ބުދަ ދުވަހާ ގުޅޭ
25 ޑިސެމްބަރ 2022
ބުދަ ދުވަހާ ގުޅޭ
"ދެ ފިޔަ ބުރިކޮށްލަން ކެރޭނެ؟" ރުޅިއައިސްފައި މުޖުތަބާ ބުންޏެވެ.
މުޖުތަބާ ދެއްކި ވާހަކަތައް ނީޒާ ސިއްރުން އަޑުއެހިއެވެ. ހޫނުކަންމަތީގައި ނަޒްދާއަށް އެ ވާހަކަ ކިޔައިދޭން ހިތަށްއެރި ވެސްމެއެވެ. ނަޒްދާޔާ މާ ގާތް ގުޅުމެއް އޮވެގެން ނުވަތަ ހެވެއްއެދިގެނެއް ވެސް ނޫނެވެ. ނަޒްދާއަށް އެތައް ދެރައެއް ދެވުނީތީ އެންމެ ހެޔޮކަމެއް ކޮށްދޭން ހިތަށްއެރީއެވެ. މުޖުތަބާ ކަންތައްކުރި ގޮތުން މުޖުތަބާއަށް ވެސް ފިލާވަޅެއްނަގައިދޭން ހިތަށްއެރީއެވެ. އެހެނަސް ނަޒްދާގެ ފޯނު ރަނގަބީލުވަމުން ދަނިކޮށް ނީޒާގެ ހިޔާލު ބަދަލުވިއެވެ. ހިތަށްއެރިއެވެ. މި ކުރެވެނީ ކީއްހެއްޔެވެ؟ އެ ކަމުގެ ތެރެއަށް އަހަރެން ވަންނަނީ ކީއްކުރަން ހެއްޔެވެ؟ އަނެއްކޮޅުން ނީޒާގެ އެ ކޯލު ނަގާ ހިތެއް ނަޒްދާ ނުވިއެވެ.
ނަސީފުގެ ގެއަށް ކާރު މަޑުކޮށްލިއެވެ. ނަޒްދާއާއި އަޒާން ކާރުން ފޭބިއެވެ. އެ ގެއަށް އައި މަގުމަތީ އަޒާންގެ އެއް ހާސް ސުވާލަށް ނަޒްދާ ޖަވާބުދީ ނިންމައިފިއެވެ. އެންމެ މުހިންމު ސުވާލަކީ، އިރުއިރުކޮޅާ ގެ ބަދަލުކުރަނީ ކީއްވެގެން ހެއްޔެވެ؟ އެއް ގޭގައި މާ ގިނަ ދުވަހު އުޅުނީމައެވެ. މަދަރުސާޔާ ވީހައި ވެސް ކައިރި ތަނެއްގައި ތިބީމައި ފަސޭހަވާނެތީއެވެ. އެ ފަދަ ޖަވާބުތަކުން އަޒާންގެ ދޫ ބަންދުކޮށްލެވުނެވެ. އެހެނަސް ނަޒްދާގެ ހިތަށް ވިސްނައެއް ނުދެވުނެވެ. ވާންއުޅޭ މައިދައިތަގެ ހިތްއަތުލުމަށް ޓަކައި މަސައްކަތް ފަށަންވީ ކޮން ހިސާބަކުންކަމެއް ވެސް ނަޒްދާއަކަށް ނުވިސްނެއެވެ.
"މިރޭ ހީވޭ ހަމަޖެހިލައިގެން ނިދާލެވޭނެހެން،" ނަޒްދާ ގޮވައިގެން ގެއަށް ވަންނަމުން ނަސީފު ބުންޏެވެ. "ނަޒްދާގެ އެންމެ ގާތް ދެ ރައްޓެހިން ވެސް ބުނީ ނަޒްދާ ތި ގޮތަށް އަންނާނެހެނެއް ހިޔެއްނުވެޔޭ! އަހަރެން ބުނިން ތީން އެކަކަށް ވެސް ނަޒްދާ ދަހެއްނުވެޔޭ! އޭނަ އަންނާނެހެންނޭ އަހަންނަށް ހީވަނީ."
ގޭތެރެއަށް ވަދެގެންދިޔަ އިރު ނަޒްދާ ހުންނަނީ ވައްކަޅިން ބަލައިލަބަލައިލައެވެ. އެއްކޮޅުން ގޭގެ ބޮޑުކަމެވެ. ރީތިކަމެވެ. ބަލައިފައި ނުބަލާނެ ދިމާއެއް ނަޒްދާއަކަށް ނޭނގެއެވެ. އަނެއްކޮޅުން ނަސީފުގެ މަންމަ ނުކުންނާނީ ކޮން ދޮރެއް ހުޅުވައިލާފައިކަމެއް ނަޒްދާއަކަށް ނޭނގެއެވެ. ވާންއުޅޭ މައިދައިތަ ނަޒްދާއާއި ނަސީފުގެ ތަނަވަސްކަން އަޅާކިޔައިލައިފިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ އުމުރު ނުވަތަ އާއިލާގެ ފަރަގު ނަޒްދާއަށް ހަނދާންކޮށްދީފިއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ. ގާތުގައި އަޒާން އެބަ ހުއްޓެވެ. ނަސީފު އެބަ ހުއްޓެވެ. ޔަގީނުން ވެސް އެ ހިސާބުން ނަޒްދާއަކަށް އެންމެ ފިޔަވަޅެއް ވެސް ގޭގެ އެތެރެއަކަށް ނޭޅޭނެއެވެ. ނަޒްދާ އެ ގެއިން ނުކުންނާނީއެވެ. އެ ވަރުގެ ފަލީހަތަކާ ނަޒްދާއަކަށް ކުރިމައްޗެއް ނުލެވޭނެއެވެ.
"ކޮންމެވެސް އެއްޗެކޭ ބުނެބަލަ!" ނަސީފު އެދުނެވެ.
"ފަސޭހަ ނިންމެއް ނޫން މީ،" ލިފުޓަށް އަރަމުން ނަޒްދާ މަޑުމަޑުން ބުނެލިއެވެ. "ނަސީފު އަހަންނަށް ކޮށްދިން ވަރުގެ އެންމެ ކަމެއް ވެސް އަހަންނަށް ނުކޮށްދެވޭތީ ދެލޯމަރާލައިފަ އައީ. އަހަރެން އައީމަ އެ ކަމާ ހިތްހަމަނުޖެހިގެން ނަސީފުގެ މަންމަ ފަހަރެއްގަ..."
ނަޒްދާ އެހެން ބުނުން ވެސް ނަސީފަކަށް ކަމަކުނުދިޔައެވެ. އެ ކަން އެނގުނީ ނަސީފު ބަލައިލި ގޮތުންނެވެ. އެހެންވެ ނަޒްދާއަށް ޖުމުލަ ފުރިހަމަނުކުރެވުނީއެވެ.
"މީ މަންމަޔާ ބެހޭކަމެއް ނޫން،" ނަސީފު ވަރަށް ސާފުކޮށް ބުންޏެވެ. "ބައްޕަ ނިޔާވި ފަހުން ބިޒްނަސްގެ ހުރިހާ ކަމަކާ، ގޭގެ ހުރިހާ ކަމެއް މި ބަލަހައްޓަނީ އަހަރެން. މަންމަޔަށް އެއްވެސް ހެޑޭކެއް ނޯންނާނެ. މަންމަޔާ ހެދި ނަޒްދާ މި ގެއިން ނުކުންނަންޖެހިއްޖެއްޔާ ނަޒްދާ އެކަންޏެއް ނުނިކުންނާނެ. އެއްވެސް ވަރަކަށް އެ ކަމާ ވިސްނާނެކަމެއް ނެތް."
"ދެން އަހަރެން ކިހިނެއް ނުވިސްނާނީ؟" ނަޒްދާ ބުންޏެވެ. "މަންމަ ކޮންމެ އެއްޗެކޭ ބުންޏަސް، އަހަރެން ކުރިމަތީގަ ނަސީފު އެއްޗެއް ނުބުނާތި! މަންމައަށް ޓަކައެއް ނޫން. އަހަރެން ބުނީތީ! އިނގޭ!"
ނަސީފު އެއްޗެއް ނުބުނަން ވަރަށް މަސައްކަތްކުރިއެވެ. ނަޒްދާ ހަމަ ހިލާ އެހެންވިޔަކަ ނުދިނެވެ.
"އަހަންނަށްޓަކާ ކޮންމެ ކަމެއް ކުރަން ތައްޔާރަށް ހުންނަ މީހަކު، އާނއެކޭ ބުނެލަން ތިހާ ވަގުތެއް ނުނަގާނެ." ލިފުޓު ހުއްޓުމުން، ނުކުންނަމުން ނަޒްދާ އެދުނެވެ.
ނަސީފު ހުއްޓިފައި ދެލޯމަރައިލިއެވެ. ބޯޖަހައިލިއެވެ. އޭރު ވެސް އެ މަންޒަރު ނަސީފުގެ ލޮލަށް ފެންނަ ކަހަލައެވެ. ނަސީފު އެޕާޓުމަންޓެއް ހުޅުވައިލިއެވެ. އެއީ ކުޑަ ވަރެއްގެ ގަނޑުވަރެކެވެ. އެތެރެއަށް ވަނީ ތިން މީހުން އެކުގައި ކަހަލަ ގޮތަކަށެވެ. ފޮށިތައް ގެންނާނެތީ ނަސީފު ދޮރެއް ނުލައްޕައެވެ. ނަޒްދާއަށް އެޕާޓުމަންޓު ކިޔައިދެމުން ތަންތަން ދެއްކިއެވެ. އަޒާނަށް ވެސް ވަކީން ކޮޓަރިއެއް ހުއްޓެވެ. ބޭނުންވާ ކުޅޭ އެއްޗެހި ވެސް އަތުރާފައި ހުއްޓެވެ. އެއާ ދިމާއަށް އަޒާން ދާންއުޅުމުން ނަޒްދާ ދުލެއް ނުކުރިއެވެ. އެއީ ކިތައް ދުވަހުގެ ހުވަފެނެއްކަން ނޭނގޭތީއެވެ.
"އެއްވެސް ކަމެއް، ހަމަ އެއްވެސް ކަމެއް ބޭނުންވެއްޖެއްޔާ އަހަންނަށް ގުޅާތި،" ނަސީފު ބުންޏެވެ. "ނުކެރިފަ ނުހުންނާތި! ނަޒްދާޔާ ދަރިފުޅުގެ ހުރިހާ ޒިންމާއެއް އަހަރެން ނަގާ ގޮތަށް..."
ނަސީފު އެހެން ބުނި ވަގުތަކީ، ދޮރުމައްޗަށް އަންހެނަކު ހުއްޓުނު ވަގުތެވެ. އެ އަންހެނެއްގެ މޫނުން ފެނުނު ނުރައްޓެހިކަމާއި، ނަސީފުގެ ވާހަކަތައް ކުއްލިއަކަށް ހުއްޓުމާއި، ފޮށިތައް ހިފައިގެން އައި މީހުން ދުރުގައި ހުއްޓި، އެއްޗެއް ބުނަން ނުކެރިފައި ތިބުމުން ނަޒްދާއަށް ކަށަވަރުވި ގޮތުގައި އެ އަންހެންމީހާއަކީ ނަސީފުގެ މަންމައެވެ. ވާންއުޅޭ މައިދައިތަ ނަޒްދާގެ ފައިގެ ބޮޑުވައި އިނގިލިން ފެށިގެ ނިތްކުރިއަށް ބަލައިލިއެވެ. އަޒާނަށް ވަކީން ބަލައިލިއެވެ.
"ކިހިނެއްވީ މަންމާ؟" ވަރަށް ގަޔާ ނޫން ރާގެއްގައި ނަސީފު އެހިއެވެ. "މަންމަ އެއްކައިރިއަށް ޖެހިލީމަ ދޯ ފޮށިތައް ވައްދަން ފަސޭހަވާނީ؟"
ދެން ވެސް އެއްޗެއް ނުބުނެ ފަނަރަ ވަރަކަށް ސިކުންތު ހުރެފައި މަންމަ ހިނގައިގަތެވެ. ފޮށިތައް ވެއްދިއެވެ. ދޮރުމަތިން ފޮށިތަކާ ނަސީފު ހަވާލުވިއެވެ. ބަހައްޓަންވީ ތަންތަނުގައި ބެހެއްޓީ ވެސް ނަސީފު އަތުންނެވެ. މަންމަ ކަންތައްކުރި ގޮތުން ނަސީފު ވަރަށް ހިތްހަމަނުޖެހުނެވެ. ރައްޓެއްސަކު ގެއަށް ގެންނަ ވާހަކަ، ދުރުދުރުން ނަސީފު އޮތީ ބުނެފައެވެ. ހިނގައިދިޔަ ފަދަ ހާދިސާއެއް ހިނގިޔަނުދިނުމަށް ޓަކައެވެ. ވީ ފައިދާއެއް ނެތެވެ.
"މި ވަގުތަކު އަދި އެއްޗެއް ނުއެއް ކެއްކޭނެއްނު!" ނަސީފު ބުންޏެވެ. "އަހަރެން ބަޔަށް އަންނަންވީނު؟ ނޫނީ އެއްޗެހި އޯޑަރުކުރަން؟ މި ތާ ކައިރި ހުންނަ ތަނަކުން ވަރަށް އަވަހަށް އެއްޗެހި ގެންނާނެ."
"ނަސީފު!" މަންމަ ގޮވައިލިއެވެ.
މަންމަގެ ރާގު ނަސީފަކަށް ރަނގަޅެއް ނުވިއެވެ. ނަސީފަށް ގަބޫލުކުރެވުނު ގޮތުގައި، އެ ކަހަލަ ރާގެއްގައި މަންމަ ގޮވީ މަންމަ ހިތްހަމަނުޖެހިފައި ހުރި ވަރު ނަސީފަށް އަންގަން އެކަންޏެއް ނޫނެވެ. އެއީ ނަޒްދާއަށް ދިން އޮރެންޖު ސިގުނަލެކެވެ. ނޫން ނަމަ، ނަސީފަށް ފޯނުކޮށްފައި ވެސް އަންނަން މަންމައަށް ބުނެވުނީހެވެ.
"އަހަރެން ކައްކާލަފާނަން،" އޯގާތެރި ރާގެއްގައި ނަޒްދާ ބުންޏެވެ. "ނަސީފު ދޭ! ކަމެއް ބޭނުންވެއްޖެއްޔާ ގުޅާނަމޭ!"
ދާންނުދާން ހުރެފައި ނަސީފު ނުކުތެވެ. ނަޒްދާ ދޮރުލެއްޕިއެވެ. އަނެއްކާ ވެސް ނަސީފަށް މަންމަ ގޮވައިލި އަޑުއިވުނެވެ. ނަސީފަށް ޖަވާބުދެވުނީ ތަންކޮޅެއް ބާރަށެވެ. އެއަށް ވުރެ ވެސް ބާރަށް ނީޒާ ޖަވާބުދިނެވެ.
"ނުދެވޭނެ މިހާރަކު،" ނީޒާ ބުނި އަޑުއިވުނެވެ. "އިރުއިރުކޮޅާ ކުސްތަޅަން ތީ ބޭބީއެއްތަ؟ ބޭރަށް މި ދަނީ. އަންނަ ހިތެއްނުވޭ! އެކަމަކު އަންނާނަންކަން ނޭނގެ."
"ފިރިމީހާގެ ހުއްދަ ނެތި ބޭރަކަށް ނުދެވޭނެ." މުޖުތަބާ ހަޅޭއްލަވައިގަތެވެ.
ނީޒާ އެނބުރިފައި އައިސް މުޖުތަބާ އޮތް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ.
"ތި ފާޑަށް ގުންފައިޖަހަން ފެށީމަ ތި އޮތީ ދެ ފައި އޮތް ހާލު،" ނީޒާ ބުންޏެވެ. "ހެޔޮނުވާނެ ތި ދޫ މައިތިރިކޮށްބަލަ!"
"ނީޒާއަށް އެނގޭތަ ދީނުގަ ފިރިންނަށް ކިހާ ބާރެއް ދެއްވާފަ އޮތްކަން؟" މުޖުތަބާ ވަރުގަދަ ސުވާލެއް ކުރިމަތިކުރިއެވެ. "ތި ގޮތަށް އަހަންނާ ވާހަކަދައްކަން ނީޒާ ބިރެއްނުގަނޭތަ؟"
"ތި ކަހަލަ ވާހަކަދައްކަން މުޖޫ ލަދެއްނުގަނޭތަ؟" ކޮޓަރީގެ ތަންކޮޅެއް އެތެރެއަށް ވަދެފައި ނީޒާ ސުވާލެއް ކުރިއެވެ. "ދީނޭ ފިރިންނޭ ކިޔާފަ މުޖޫއަށް އަނގަހުޅުވާލެވެން އެބަ އޮތްތަ؟ އަހަރެން ކޮން ކުށެއް ކޮށްގެން ވަރިކޮށްލީ؟ އިނީ ނަޒްދާޔާ! އޮތީ ކޮން ތާކު؟ މިހާރު ތި އުޅެނީ ކީއްކުރަން؟ ދުލުގަ ތަޅުލައިގެން ހުރެވޭތޯ މި ބަލަނީ. ތި ދާ ވަރުން ހީވަނީ ތަނަކުން ދުލެއް ގެނެސްގެން ވެސް މި ވާހަކަދައްކާލަންވީހެން. މުޖޫއަށް ކެތްވާނެތަ؟ ކުޑަގޮޅިތަ ރަނގަޅީ؟ ކޮޓަރިތަ ރަނގަޅީ؟ އަހަރެން އަންނަންވާ އިރަށް ގޮތެއް ނިންމާ! ފިރިމީހާގެ ހުއްދަ ނެތި ބޭރަކަށް ނުދެވޭނޭ ބުނެފިޔެއްނު! ޔަގީންތަ ތީ އަހަރެންގެ ފިރިމީހާކަން؟ އިނދެގެންތަ އަހަރުމެން މި އުޅެނީ؟ އަހަންނަށް ޝައްކޭ! އެހެންވެ އަހާލީ!"
ނީޒާ ކޮޓަރިން ނުކުތުމުން މުޖުތަބާ ތެދުވަން އުޅުނެވެ. ފަޔަށް އެރި ތަދަކުން އަލުން އޮށޯންނަން މަޖުބޫރުވިއެވެ. ދެން ވެސް ނީޒާ ވަރިކުރާކަށް މުޖުތަބާ ނުވިސްނައެވެ. ކުދިކިޔަމުން މަޑުމަޑުން އޮށޯތީއެވެ. ހަމަ އެހައިމެ މަޑުމަޑުން ވަދެގެން އައި ވަރަށް ރީތި ކާރެއް، ނަޒްދާ ކައިރިއަށް މަޑުކޮށްލިއެވެ. އެ ކާރަށް ޕެޓުރޯލު އެޅުމަށް ޓަކައި ނަޒްދާ އަވަސްވެގަތެވެ. ލިބުނީ ހައިރާންކަމެކެވެ. ޕެޓުރޯލުއަޅާ ތަން ހުރީ ނުހުޅުވައެވެ. ނަޒްދާ މަޑުމަޑުން ބިއްލޫރިގަނޑުގައި ޖަހައިލިއެވެ. ދެން ވެސް ނުހުޅުވިއެވެ. އެކަމަކު ކާރުގެ ފަހަތު ދޮރުގެ ބިއްލޫރިގަނޑު ތިރިވިއެވެ. އެ ދޮރުން ޑުރައިވަރާ ވާހަކަދެއްކުމަށް ޓަކައި ނަޒްދާ ކުޑަކޮށް ތިރިވެލި ވަގުތު މެޔަށް ހީވީ ފެންއެއްޗެއް އޮއްސައިލިހެންނެވެ. ފަހަތުގައި އިނީ ނަސީފުގެ މަންމައެވެ. ލަދުންކަމެއް ނުވަތަ ކިބުރުވެރިކަމުންކަމެއް ނަޒްދާއަކަށް ނޭނގެއެވެ. ނަޒްދާޔާ ދިމާއަށް އެނބުރިލަން ވެސް އޭނަ ބޭނުން ނުވާ ކަހަލައެވެ.
"ޕެޓުރޯލުއަޅާކަށް ނޫން މިއައީ،" އޭނަ ބުނެލިއެވެ. "ބަލައިލަން މިއައީ."
އެހެން ބުނެފައި ޑުރައިވަރު ސީޓުގައި މަޑުމަޑުން ޖަހައިލުމާއެކު ކާރު ދުއްވައިލިއެވެ. ހުރި ފިޔަވަޅު މަތިން ގުޑައިލަން ނޭނގިފައި ނަޒްދާ ހުއްޓެވެ. އެ މަންޒަރު ފެނުނީ ހަނާއަށެވެ. ހަނާ އައިސް ނަޒްދާ އަތުން ޕެޓުރޯލު ހޮޅި ނަގާފައި، ބަހައްޓަންވާ ތަނުގައި ހޮޅި ބެހެއްޓިއެވެ.
"ކިހިނެއްވީ؟" ހަނާ ސުވާލުކުރިއެވެ.
"ކަމެއްނުވޭ!" ނަޒްދާ ޖަވާބުދިނެވެ. "ވަރަށް ވަރުބަލި ދުވަހެއް. ޑިޔުޓީ ބަލާލައްޗޭ!"
ނަޒްދާ ޑިޔުޓީ ކުރުކޮށްލައިފައި ނުކުމެގެން ގޮސް ސައިކަލަށް އަރައި އިށީނެވެ. ވިސްނައިލިއެވެ.
"އަރާބަލަ!" ފަހަތުން އަންހެނަކު ބުނި އަޑުއިވުނެވެ.
ނުނިމޭ