ބުދަ ދުވަހާ ގުޅޭ
01 ޖެނުއަރީ 2023
ބުދަ ދުވަހާ ގުޅޭ
ނިކަން ބާރަށް ސައިކަލު ދުއްވައިލިއެވެ. ސީދާ ނަޒްދާޔާ ދިމާއަށެވެ. މުޖުތަބާ އެދިފައި އޮތީ ދެ ގޮތުން ކުރެ އެއް ގޮތެވެ. އުމުރުދުވަހަށް ނުވަތަ ދިގު މުއްދަތަކަށް ނަޒްދާ އެނދުން ނުތެދުވެވޭ ވަރު ކޮށްލުމެވެ. ނައުޝާދަކީ ފުލުހެކެވެ. ފުރިހަމައަށް ތަމުރީނުލިބިފައި ހުރި މީހެކެވެ. މަސްތުވެރިންގެ ގޭންގުތައް ފަހައި ދުވެ، ފަހަތުން އަރައި ހަމަކޮށް، އެ މީހުން އަތުލައިގަތުމަކީ ނައުޝާދު އެންމެ މޮޅަށް ކުރާ ކަންތަކެވެ. ނަޒްދާގެ ފަހަތުން ވިއްސަކަށް ފޫޓަށް ކައިރިވީ ވަގުތު ކުއްލިއަކަށް ފެނުނީ އެ ދެމެދަށް ކާރެއް ހުރަސްވި ތަނެވެ. ނައުޝާދަށް މަޖުބޫރުވީ ރޭވުން ކެންސަލުކޮށްލާށެވެ. ދިޔަ ބާރުމިނުގައި ކާރު ފަސްދީފައި ނައުޝާދު ދިޔައީއެވެ. ނަޒްދާ ކައިރިއަށް މަޑުކުރި ކާރުގައި އިނީ ނަސީފެވެ. އެއީ ނަޒްދާގެ ފުރާނަ ނަސީފަށް ސަލާމަތްކޮށްދެވުނު ދެވަނަ ފަހަރުކަމެއް ނަސީފަކަށް ވެސް ނޭނގެއެވެ.
"އައްސަލާމް އަލައިކުމް!" ސަމާސާ ރާގަކަށް ނަސީފު ބުނި އަޑުއިވުނެވެ.
ސައިކަލަށް ތަޅުދަނޑި ޖަހަން އިން ނަޒްދާ ބަލައިލިއެވެ. ނަސީފު ފެނުމުން ކުޑަކޮށް ހައިރާންވިއެވެ.
"ވައަލައިކުމް ސަލާމް!" ޖަވާބުގައި ނަޒްދާ ބުންޏެވެ. "މި ގަޑީގަ ކޮން ވަޑާމެއް؟"
"ދެން ހިތަށްއެރީ ނަޒްދާ ދެކިލަން ދާންވެއްޖޭ!" ކާރުގެ ދޮރު ހުޅުވައިލަމުން ނަސީފު ބުންޏެވެ. "ހަމަ ހުރެފަ އަހަރެންގެ ހިތަކަށް އެއްޗެއްސެއް ނާރާނެ. އަމުދުން މި ކަހަލަ ގަޑިއެއްގަ. ކޮންމެވެސް ރަނގަޅު ސަބަބެއް އޮންނާނެ. އަރާބަލަ! ނޫޅެމޭ ކާލާކަށް."
ނަސީފު ބުނީ ނަސީފުގެ މަންމަ ވެސް ބުނި އެއްޗެވެ. އެ ކަމާ ނަޒްދާ ގާތަށް ކުޑަކޮށް ހިނިއައެވެ. ކާރަށް އަރައި ހަމަޖެހިލިއެވެ.
"ކީއްވެ ތި ހިނިއައީ؟" ނަސީފު ކާރު ދުއްވައިލަމުން އެހިއެވެ.
"ކަމެއްނުވޭ!" މަންމަ ބައްދަލުކުރި ވާހަކަ ބުނެވެން ނެތުމުން ނަޒްދާ ބުންޏެވެ. "ކޮން ތާކަށް ދާން މި އުޅެނީ؟ މާ ދުރަކަށް ނުދެވޭނެ އިނގޭ! އިރުކޮޅަކުން އަޒާން ނިމޭނެ."
"ނިމެންދެން ބުރުޖަހާނީ،" ނަސީފު ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "ނިމުނީމަ އޭނަ ވެސް ގޮވައިގެން ކާންދާނީ. މަންމަ ދާ ތާކަށް މަންމަގެ ޖޫނިއަރ ގެންދަންވާނެ. އެނގޭތަ؟ ބައެއް މީހުން ހަމަ ކުއްލިއަކަށް ކޮފީބޮވާނެ. ދެން ކޮފީއެއް ލިބިގެން ނޫނީ އެއްކަމެއް ވެސް ނުކުރެވޭނެ. އަހަރެން މި ހުންނަނީ އެ ގޮތަށް ނަޒްދާއަށް އެޑިކްޓްވެފަ. އަޅެ ބުނެބަލަ! އެހެން ބުނީމަ އުފާތަ ވަނީ؟ ހައިރާންތަ ވަނީ؟"
ނަޒްދާގެ ސިކުނޑީގައި ހަރުލާފައި ހުރީ އަނީސާ ދެއްކި ވާހަކަތަކެވެ. ހަވާލުކުރި ބޮޑު މަސައްކަތެވެ. އެ މަސައްކަތް ފަށަން ދެ ފަހަރަކު ނަޒްދާ އުޅެފިއެވެ. ކުޑަ މިނުން ނުވެސް ފެށުނެވެ. ވީމާ، ތިންވަނަ ފަހަރަށް ކުރިމަތިލިއެވެ.
"އޮފީސް އެންމެ ބިޒީވާ ގަޑީގަ ހާދަހާ ފްރީވެގެން ތި އުޅެނީ؟" ނަޒްދާ ބުންޏެވެ. އަދި ވަރަށް ދުރުދުރުން ވާހަކަ ފެށިއެވެ. "ބައްޕަގެ ހާދަހާ ބޮޑު ބިޒްނަސްއަކާއޭ ހަވާލުވެގެން ތި އުޅެނީ. ދެރަ ގޮތެއް ވެއްޖެއްޔާ މުޅި ލައިފެއްނު އެ ދިޔައީ."
"އެހެންވެއޭ ދުރުގަ ނުހުރެވިގެން މި އުޅެނީ،" ވަރަށް ލޯބިން ބަލައިލަމުން ނަސީފު ބުންޏެވެ. "ނަޒްދާ ގެއްލިދާނެތީ އެހެން ކަމަކާ މިހާރަކު ނުވިސްނޭ. ބިޒްނަސް ބަލަހައްޓަން ތިބޭނެ ސްޓާފުން ބައިތިއްބާފަ. މުޅި ކޮންޕެނީ އޮންނާނީ އޮގަނައިޒްކޮށް، އޮމާންކޮށް ރަންކުރެވޭ ގޮތް ހަދާފަ. މިހާރަކު ބިލް ގޭޓްސް ނީންނާނެ މައިކްރޯސޮފްޓުގެ ކައުންޓަރަކު. ދެން އެ ވާހަކަ ބާއްވާ! އިއްދަ ހަމަވެއްޖެއްނު! ހިނގާ މެރީކުރަމާ! ނަޒްދާ ބޭނުމެއް ނޫންތަ އަހަރެން ވެރިކޮށްލާކަށް؟ އަހަރެން ވަރަށް ބޭނުން ނަޒްދާ ވެރިކޮށްލަން. ވެގެންވަންޏާ ރީތިކޮށް ފަތްޖަހާލާފަ ޖީބަށް ލައިގެން ނަޒްދާ ގެންގުޅޭނީ. ހިތާ އެންމެ ކައިރީގަ މިހިރަ ޖީބަށް."
އެހައި ލޯބިވާ މީހަކު ލިބޭނީ މަދު މީހަކަށެވެ. ނަސީފަކީ ކޮންމެ އަންހެނަކު ވެސް ހުވަފެނުން ދެކޭ ކަހަލަ ފިރިހެނެކެވެ.
"ކީއްވެ އަހަރެން ގެއްލެންވީ؟" ނަޒްދާ ބުންޏެވެ. "ތި ނޫން ކާކު އަހަރެންގެ ހުރީ؟ އަހަންނަށް އެނގޭ ނަސީފަށް ބިޒްނަސް އެނގޭ ވަރާ ގާތަށް ވެސް އަހަންނަކަށް ނޭނގޭނެކަން. އެކަމަކު، އަހަރެން ވެސް ދެ ޖޮބަށް ދަން. އަބަދުވެސް ފެންނަނީ މީހުން މަކަރުހަދާ ތަން. އަހަރެން ބުކްޝޮޕްގަ އުޅެނިކޮށް މިހާރު ތިން މެނޭޖަރުން ބަދަލުވެއްޖެ! ނަސީފު ކިހިނެއް ސްޓާފުންނަށް ތިހާ ޓްރަސްޓުކުރަނީ؟"
"މިހާ ހިސާބުން ބިޒްނަސްގެ ވާހަކަ ނިމުނީ. ފިނިޝް!" ގަޑި ބަލައިލަމުން ނަސީފު ބުންޏެވެ. "ވަރަށް ބަނޑުހައި ވެއްޖެ! ހިނގާ އަޒާން ނަގަން ދަމާ! ނިމެން ވަރަށް ކައިރިވެއްޖެ!"
އަޒާން ގޮވައިގެން ނަސީފު ދިޔައީ ހުޅުމާލެއަށެވެ. ކާން ވަނީ އަޒާން ބޭނުންވި ތަނަށެވެ. އެ ހުރިހައި މަންޒަރެއް ބަލަން، ދުރުގައި ނައުޝާދު އިނެވެ. ދަނޑިވަޅެއްގެ އިންތިޒާރުގައެވެ. ނަޒްދާއަށް ފެނުނީ އަޒާނާއި ނަސީފުގެ ގުޅުން ބަދަހިވަމުންދާ ހަލުވި ދުވެއްޔެވެ. ހީނހީނފައި އަޒާން އުޅޭ އިރު ހީވަނީ ނަސީފަކީ އަޒާންގެ އަސްލު ބައްޕަހެންނެވެ. އަޒާނަކީ ނަސީފުގެ އަސްލު ދަރިއެއްހެންނެވެ. އެ ގުޅުން ހީނަރުވެއްޖެއްޔާ ދެން ވާނީ ކިހިނެއްބާއޭ ހިތަށްއަރައި ނަޒްދާގެ ހިތްބިރުގަންނަ ވަރު ވެއެވެ.
ގަޑިން ރޭގަނޑު އަށްގަޑި ބައިވަނީއެވެ. ކާމޭޒުދޮށުގައި އިނީ އަނީސާ އެކަންޏެވެ. ނަސީފު ގޭގައި ނޫޅޭތީ ކާން ނުފެށިފައެވެ. ދިހަ މިނެޓެއްހައި އިރު ފަހުން ނަސީފު ވަންތަން ފެނުނެވެ.
"އާދެ ކާން ދަރިފުޅާ!" އަނީސާ ވަރަށް ލޯބިން ބުންޏެވެ.
ނަސީފުގެ ހިނގުމާއި ހަރަކާތް ހުރީ ތަންކޮޅެއް ހަރުކަށިކޮށެވެ. އައި ބާރުމިނުގައި އައިސް މަންމަ ގާތަށް ހުއްޓުނެވެ. އަނީސާ އިނީ އިސްޖަހާލައިގެން ކެއުމަށް އިންސާފުކުރާށެވެ. ނަސީފުގެ މޫނަކަށް ނުވެސް ބަލައެވެ.
"ކީއްވެ މަންމަ އެ ކަހަލަ ކަންތައްކުރަނީ؟" ރުޅިއައިސްފައި ހުއްޓަސް ނަސީފު ވާހަކަދެއްކީ މަޑުމަޑުންނެވެ.
"މި ފަހަރު ކޮން ކަމެއްބާ މަންމައަށް ކުރެވުނީ؟" ވަރަށް ހަމަޖެހިލާފައި އަނީސާ އެހިއެވެ. "އިށީނދެބަލަ!"
"މަންމައަށް ހަމަ ރަނގަޅަށް އެނގޭނެ މި ބުނާ އެއްޗެއް. ކީއްކުރަން ނަޒްދާ މި ދޭތެރެއަށް ވައްދަނީ؟" ނަސީފު ދެން ވެސް ވާހަކަދެއްކީ ކޮޅަށްހުރެއެވެ. "އޭނަ ދުވަހަކު ވެސް އެ ކަހަލަ ވާހަކައެއް ނުދައްކާނެ. އަހަންނަށް އެނގޭ އަކުރުންއަކުރަށް އޭނަގެ އަނގައަށް މަންމަ އަޅައިދީފަކަން ހުރީ. އަސްލު ވެސް މިއަދު އަހަރެން ވަރަށް ޑިސްއެޕޮއިންޓުވެއްޖެ!"
އަނީސާ އަތުގައި އޮތް އުލާއި ވަޅި ތަށްޓަށް ދޫކޮށްލިއެވެ.
"ދަރިފުޅު އެކަންޏެއް ނޫނޭ ޑިސްއެޕޮއިންޓުވީ! މަންމަ މިހިރީ މާ ބޮޑަށް ޑިސްއެޕޮއިންޓުވެފަ،" ދަރިފުޅާ ހަތަރުކަޅި ހަމަކުރަމުން އަނީސާ ބުންޏެވެ. "މުޅި ވިޔަފާރި ބައެއްގެ އަތްމައްޗަށް ދޫކޮށްލާފަ ހަތަރުދަމު ކޮން ތާކުތަ ތި އުޅެނީ އޭނ؟ އެއިން ތަނަކަށް ދަރިފުޅު މިއަދު ވަދެލީންތަ؟ ނަޒްދާ ގާތަކު މަންމަ އެއްވެސް ވާހަކައެއް ނުދައްކަން. ދެއްކިޔަސް މަންމަ ނުދެކެން އެއީ ގޯހެއްކަމަކަށް. ދަރިފުޅުގެ ބައްޕަޔާ އަހަންނާ ވިޔަފާރި ފެށި އިރު، ދަރިފުޅު އުފަން ވެސް ނުވާނެ. ދަރިފުޅަކަށް ނޭނގޭނެ މިހާ ހިސާބަށް އަންނަން މަންމަ ކިހާ މަސައްކަތެއް ކުރަންޖެހުނުކަމެއް، ކިހާ މަންޒަރެއް ފެނުނުކަމެއް، ކިތައް ފިލާވަޅު ދަސްވިކަމެއް. ބައްޕަޔާ އެންމެ ގާތްކޮށް އުޅުނު ޝައުކަތު ހުރިހާ ފައިސާއެއް ހިފައިގެން ރައްކާވި އިރު، އެ މަހުގެ ކަރަންޓު ބިލު ދެއްކޭނެ ގޮތް ވެސް އަހަރުމެންނަކަށް ނެތް. އެކައުންޓު އެއްކޮށް ދޮވެލައިގެން ފިލީ. މަންމަ ހާދަ ވަރަކަށް ދަރިފުޅުގެ ބައްޕަ ގާތުގަ ބުނީމޭ އޭނަޔަށް ހުރިހާ ބާރެއް ނުދޭށޭ ނުދޭށޭ! ގަބޫލެއް ނުކުރި. ވިޔަފާރި ބަނގުރޫޓުވުމުން ސަލާމަތްކުރަން އެކި މީސްމީހުން ކައިރިއަށް ގޮސް ހަމަ ސަލާންޖެހީ. އާދޭސްކުރީ. އެކަކު ވެސް އަޅައެއް ނުލި. މި ދުނިޔެއަކީ ތި ހީކުރާ ކަހަލަ ދޫނި ފުށުގެ ގޮދަޑިއެއް ނޫނޭ ދަރިފުޅާ! އަތުގަ ލާރި ހުންނަ ވަގުތު ބައިވަރު ރައްޓެހިން ތިބޭނެ. ހާލުގަ ޖެހޭ ވަގުތު އެކަކު ވެސް އަޅައެއް ނުލާނެ!"
ނަސީފު ފެއްޓީ މުޅީން އެހެން ހިސާބަކުންނެވެ.
"މަންމަ ބޭނުންވަނީ އަހަރެން މީހަކާ ނީންނަން. ރައްޓެހި ވެސް ނުވާން. މަންމަ ހިތަށްއަރަނީ އަހަރެން މީހަކާ އިނދެފިއްޔާ މަންމަގެ މުދާގަނޑެއް ގެއްލުނީއޭ. މަންމައަށް ކޮންމެ އެއްޗަކީ ވެސް ބޮޑު މުދާގަނޑެއް. އިންސާނުންނާ، ލޯތްބާ މި ހުންނަނީ މަންމަ ދަންނަ އެއްޗިއްސެއް ނޫން،" ހިތުގެ އެންމެ ފުނުގައި އޮތް ވާހަކަ ނަސީފު ތިލަކޮށްލިއެވެ. "އަހަންނަށް ހީވަނީ މަންމަހެން ނަޒްލާ ގެއްލުވާލީ ވެސް. އެ ވަރުން ވެސް ތި އުޅެނީ ހިތްނުފުރިގެން. މިހާރު ތި އުޅެނީ މީގެ ތެރެއަށް ނަޒްދާ ވައްދައިގެން އަހަރުމެން ޖައްސަން. ހަނދާންކުރައްޗޭ މަންމާ! ތިހެން އުޅެނިކޮށް އެއްދުވަހަކުން މަންމައަށް އަހަރެން ގެއްލޭނެ."
ނަސީފުގެ އެ ވާހަކަތައް ހަތަރު ފަރާތުން އައިސް އަނީސާގެ ހިތަށް ހެރުނެވެ. އެ ތަދު އިހުސާސްކުރެވުނެވެ. މައްސަލަ އިތުރަށް ފުޅާކޮށްފި ނަމަ ލޯބިވާ ދަރިފުޅު ބީވެދާނެކަމާއި، އުމުރަށް އެ ކަމާ ހިތާމަކުރަންޖެހިދާނެކަން، ފުރަތަމަ ފަހަރަށް ވިސްނުނެވެ. ނަސީފަކީ ސިއްލިރުޅިއެއް ހުންނަ ދަރިއެއްކަމާއި، ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެކަން އަނީސާއަށް އެނގެއެވެ.
"މީގެ ފަހުން ދެނެއް ދަރިފުޅު ގާތަކު މި ވާހަކައެއް ނުދައްކާނަން،" އަނީސާ ހަތިޔާރު ބަހައްޓައި އަމާންދިނެވެ. "ދަރިފުޅަށް ދޫކޮށްލީ! ދަރިފުޅަށް އެނގޭނެ މަންމަ ބުނާނީ ހިތުގަ އޮންނަ ގޮތަށްކަން. މަންމަ ނުބުނަން ނަޒްދާ ގޯހެކޭ! މަންމައަށް ހަމަ އެއްވެސް މައްސަލައެއް ނެތް ދަރިފުޅު ނަޒްދާޔާ ކައިވެނިކުރިޔަސް."
"އަހަރެން ކޮން އިރަކު މަންމަ ކައިރީގަ އެހީ؟" ނަސީފު އެހިއެވެ.
ސިނަމާލޭ ބުރިޖުން ފައިބައިގެން ހުޅުމާލެޔާ ދިމާއަށް ދަތުރުކޮށްފައި ދިޔަ ސައިކަލުގެ ދުވެލި ހައްތަހާ ބާރުވަމުންދިޔައެވެ. ދުއްވަންއިނީ ނަސީފެވެ. ފަހަތުގައި ނަޒްދާއެވެ. ވަގުތަކީ މެންދުރުގެ ހޫނު އޮބި، ފިންޏާ ދިމާއަށް މިސްރާބުހިފާފައިވާ ވަގުތެވެ. އެ ދުވަހު ނަޒްދާ ބޭނުންވީ ނަސީފާ އެކުގައި ސައިކަލުދުއްވައިލާށެވެ. ނަޒްދާމެންނާ ހަމަކުރަން މަސައްކަތްކުރި ކާރުގައި ތިބީ ނައުޝާދާއި މުޖުތަބާއެވެ.
"މަ ހީ ވެސް ނުކުރަން އަޒާން ބަލަން މަންމަ އެއްބަސްވާނެކަމަކަށް." ނަޒްދާއަށް އަޑުއިވޭ ވަރަށް ނަސީފު ބުންޏެވެ.
"މަ ވެސް." ނަޒްދާ ބުންޏެވެ.
ކުއްލިއަކަށް ފަހަތުން އަޑުފަށްގަނޑެއް އިވުނެވެ. ނަސީފު ލޯގަނޑުން ބަލައިލި އިރު ކާރެއް ފުށްފުށުންޖެހެމުން އަންނަ ތަން ފެނުނެވެ.
ނުނިމޭ