Roadha Mihaaru
ގައުމީ ބީޗް ވޮލީ ޓީމު އޭވީސީ މުބާރާތުގައި ވާދަ ނުކުރޭ

ގައުމީ ބީޗް ވޮލީބޯޅަ ޓީމު އޭވީސީ މުބާރާތުގައި ވާދަ ނުކުރާނެ، ކާވާ މުބާރާތަށް ފުރުން 10 ގައި

06 ސެޕްޓެމްބަރ 2023

ރާއްޖޭގެ ގައުމީ ބީޗް ވޮލީބޯޅަ ޓީމު، މި މަހު 8-11 އަށް ބާއްވާ އޭޝިއަން ވޮލީބޯޅަ ކޮންފެޑެރޭޝަން (އޭވީސީ) ބީޗް ވޮލީބޯޅަ ކޮންފެޑެރޭޝަން ކަޕްގެ ފުރަތަމަ ފޭސްގައި ވާދަ ކުރުމުގެ ފުރުސަތު ދޫކޮށްލައި، އޭގެ ފަހުން ކުރިއަށް ގެންދާ ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ފިރިހެނުންގެ ބީޗް ވޮލީބޯޅަ ޓުއާގައި ވާދަކުރަން ތައްޔާރު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރާއްޖޭގެ ގައުމީ ބީޗް ވޮލީބޯޅަ ޓީމު، މި މަހު 8-11 އަށް ބާއްވާ އޭޝިއަން ވޮލީބޯޅަ ކޮންފެޑެރޭޝަން (އޭވީސީ) ބީޗް ވޮލީބޯޅަ ކޮންފެޑެރޭޝަން ކަޕްގެ ފުރަތަމަ ފޭސްގައި ވާދަ ކުރުމުގެ ފުރުސަތު ދޫކޮށްލައި، އޭގެ ފަހުން ކުރިއަށް ގެންދާ ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ފިރިހެނުންގެ ބީޗް ވޮލީބޯޅަ ޓުއާގައި ވާދަކުރަން ތައްޔާރު ވެއްޖެ އެވެ.

ދެ މުބާރާތް ވެސް ކުރިއަށް ދާނި ބަންގްލަދޭޝްގަ އެވެ. މި މަހުގެ 13-16 އަށް ބާއްވާ ކާވާ ބީޗް ވޮލީބޯޅަ ޓުއާގައި ވާދަކުރަން ރާއްޖޭގެ ޓީމު ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހު އެވެ.

ރާއްޖޭގެ ބީޗް ލޮވީބޯޅަ ޓީމުގައި ހިމެނެނީ އާދަމް ނަސީމް (އެޑަމް) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ގެ ޕެއާ އަދި އަހުމަދު މުހައްމަދު (ކޯކޭ) އާއި އަހުމަދު މުހައްމަދު (ޑެންޒޯ)ގެ ޕެއާ އެވެ.

މިދިޔަ އަހަރު ބީޗް ވޮލީބޯޅައިން ވަނީ، މިހާތަނަށް ރާއްޖޭގެ ވޮލީބޯޅައިގެ ތާރީހުގައި ވެސް އެންމެ ބޮޑު ކާމިޔާބީ ހޯދައިފަ އެވެ. ބްރެޒިލްގެ ތަޖުރިބާކާރު ކޯޗު ވިނީޝިއުސް މާޓިންސްގެ އިރުޝާދުގެ ދަށުން ކޮމަންވެލްތު ގޭމްސްގެ ކޮލިފައިންގެ ފައިނަލާ ހަމައިން އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ ބަލިވި ނަމަވެސް އަހަރު ނިންމާލީ ބަންގްލަދޭޝްގައި އޮތް އޭޝިއަން ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތުން ރަން މެޑަލް ހޯދައިގެންނެވެ.

ބީޗް ވޮލީބޯޅަ އިން 2019 ވަނަ އަހަރު މޮރީޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވަނީ ރިހި މެޑަލްއަކާއި ލޯ މެޑަލްއެއް ހޯދައިފަ އެވެ. ނަމަވެސް އާދިއްތަ ދުވަހު ނިމުނު، މަޑަގަސްކަރާގައި މިއަހަރު އޮތް އައިއޯއައިޖީގައި ބީޗް ވޮލީބޯޅަ ނުހިމެނެ އެވެ. މީގެ އިތުރުން އޮގަސްޓް މަހު އިންޑޮނޭޝިއާގައި ބާއްވަން ހަމަޖެހުނު އޭނޮކް ވޯލްޑް ބީޗް ގޭމްސް ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.

ބަންގްލަދޭޝްގައި އޮންނަ ކާވާ ޓުއާގައި ރާއްޖޭގެ ކޯޗަކަށް ހުންނާނީ، 2019 ވަނަ އަހަރު އައިއޯއައިޖީގައި ރާއްޖޭން ދެ މެޑަލް ހޯދި އިރު މުހިއްމު ކުޅުންތެރިއެއް ގޮތުގައި ހުރި ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އެވެ.