޒްދާއާއި ހަނާއެވެ.

"މިއަދު ހިތަށްއަރާ ނަޒޫގެ ފްރެންޑަކަށް ވެވުނުކަން އެއީ ނަސީބެކޭ،" ހަނާ ބުންޏެވެ. "އެހެން ނޫން ނަމަ އިރުއަރާތަން ބަލަން މި ގޮތަކަށް ނާދެވޭނެ. ކީއްވެތަ ދެ ކުދިން އެކަނި ނައީ؟"

"ނަސީފު ބުނީ މެރީނުކުރަނީސް އެކަނި ތަންތަނަށް ދިޔުމަކީ ރަނގަޅުކަމެއް ނޫނޯ!" ކަންނެތް ގޮތަކަށް ގޮނޑީގައި އޮށޯވެލައިގެން އޮތް ނަޒްދާ ބުންޏެވެ. "އޭނަ ހާދަ ނައިސްއޭ! އަޒާން ވެސް ހީވަނީ އޭނަގެ ދަރިއެއްހެން. ކުރީ ދުވަހު ވެސް ބުނި އެއްޗެއް އެނގޭތަ؟ ކީއްކުރަންހޯ ޖޮބަށް ދަނީ؟ އޭނަގެ ގެއަށް އަންނާށޯ! ރޫމެއް ރެޑީކޮށްފަޔޯ ހުންނާނީ."

"ދެން ދާންވީނު!" ހަނާ ބުންޏެވެ. "ކޮބާ މައްސަލައަކީ؟"

ނަޒްދާ ވިސްނައިލިއެވެ. އެ މައްސަލައިގެ ވާހަކަ އެއްވެސް މީހެއް ގާތަކު ނަޒްދާ ނުދައްކައެވެ. އެކަމަކު ކޮންމެވެސް ދުވަހަކުން އެ ކަމާ ކުރިމަތިލާން ޖެހޭނެކަން ނަޒްދާއަށް ޔަގީނެވެ.

"އަހަންނަކަށް ހިޔެއްނުވޭ.. ހިޔެއްނުވޭ ނަސީފުގެ މަންމަ އެއްބަސްވާނެހެނެއް،" ބުނަންނުބުނަން އުޅެފައި ނަޒްދާ ބުންޏެވެ. "ހަނާ ވިސްނާލިންތަ ނަސީފުގެ އޭޖް؟ އަހަންނަށް ޔަގީން ޓުވެންޓީ ފައިވަށް ވުރެ ބޮޑެއް ނުވާނެ. އަހަންނަށް މިހާރު ތާރޓީ ވަން ވަނީ. އެއީ އެއް މައްސަލަ. އޭނަ ސިންގަލް. އަހަރެން މިހިރީ ޑިވޯސްކޮށްފަ. ކިޑެއް އެބަ ހުރި. ނަސީފު ބުނި ގޮތުން އޭނަގެ މަންމައަކީ ވަރަށް އެހެން ކަހަލަ ވިސްނުމެއް ހުންނަ މީހެއް. ނުވާނެ އެއްބަހެއް. އަހަންނަށް މައްސަލައެއް ނެތް. އެކަމަކު ނަސީފު ހުންނަނީ އަހަންނާ ހެދި މޮޔަވެފަ. އޭނައަށް ކިހިނެއް ވާނީ؟ އަބަދު ކިޔާނެ އަހަންނަށްޓަކާ ކޮންމެ ކަމެއް ވެސް ކޮށްފާނަމޭ! އަހަރެން ވަރަށް ބިރުގަނޭ! އަހަންނާ ހެދި އޭނައަށް ކަމެއްވެއްޖެއްޔާ އަހަރެން ވަރަށް ދެރަވާނެ."

ހަނާ ވިސްނައިލިއެވެ. މައިދައިތަ ރުއްސުމުގެ މާ ބޮޑު ތަޖުރިބާއެއް ނެތަސް އެއީ ފަސޭހަކަމަކަށް ނުވާނެކަން ހަނާއަށް އެނގެއެވެ.

"އަހަންނަށް ފެންނަނީ ނަޒޫ އެ ގެއަށް ދާން. އިއްދަ ހަމަވާން އަދި ދުވަސް އެބަ އޮތެއްނު،" ހަނާ ބުންޏެވެ. "މައިދައިތައަށް ފެންނަ ހިސާބުގަ އުޅެލީމަ މައިޓަށް އެނގޭނެ ނަޒޫގެ ގޮތް. އޭރުން ނަސީފު ބޭނުންވި ގޮތަށް އެ ގެއަށް ވެސް ދެވުނީ. ވެދާނެއްނު ކުރިން ނަޒޫ ގެންދަން އެ އުޅެނީ މަންމަ ރުއްސަންވެގެންކަމަށް ވެސް."

ނަޒްދާ ވިސްނައިލިއެވެ. ދުރުހިލޭ މީހަކު ނަޒްދާއަށް ހަރަދުކުރުމަކީ ނަޒްދާ އެންމެ ބޭނުންވާ ގޮތެއް ނޫނެވެ. މީހުން ކިޔާނީ ކީކޭ ހެއްޔެވެ؟

"އަހަންނަށް އެނގޭ ތި ވިސްނަނީ ކޯޗެއްކަން،" ނަޒްދާއަށް އިނގިލި ދިއްކޮށްލަމުން ހަނާ ބުންޏެވެ. "އެ ގޭގަ އުޅުނަސް ނަޒޫ މިހާރު ވެސް ތި ދާ ގޮތަށް ދެ ޖޮބަށް ދެވިދާނެއްނު! އޭރުން ގިނަ އިރު ގެއިން ބޭރުގަ އުޅޭނީ ވެސް."

"ގުޑް މޯނިން!" ނަސީފުގެ އަޑުއިވުނެވެ.

ނަޒްދާ ބަލައިލި އިރު ދެ ތަށި ކޮފީ ހިފައިގެން ނަސީފު އާދެއެވެ. ހަނާ ތެދުވިއެވެ.

"އިނދޭއިނދޭ!" ނަސީފު އެދުނެވެ. "ވެއިޓަރުކަން ނުކުރާތީ ތިން ތަށި ނުގެނެވުނީ. އެބަ ގެނޭ!"

"އަހަރެން އަންނާނަން ކޮފީ ހިފައިގެން." ހިނގައިގަންނަމުން ހަނާ ބުންޏެވެ.

"އަޒާން ހޭލައިފިއްޔާ މޫމި ވެސް ގޮވައިގެން އަންނާތި،" ނަސީފު ބުންޏެވެ. "އިރުކޮޅަކުން ޑޮލްފިންތައް ފެންނާނެ. އަޒާނަށް މަޖާވާނެ."

ހަނާ ތިރިޔަށް ދިޔައެވެ. ނަސީފު އައިސް ނަޒްދާއަށް އެއް ތަށި ދެމުން އެ ގޮނޑީގައި އިށީނެވެ. ނަޒްދާ ބޭނުންވީ ހަމަޖެހިލާށެވެ. ހުރިހައި ފިކުރެއް ހިތުން ނެރެ ކަނޑަށް އުކައިލާށެވެ. އެހެނަސް އެހެނެއް ނުވިއެވެ.

"އިރުއަރާތަން ބަލަން ބޭނުންވީ. އެ ކަން ވެސް މި އޮތީ ވެފަ،" ހިނިތުންވެލާފައި ނަސީފު ބުންޏެވެ. "ހެޕީ؟"

"ބިރުގަންނަނީ،" ނަޒްދާ ބުންޏެވެ. "އެސްފީނާޖެހިދާނެތީ! ތިހާ ރަނގަޅު މީހަކަށް ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅުވާން ޖެހޭނެ. އެކަމަކު މީ ދުނިޔެ. ސުވަރުގެއެއް ނޫން. މާދަން ކަންތައް ވާނީ ކިހިނެއްކަމެއް ނޭނގެ. ހިތްމަރާނުލާތި! ކޮންމެ ތަނެއްގަ އަހަރެން ހުއްޓަސް ނަސީފަށް އަހަރެން ދުއާކޮށްދޭނަން."

"ހާދަހާ ބިރެކޭ ތި ގަންނަވަނީ،" ނުތަނަވަސްކަމާ އެކުގައި ނަސީފު ބުންޏެވެ. "އަލުން މުޖޫއާ ނީންނައްޗޭ! ހިނގާ އޮސްޓްރޭލިޔާއަށް ނޫނީ ދުބާއީއަށް ބަދަލުވަމާ! އޭރުން އަޒާންގެ ކިޔެވުން ވެސް މާ ރަނގަޅުވާނެ. ހަމަޖައްސަންތަ؟"

"ސީރިޔަސްކޮށް؟" ނަޒްދާއަކަށް ގަބޫލެއް ނުކުރެވުނެވެ. "އޭރުން ނަސީފުގެ ބިޒްނަސް؟"

"އެކައްޗެއް ވެސް ބޭނުމެއް ނޫން،" ފަރުވާކުޑަ ގޮތަކަށް ނަސީފު ބުންޏެވެ. "މަންމަ އަބަދު ވެސް ވަރަށް ބޭނުންވާނެ މަންމަގެ އަތަށް ކޮންޓުރޯލު ލިބެން. ހުރެދާނެއްނު! އަހަރެން ހުންނާނީ ނަޒްދާ ހުންނަ ތަނެއްގަ، ނަޒްދާ ކައިރީގަ. އެއްކަލަ ފަހަރު ނަޒްދާ ރުޅިއައިމެއްނު ދޯ؟ އަހަރެން ހިތަށްއެރީ ނަޒްދާ ރުޅިމަޑުވަންދެން އަހަރެން ދުރުގަ ހުންނާނީއޭ. ނުހުރެވުނު. ކޮންމެ ތާކު ހުއްޓަސް އަހަންނަށް ހީވަނީ ނަޒްދާގެ އަޑުއިވޭހެން. ހީވަނީ އޭއްޔޭ ކިޔާފަ ގޮވާލާހެން. ދުރުގަހުންނަން ބޭނުންވިޔަސް ދުރުދުރުން ނުބަލައެއް ނުހުރެވޭ! ނަޒްދާއަކަށް ނޭނގޭނެ އަހަރެން ކިހާ ލޯބިވާކަމެއް. މީހުން ބުނޭ އެންމެ ލޯބިވާ މީހާއެއް ނުލިބޭނޭ. ހިތަށް ވިސްނައިދޭން މަސައްކަތްކުރީމޭ! އެއްބަހެއް ނުވި. ހިތަށް ފާޑެއްގެ ގޮތެއްވެފަ ހުންނަނީ. އުޅެއުޅެ ނަޒްދާ ހަނދާންނައްތައެއް ނުލެވުނު. ކޮންމެ ތާކަށް ދިޔަސް ހީވަނީ ކައިރީގަ ހުންނަހެން. އަހަރެން ބިޒްނަސް ޕާޓީތަކަށް ވެސް ދަމޭ. މީހުން ފުރިފަ އޮންނަނީ. އެކަމަކު ހީވަނީ ފަޅުވެފައޮންނަހެން. ހިތަށްއަރާނެކަން ނޭނގެ އަހަރެން ހުންނަނީ ނަޒްދާޔާ ހެދި މޮޔަވެފައޭ. މޮޔަވުން އެއީ މާ ކުޑަ ކަމެއް. އަހަރެން މި ހުންނަނީ ލޯބިން މަރުވާ ވަރު ވެފަ."

މުޖުތަބާ ވަރަށް ހާލުން ފާހާނައިން ނުކުތެވެ. އޭރު ވެސް ފައިގައި ޕުލާސްޓަރު އޮތެވެ. ތަންތަނުގައި ހިފާއްޓަމުން ދަނިކޮށް އަރިއަޅައިލުމުން މުޖުތަބާ ހިފާއްޓަން ނައުޝާދަށް އަތްދިއްކޮށްލެވުނެވެ. މުޖުތަބާ ރުޅިއައިސްފައި އެ އަތް ފޮޅުވައިލީއެވެ. އެއްވެސް މީހަކު މުޖުތަބާއަށް އެހީވާކަށް މުޖުތަބާ ބޭނުމެއް ނޫނެވެ. އެކަނި ހާލަށް އޭނައަށް އުޅެވިދާނެއެވެ. ނޫޅެވުނަސް ދައްކަން ބޭނުންވަނީ އެހެންނެވެ. އެނދުގައި އިށީނދެފައި މުޖުތަބާ ގޮނޑި ދައްކައިލުމުން ނައުޝާދު، ހަމުދަރުދީގެ ނަޒަރަކުން މުޖުތަބާއަށް ބަލަމުން އިށީނެވެ. އޭރު ވެސް ނައުޝާދު ހުރީ ފުލުސް ޔުނީފޯމުގައެވެ.

"ތި ކޮށްދެވެނީ ވަރަށް ބޮޑުކަމެއް،" މުޖުތަބާ ބުންޏެވެ. "އަބަދު ވެސް ހަނދާން ބަހައްޓާނަން."

"ތީ ދެން ކޮން ވާހަކައެއް؟ އަހަންނަށް މުޖޫ ކޮށްދިން ކަންތަކުގެ ބަދަލުގަ އަހަރެން ވެސް ކޮންމެވެސް ކަމެއް ކޮށްދޭން ބޭނުން،" ނައުޝާދު ބުންޏެވެ. "އަހަރެންގެ ވައިފަށް ނާހިދު ފޯނުކޮށްގެން ޖެއްސުންކުރާ ވާހަކަ ބުނީމަ ނާހިދަށް މުޖޫ އަނިޔާކުރީ. އެހެން ނޫން ނަމަ މުޖޫ އަދި ވެސް އުޅޭނީ ޕޮލިސްގަ. ނަޒްދާ ވެސް ހުރީސްކަން ނޭނގެ. ނީޒާ ހާދަ އެހެން ކަހަލައޭ ދޯ؟ އެބަ އިން ބޭރުގަ ޓީވީބަލަން. މި ތަނަށް ވަދެ ވެސް ނުލާތަ؟"

"އެ ވާހަކަ ބާއްވާ!" މުޖުތަބާ ޗޮކެއްކަނޑައިލާފައި ބުންޏެވެ. "ވީ ގޮތް ކިޔާ!"

"ފޮނުވި ނަންބަރު، ޑޭޓާބޭސްއިން ސާޗްކުރި އިރު އެ ކާރަކީ އަޙްމަދު ނަސީފު ކިޔާ މީހެއްގެ ނަމުގަ ރަޖިސްޓަރީކޮށްފަ އޮތް ކާރެއް،" ނައުޝާދު ބުންޏެވެ. "ދެން އަހަރެން ބެލީ އެ ނަސީފަކީ ކާކުތޯ؟ ބޮޑު މަހުޖަނެއް. ކާރާ، ލާންޗާ، ސަފާރީޔާ، ރިސޯޓާ، ބިޒްނަސްއާ މިހެން ގޮސް ކިޔާނެކަމެއް ނެތް. ދެން ބެލީ އޭނަޔާ ނަޒްދާޔާ ކުރިން އެއްވެސް ގުޅުމެއް އޮތްތޯ؟ ބަލަނިކޮށް ބަލަނިކޮށް ފެނުނު އެއްޗެއް ދައްކާލަން؟"

ނައުޝާދު ދައްކާލީ ފޮޓޯއެކެވެ. މުޖުތަބާއަށް ފޯނު ދިނުމުން މުޖުތަބާ ވެސް ތަންކޮޅެއް ކައިރިން އެ ފޮޓޯ ބަލައިލިއެވެ. ކާކުކަމެއް ނޭނގުނެވެ. ދަންނަ ހަނދާނެއްވިއެވެ.

"މީ ކޯޗެއް؟" މުޖުތަބާ އެހިއެވެ.

"ނޭނގުނު ދޯ؟" ނައުޝާދު ސުވާލުކުރިއެވެ. "އެއްކަލަ ފަހަރު މުޖޫގެ ދަރިޔަށް ކޮންމެވެސް މީހަކު ލަންޗްބޮކްސްއެއް ދީގެން އެއީ ކާކުކަން ނޭނގިގެން އަހަންނަށް އެ ފޮޓޯ ފޮނުވި ހަނދާންވޭތަ؟ އެ ފޮޓޯ އެންހޭންސްކޮށްފަ، ދެ ފޮޓޯ ޖައްސާފަ މި އޮތީ. ބަލާލަބަލަ!"

ކުއްލިއަކަށް މުޖުތަބާ ހަނދާންވިއެވެ. ނައުޝާދުގެ ފޯނު ބަލައިލިއެވެ. އެއީ ހަމަ އެކަކެވެ. އެއްވެސް ޝައްކެއް ނެތެވެ.

"އެހެންވީމާ ނަޒްދާ މި މެޓާގަނޑެއް ހިލާތާ ލައްކަ ޒަމާން ވެއްޖެތާ!" ރުޅިއައިސްފައި މުޖުތަބާ ބުންޏެވެ. "އޭރު ވެސް ނަޒްދާ ބުންޏޭ އަޅާނުލާށޭ! އެހެރީ އޭނަގެ ގޮތްކުޑަކަން. ނަންވާނީ އަހަރެން. އޭނަގެ ބިޓަކަށްނު މި ވީ! އަހަރެން މި ހާލުގަ އޮއްވާ އޭނަ ގޮސް މަހުޖަނަކާ ހިތާވެގެން މުޅި މާލޭގަ އުދުހެނީ. ފިޔަތައް ކޮށާލާ! ކީއްކުރަން ކޮށާލަނީ؟ ދެ ފިޔަ ބުރިކޮށްލަން ކެރޭނެ؟"

ނުނިމޭ