އާދިއްތަ ދުވަހާ ގުޅޭ
04 ޖެނުއަރީ 2023
އާދިއްތަ ދުވަހާ ގުޅޭ
ނަސީފު ލޯގަނޑުން ބަލައިލި އިރު ކާރެއް ފުށްފުށުންޖެހެމުން އަންނަ ތަން ފެނުނެވެ. ފަހަރެއްގައި އެހީއެއް ބޭނުންވެދާނެކަމަށް، މަގުގެ އެއްފަރާތަކަށް ނަސީފު ސައިކަލު މަޑުކޮށްލިއެވެ.
"ކިހިނެއްވީ؟" ނަޒްދާ އެހިއެވެ.
ވީ ގޮތް ނަޒްދާއަަށް އެނގުނީ ނަސީފު ފަހަތް ބަލައިލުމުންނެވެ. ކާރު އޮތީ އެކޮޅުކޮޅުންނެވެ. އޭރު ވެސް ބައެއް ފުރޮޅުގެ އެނބުރުން ނުހުއްޓެއެވެ. ހައެއްކަ މީހުން އެ ދިމާއަށް ބޮނޑިވެގެންއުޅެއެވެ. އިއްތިފާގުން އެ ވަގުތު ފުލުސްކާރެއް ވެސް ވަރަށް ކައިރީގައި އޮތެވެ. އިތުރަށް ކުރެވޭނެކަމެއް ނެތުމުން ނަސީފު އަނެއްކާ ވެސް ސައިކަލު ދަތުރު ކުރިޔަށްގެންދިޔައެވެ. އެކަމަކު، ފެނުނު މަންޒަރުގެ ސަބަބުން ދެ މީހުންގެ ހިތަށް ވެސް ހުރީ އުނދަގޫވެފައެވެ. ދެ މީހުން ވެސް ތިބީ ބަސްމަދުވެފައެވެ. ހުޅުމާލެ ތެރެއަށް ވަދެގެން ގޮސް ސައިކަލު މަޑުކޮށްލީ ވަރަށް ރީތި، އާ އިމާރާތެއް ކައިރިޔަށެވެ.
"މީ ކޮން ތަނެއް؟" ނަޒްދާ އެހިއެވެ. "ކީއްކުރަން މި ތަނަށް މި އައީ؟ އަހަރުމެން ނުކުތީ ސައިކަލުދުއްވާލަކަށް ނޫންތަ؟"
"ހިނގާބަލަ ހިނގާބަލަ!" ނަޒްދާގެ އަތުގައި ހިފަމުން ނަސީފު ބުންޏެވެ. "ކީއްވެތަ ތިހާ ދުރުގަ ތި ހުންނަނީ؟"
"އެކަމަކުވާ!" ހީނގެންފައި ނަޒްދާ ބުންޏެވެ. "އަހަރެން ކާލަންވީނު!"
"ކުރެވޭ ނަމަ ތި ކަން ވެސް ކުރީމުސް،" ލިފުޓާ ދިމާއަށް ދަމުން ނަސީފު ބުންޏެވެ. "އެނގޭތަ ކޮންމެ ދުވަހަކު ހެނދުނު އަހަރެން ލޯ ހުޅުވަނީ ކީއްވެކަން؟ ނަޒްދާ ފެންނާނެތީ. ކީއްވެ އެހެން މީހުންނަށް އަހަރެން ހީނލަނީ؟ ނަޒްދާ އަހަންނަށް ހީނލާތީ. ކީއްވެ އަހަރެން ނިދަނީ؟ ހުވަފެނުން ނަޒްދާ ފެނޭތޯ. ކީއްވެ އަހަރެން ރާއްޖޭގަ މި ހުންނަނީ؟"
"އަހަރެން ހުރީމަ؟" ނަޒްދާ އެހިއެވެ. "ހަމަ އަސްލު ވެސް އަހަރެން ދެކެ އެހާ ލޯބިވޭތަ؟"
ނަސީފު ހިނިތުންވެލިއެވެ. ނަޒްދާގެ އަތް ގެނެސް މޭގައި ޖައްސައިލިއެވެ. ދައްކަންހުރި ހުރިހާ ވާހަކައެއް އެ ޖުމުލައަށް ކުރުކޮށްލިއެވެ.
"މިއަދަކީ ތި ސުވާލަށް ނަޒްދާ ޖަވާބުދޭ ދުވަސް." ނަސީފު ބުންޏެވެ.
ލިފުޓަށް އަރާފައި ނަސީފު އަތުގައި އޮތް ކާޑު ޖެއްސުމަށް ފަހު، އިމާރާތުގެ އެންމެ މައްޗަށް ދަތުރު ފެށިއެވެ. އެއީ ފަނަރަ ބުރިއަށް ހަދާފައިވާ އިމާރާތެކެވެ. އެންމެ މަތީގައި ހުރީ، ބޮޑު އެއް އެޕާޓުމަންޓެވެ. ދޮރު ހުޅުވާލައިފައި ފުރަތަމަ އެތެރެއަށް ވެއްދީ ނަޒްދާއެވެ. ހިތްގައިމު އިމާރާތުގެ ކޮޓަރިތައް އެއްފަރާތުގައި ހުރެފައި އަނެއް ފަރާތުގައި އޮތީ ބޮޑު ޕޫލެކެވެ. ޕޫލަށް ނުކުމެވެނީ ތަނަވަސް ސިޓިންރޫމެއް ތެރެއިންނެވެ. މުޅި ގޭގައި ލާފައި ހުރީ ހުދުކުލައެވެ. ނަޒްދާ ދުވަހަކު ނުދެކޭ ވަރުގެ ބޮޑު މަންދީލައަކާއި ޓީވީއެއް ހުއްޓެވެ. ދޫލައާއި ފަރުނީޗަރުތައް ހުރީ ވިލުނޫ ކުލައިންނެވެ. ޕޫލުގެ އަޑިއާއި، އެޕާޓުމަންޓުގެ ވަށައިގެން ހުރި ބިއްލޫރިތަކުގައި ވެސް ހުރީ ތާޒާ ވިލުނޫކުލައެކެވެ. އެހައި އުސް އެހެން އިމާރާތެއް ކައިރީގައި ނެތުމުން އެ ދިމާއިން ފެންނަނީ މޫދެއެވެ. ވިލުފެއްސާއި، ވިލުނުލާއި، މަޑުނުލާއި، ގަދަނުލެވެ. އެއީ ނޭވާހިފާއްޓައިލަން ޖެހޭ ކަހަލަ ރީތި މަންޒަރެކެވެ. ތަނުގެ ރީތިކަމަށް ނަޒްދާ ގެއްލިފައިހުއްޓައި ނަޒްދާގެ އަތުގައި ހިފައިގެން ގެނެސް ސޯފާގައި ބޭންދިއެވެ. ނަޒްދާގެ ފައި ކައިރީގައި، ދޫލަ މަތީގައި ނަސީފު ދެފައި ވަށްކޮށްލައިގެން އިށީނެވެ. ނަސީފުގެ މުށް ހުޅުވައިލައިފައި ނަޒްދާގެ އުނގުގައި އަތް ބޭއްވިއެވެ. މުށުތެރޭގައި އޮތީ ތަޅުދަނޑިއަކާއި ކާޑެކެވެ.
"އަހަންނާ އިންނަންވީނު!" ނަސީފު އެދުނެވެ. "އާނއެކޭ ބުނޭ! އެނގޭ މީ ކުޑަކުޑަ އެއްޗެއްކަން. އަސްލު އަހަރެން ނަޒްދާއަށް ހާދަހާ އުފަލެއް ދޭން ބޭނުމޭ! ކީއްވެތަ ތި ލަސްކުރަނީ؟ އަހަރެން ދެކެ ލޯބިނުވަނީތަ؟ އަހަރެންގެ އެއްވެސް މައްސަލައެއް ހުރިއްޔާ ބުނޭ! ނަޒްދާ ހައިރާންކޮށްލާނަން. ފޫހިވަންޏާ.."
އެ ހިސާބަށް ބުނުމުން ނަސީފުގެ ތުންފަތުގައި ނަޒްދާގެ އިނގިލި ހުރަސްކޮށްލިއެވެ. އެހެން ނުބުނުމަށް އެދުނެވެ. ނަސީފުގެ މުށުތެރެއިން ތަޅުދަނޑިއާއި ކާޑު ނަގައިފައި ދުރުގައި ބޭއްވިއެވެ. ދެ މީހުންގެ ހަތަރުކަޅި ސީދާވެ ތަޅުލެވިފައިވާ ކަހަލައެވެ. ނަސީފުގެ އަތްތިލައިގައި ނަޒްދާ އިނގިލިން އެއްޗެއް ކުރަހައިލިއެވެ. އެއީ ހިތެއްކަން ނަސީފަށް އިހުސާސްކުރެވުނެވެ. އެއަށް ފަހު އެ އަތްތިލަ ނަޒްދާ ލައްޕައިލިއެވެ.
"ގެއްލުވައިނުލާތި!" ނަޒްދާ އެދުނެވެ. "އޮތްހައި ވެސް އެއްޗަކީ ތީ."
ނަސީފަށް ދުނިޔެ ލިބުނު ކަހަލައެވެ. ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. ފެންކަޅިވެފައި އިނދެވުނީއެވެ. އާނއެކެވެ. އުފަލުން ގޮސް ލޮލުން ކަރުނަ ނުފޭދުނު ނަމަ އެއީ އުފަލެއް ހެއްޔެވެ؟ ނަޒްދާ ހާސިލުކުރުމުގެ މަސައްކަތް ނަސީފު ފެށި އިރު، އެއީ ވުމަށް ވުރެ ނުވުން ގާތްކަމެއްކަން ނަސީފަށް އެނގެއެވެ. އެއްކޮޅުގައި ހުރީ ނަސީފުގެ މަންމައެވެ. އަނެއް ކޮޅުގައި ނަޒްދާގެ ފިރިމީހާއެވެ. ނަސީފު ގަބޫލުކުރި ގޮތުގައި ދެ މީހުން ވެސް ނަސީފާއި ނަޒްދާގެ ދެމެދަށް ހުރަސްއަޅާނެއެވެ. އެހެނަސް، އޭގެ އަނެއް ކޮޅު ވެސް އޮތެވެ. އެއީ އިންސާނަކަށް ކަމެއް ކާމިޔާބުވާން މިންވަރުކުރެއްވުމެވެ. އެ ހިސާބުން އެއް ހާސް މީހުން ދެކޮޅަށް ނުކުތަސް ކުރެވޭނެ އެއްވެސް ކަމެއް ނޯވެއެވެ. ކާމިޔާބު އަތުގައިހިފާނެއެވެ. އެ އުފާވެރި އިހުސާސާ އެކު ނަސީފު މަޑުމަޑުން ނަޒްދާގެ އުނގުގައި ބޯއަޅައިލިއެވެ. ލިބުނު ވަރުބަލިކަން ފިލުވައިލަން އޮށޯންނަ ފަދައިންނެވެ. ކުއްލިއަކަށް ފޯނު ރަނގަބީލުވާން ފެށިއެވެ. އެއީ ކާކުތޯ ބަލަން ވެސް ނަސީފު ބޭނުމެއް ނުވިއެވެ.
"ދެން ނަގާބަލަ!" ސަމާސާ ރާގެއްގައި ނަޒްދާ ބުންޏެވެ. "އަހަރެން ފިލާކަށް ނޫޅެމޭ!"
ކަންނެތްކަމާ އެކު ނަސީފު ފޯނު ނަގާފައި ސޯފާ މަތީގައި ބޭއްވިއެވެ.
"ނަގާފަ ބުނޭ މިސިޒް ނަސީފޭ!" ނަސީފު ބުންޏެވެ. "އޯކޭވާނެ!"
ނަޒްދާ ފޯނު ބަލައިލިއެވެ. އަރާފައި އޮތީ ނީޒާގެ ނަމެވެ. ނަޒްދާ ހިތަށްއެރިއެވެ. ނަގާނީބާއެވެ؟ ނަސީފު ގާތުގައި ބުނާނީބާއެވެ؟ ވަރަށް ވިސްނައިފައި ސޯފާގައި ފޯނު ބޭއްވުމަށް ފަހު ފޯނުނަގާފައި އިސްޕީކަރަށް ލިއެވެ.
"ހަލޯ!" ނުތަނަވަސް ރާގަކަށް ނީޒާ ބުންޏެވެ. "ނީޒާ އިނގޭ! އަސްލު ނަޒްދާއަށް ގުޅަން އުޅުނީ. ފޯނު ސްޕީކަރަށް ލައިގެންތަ ތި އުޅެނީ؟ ނަޒްދާ ކައިރީގަ އެބަ އިންތަ؟"
ނަސީފު ކުއްލިއަކަށް ތެދުވިއެވެ. އެކަމަކު ކުރިން ޖަވާބުދިނީ ނަޒްދާއެވެ.
"އާނ! އަޑުއަހަން މީނީ." ހިތްހަމަނުޖެހިފަހުރިިކަން ހާމަވާ ކަހަލަ ރާގެއްގައި ނަޒްދާ ބުންޏެވެ.
ދެން ދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ.
"މުޖޫ އިން ކާރު އެކްސިޑެންޓުވެގެން އޭނަ ގެނެސް އައިސީޔޫއަށް ވައްދައިފި،" ނީޒާ ބުންޏެވެ. "ވަރަށް ވަރަށް ސީރިޔަސް. ހުޅުމާލެ ހޮސްޕިޓަލްގަ މީނީ. ހިޔެއްނުވޭ އޭނަ ނޭވާލާހެނެއް."
"އޭނ؟" ނަޒްދާއަށް ބުނެވުނެވެ. "ޑޮކްޓަރ ރެސްޓުކުރަން ބުނެފަ އޮއްވާ އޭނަ ކީއްކުރަން ކާރަށްއެރީ؟"
"ތީ ވަރަށް ދިގު ވާހަކައެއް. އައިމަ ކިޔައިދެވޭނީ." ނީޒާ ބުނީ އެ ވަރަށެވެ.
ފޯނު ބާއްވާފައި ވެސް ނަޒްދާއަށް އިނދެވުނީއެވެ. އެ އެކްސިޑެންޓު ހިނގި ތަން ނަޒްދާއާއި ނަސީފަށް ވެސް ފެނުނެވެ. ގަބުވެފައި ނަޒްދާއަށް އިނދެވުނީ، މުޖުތަބާއަށް ޓަކައި ނަޒްދާގެ ހިތުގައި އެއްވެސް ލޯތްބެއް އޮވެގެނެއް ނޫނެވެ. މައްސަލައަކީ މުޅީން އެހެން މައްސަލައެކެވެ.
"އަޒާން ގާތުގަ އަހަރެން ކީކޭ ބުނާނީ؟" ނަޒްދާއަށް ބުނެވުނެވެ.
"އެ ކަމާ ހާސްނުވޭ!" ގާތުގައި އިށީނދެފައި ނަޒްދާ މޭގައި ލައްކޮށްލަމުން ނަސީފު ބުންޏެވެ. "ނަޒްދާއަށް އެނގޭނެ އަޒާން އަހަންނާ ކިހާ ކްލޯސްކަން. އަހަރެން ހުއްޓާ އަޒާނަކަށް ބައްޕަ މިސްއެއް ނުވާނެ. އެއްވެސް ވަރަކަށް އެ ކަމާ ނުވިސްނާ! މި ވަގުތު އަޒާނަށް ހުރިހާ އެއްޗެއް ކިޔައިދޭކަށް އަހަންނަކަށް ނުފެނޭ. އޭނައަށް ވިސްނޭ ވަރު ވީމަ ވިސްނައިދޭނީ. ހިނގާދަމާ!"
ނަސީފު ތެދުވުމުން ވެސް ނަޒްދާއަށް އިނދެވުނީއެވެ. ނަޒްދާގެ ދިރިއުޅުމަށް އައި ބަދަލާއި، ކަންތައްވެގެންދިޔަ ގޮތާއި މެދު ވިސްނާށެވެ. ރަނގަޅުމީހާއަށް ރަނގަޅު ގޮތް، ނުބައިމީހާއަށް ނުބައި ގޮތް ކުރިމަތިވުމަކީ އާންމުކަމެއް ނޫނެވެ. ނަޒްދާއަށް ފެނިފައިހުރީ އޭގެ އިދިކޮޅެވެ.
މުޖުތަބާ މަރުވިކަމެއް ނުވަތަ ދިރިހުރުމާ މެދު ކިހައި އުންމީދެއް އޮތްކަމެއް ވެސް ފުލުހުން ނުބުނެއެވެ. ނީޒާއާއި، ނަސީފާއި، ނަޒްދާ ވެސް ތިބީ އިންތިޒާރުގައެވެ. އެހެން ތިބުމުގެ ތެރޭގައި، ކަންތައް ހިނގައިދިޔަ ގޮތް ނީޒާ ކިޔައިދިނެވެ.
"ކީއްވެ އަހަރެން ދެކެ މުޖޫ އެހާ ރުޅިއަންނަންވީ؟" ޝައުގުވެރިކަމާއެކު އަޑުއަހަން އިނދެފައި ނަޒްދާއަށް ބުނެވުނެވެ.
"އޭނަގެ ވައްތަރު ނަޒްދާއަށް މާ ރަނގަޅަށް އެނގޭނެ،" ނީޒާ ބުންޏެވެ. "ކޮންމެ ފަހަރަކު ނައުޝާދު އައިސް ބުނަނީ އަދި ވެސް ޗާންސެއް ނުލިބެޔޭ! އެންމެ ފަހުން ނައުޝާދަށް އިތުބާރުކުރުން ވެސް މުޖޫ ހުއްޓާލީ! ބުނީ ތިމަންނަ ގޮވައިގެން ކާރުގަ ހިނގާށޯ! އުޅެއުޅެ ވެސް ނައުޝާދަކަށް ރަނގަޅު ކާރެއް ނުލިބުނު. ލިބުނީ ނައުޝާދުގެ ފްރެންޑެއްގެ ގަރާޖަށް ހަދަން ގެނެއްސަ އޮތް ކާރެއް. ނައުޝާދު ބުނަން ވެސް ބުނި އޭގެ ކޮންމެވެސް އެއްޗެއް މައްސަލަޖެހިފައޭ ހުރީ! ބާރަކަށް ނުވެސް ދުއްވޭނޭ! މުޖޫ ގަބޫލެއްނުކުރި. އޭނަ ބޭނުން ނަޒްދާއަށް ދެރައެއްލިބޭ އިރު އެ މަންޒަރު ބަލާލަން. ފައްކާ ސައިކޯއެއް."
"ދެން އެ ނައުޝާދު ކޮބާ؟" ނަސީފު އެހިއެވެ. "އޭނައެއްނު ދުއްވާނީ."
"ހޮސްޕިޓަލަށް ގެނައި އިރު އެކަކު ވެސް ނޭވައެއްނުލަޔޯ!" ނީޒާ ޖަވާބުދިނެވެ. "އެ މީހުން ވަރަށް ބާރަށޯ ކާރު ދުއްވީ ކިޔާ އަޑު އެހިން."
ނަޒްދާއަށް ބަލައިލެވުނީ ނަސީފަށެވެ. ނަސީފަށް ބަލައިލެވުނީ ނަޒްދާއަށެވެ. އެ މީހުންގެ ކާރު އައީ ނަޒްދާމެންގެ ސައިކަލު ފަހަތުންކަން ދެ މީހުންނަށް ވެސް ވިސްނުނެވެ. ނަސީފު ވަގުތުން ފޯނު ނަގާފައި މެސެޖެއް ފޮނުވައިލިއެވެ. އެކުސިޑެންޓުވި ދެ މީހުންގެ ހާލަތާ ބެހޭ އަދާާހަމައެއް ހޯދުމަށް ޓަކައެވެ. އޭރު ވެސް ނީޒާއާއި ނަޒްދާ ވާހަކަދެއްކިއެވެ.
"އެކަމަކު އަހަރެން މަރާލައިގެން މުޖޫއަށް ކޮން ފައިދާއެއް ވާނީ؟" ނަޒްދާ ބުންޏެވެ. "ދެން ކާކު އަޒާން ބަލާނީ؟ އެ ވަރު ވިސްނާލަންވާނެ ދޯ؟"
"ތީތާ މައްސަލައަކީ،" ޖަވާބުގައި ނީޒާ ބުންޏެވެ. "މުޖޫއަކީ އެހެން މީހަކާ ދޭތެރޭ ވިސްނާ މީހެއް ނޫނެއްނު! އެހެން އެންމެން ޖެހޭނީ އޭނަޔާ ދޭތެރޭ ވިސްނަން. އޭނަ މަރުވިކަން އެއީ ހަމަ ނަސީބެއް. އަހަރެން ހަމަ އެއްވެސް ދެރައެއް ނުވޭ! ޔަގީން އޭނަ ސަލާމަތްވި ނަމަ އަހަރުމެން ދެ މީހުން ވެސް މަރާލާނެ."
"ނައުޝާދު ނިޔާވީ!" ފޯނަށް ބަލަންއިން ނަސީފު ބުންޏެވެ. "މުޖޫ އޮތީ ވެންޓިލޭޓަރުގަ."
ނުނިމޭ