Roadha Mihaaru

ސްމައިލީ އާއި އިބޫ އަލުން ސާފިން ގައުމީ ޓީމަށް

އިސްމާއިލް ރަޝީދު (ސްމައިލީ) އާއި ހުސެއިން އަރީފް (އިބޫ) ގައުމީ ސާފިން ޓީމުން ޖާގަ ހޯދައިފި އެވެ.

ސްމައިލީ އާއި އިބޫ އަލުން ސާފިން ގައުމީ ޓީމަށް
މުހައްމަދު ޒަޔާން ޒާހިރު
މުހައްމަދު ޒަޔާން ޒާހިރު

13 ފެބުރުއަރީ 2023

އިސްމާއިލް ރަޝީދު (ސްމައިލީ) އާއި ހުސެއިން އަރީފް (އިބޫ) ގައުމީ ސާފިން ޓީމުން ޖާގަ ހޯދައިފި އެވެ.

އިބޫ އާއި ސްމައިލީ ގައުމީ ޓީމުން ޖާގަ ހޯދީ، ގައުމީ ޓީމުގެ އިތުރު ދެ ސްލޮޓަށް އެތުލީޓުން ހޮވަން ވެގެން ބޭއްވި ސިލެކްޝަން ޓްރަޔަލްގެ ތެރެއިންނެވެ.

ގދ. ގައްދޫ ގައި އިއްޔެ ފޯރި އާއެކު ކުރިއަށް ދިޔަ ސިލެކްޝަން ގައި މުޅި އެކު 16 ރާޅާއެޅުންތެރިން ވާދަކުރި އެވެ. ފައިނަލް ހީޓުގެ އެއް ވަނަ އަދި ދެ ވަނަ އަށް ގައުމީ ޓީމުގެ ޖާގަ ދޭގޮތަށް ހަމަޖެހިފައި އޮތްއިރު، އެއް ވަނަ ހޯދީ ސްމައިލީ އެވެ. އިބޫ އަށް ލިބުނީ ދެ ވަނަ އެވެ.

އިބޫ އާއި ސްމައިލީ އާއެކު ފައިނަލް ހީޓުގައި ދެން ވާދަކުރީ ކ. ތުލުސްދޫ ހަސަން ނާސިހު (ޗިކާ) އާއި މުހައްމަދު އިރުޝާދު (ބިއްލޫ) އެވެ. ސްމައިލީ އެއް ވަނަ ހޯދީ ޖުމްލަ 18.66 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. އޭނާގެ އެންމެ ރަނގަޅު ދެ ރާޅަށް ވަނީ 8.83 އަދި 9.83 ޕޮއިންޓް ހޯދައިފަ އެވެ. އިބޫގެ އެންމެ ރަނގަޅު ދެ ރާޅަށް ލިބުނު 7.83 އަދި 9.33 ޕޮއިންޓާ އެކު އޭނާ އަށް ލިބުނު ޖުމްލަ ސްކޯ އަކީ 17.16 އެވެ.

ފައިނަލް ހީޓުގައި ކޮންމެ އެތުލީޓެއް ވެސް ފަސް ރާޅާ އެޅި އެވެ. ތިން ވަނަ ލިބުނު ޗިކާ އަށް އެންމެ ރަނގަޅު ސްކޯ އެއް ހެދުނީ ފުރަތަމަ ދެ ރާޅުގަ އެވެ. އެއީ 5.50 އަދި 6.20 ޕޮއިންޓެވެ. މިދިޔަ އަހަރުގެ ރަންނަމާރި ޗެލެންޖް ކާމިޔާބު ކުރި ބިއްލޫގެ އެންމެ ރަނގަޅު ދެ ރާޅުގެ ސްކޯ އަކީ 4.00 އާއި 5.87 ޕޮއިންޓެވެ.

އެންމެ ފުރަތަމަ މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ގައުމީ ސާފިން ޓީމެއް އެކުލަވާލީ 2019 ވަނަ އަހަރު ޓްރަޔަލްސް އެއް ބޭއްވުމަށް ފަހު އެވެ. އެ ފަހަރު ޓްރަޔަލްސް ކާމިޔާބު ކުރީ ވެސް ސްމައިލީ އެވެ. އެ އަހަރުގެ ގައުމީ ޓީމުގައި ހިމެނުނީ ސްމައިލީ އާއި އިބޫގެ އިތުރުން ޗިކާ އަދި މިހާރު ވެސް ގައުމީ ޓީމުގައި ހިމެނޭ އަހުމަދު އާގިލް (އަންމަޑޭ) އެވެ.

އިބޫ އާއި ސްމައިލީ ވަނީ 2019 ވަނަ އަހަރު އޮތް އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ފައިނަލުގައި ވެސް ވާދަ ކޮށްފަ އެވެ. ގަދަ ހަތަރު ސާފަރުން ވާދަކުރި އޭޝިއަން ފައިނަލް ގައި އިބޫ ތިން ވަނަ ހޯދައި ބްރޮންޒް މެޑަލް ހޯދި އިރު ސްމައިލީ އަށް އެ ފަހަރު ލިބުނީ ހަތަރު ވަނަ އެވެ.

މިހާރު އުމުރުން 45 އަހަރުގެ، ރ. ރަސްމާދޫގެ ލެޖެންޑަރީ ރާޅާއެޅުންތެރިޔާ އިބޫ ގައުމީ ޓީމަށް މި ހޮވުނީ މެދުކެނޑުމަކަށް ފަހު އެވެ. ރަންނަމާރި ޗެލެންޖް 2019 ވަނަ އަހަރު ކާމިޔާބު ކުރުމަށް ފަހު ފަރިތަކުރުންތަކުގައި ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ދިގު މުއްދަތަކަށް ކުޅިވަރާ ދުރުގައި ހުއްޓެވެ. އޭނާ ވަނީ އަނިޔާއިން ރަނގަޅުވެ އެނބުރި އައިސް މިދިޔަ އަހަރުގެ ސާފް ލީގުގެ ފަހު ދެ މުބާރާތުގައި ވާދަ ކޮށްފަ އެވެ. ކ. ހިންމަފުށީ ގާމާދޫކޮޅުގައި ޗެމްޕިއަންކަން ހޯދި އިރު، ރަންނަމާރި ޗެލެންޖްގެ ދެ ވަނަ އިބޫ ހޯދި އެވެ.

ގދ. ގައްދޫ ސްމައިލީ އަކީ ވެސް މިދިޔަ އަހަރާ ހަމައަށް ގައުމީ ޓީމުގެ އެތުލީޓެކެވެ. މިދިޔަ އަހަރުގެ ލީގު ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ނަމަވެސް ޖެހިގެން އައި މުބާރާތުގެ ތެރެއިން ލިބުނު އަނިޔާއަކާ ގުޅިގެން ތިން ވަނަ މުބާރާތުގައި ވާދަ ނުކުރެ އެވެ. އަނިޔާއިން ރަނގަޅުވެ ފަހު ދެ މުބާރާތުގައި ރާޅާ އެޅި ނަމަވެސް އޭނާގެ އަސްލު ވެންވަރު ދައްކާނުލެވި، ރޭންކިންގެ ގަދަ ހަތަރަކަށް ނޭރި ގައުމީ ޓީމުގެ ޖާގަ ގެއްލުނެވެ.

އުމުރުން 29 އަހަރުގެ ސްމައިލީ އަކީ ބައިނަލްއަގްވާމީ އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން 2024 ގައި ފްރާންސްގެ ޕެރިހުގައި ބާއްވާ އޮލިމްޕިކް މުބާރާތަށް ކޮލިފައިވުމަށް އެހީވުމަށްޓަކައި ކުރިއަށް ގެންދާ އޮލިމްޕިކް ސޮލިޑަރިޓީ ސްކޮލާޝިޕް ހާސިލް ކޮށްފައިވާ އެތުލީޓެކެވެ.

އިބޫ އާއި ޗިކާ ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލްގެ ފުރަތަމަ ހީޓުގައި އާދަމް މުއީން އިބްރާހީމް އާއި މުހައްމަދު ފަޔާޒް (ޕެލޭ) ފަހަތަށް ޖައްސާލައިފަ އެވެ. އިބޫ އާއި ބިއްލޫ ފައިނަލަށް ދަތުރު ކުރީ އިބްރާހިމް އައިމާން އާރިފް އާއި މުހަައްމަދު ރިފާސް އަބްދުއްރައްޒާގާ ވާދަކޮށެވެ.

ސިލެކްޝަން ފެށީ ކުއާޓާ ފައިނަލްގެ ހަތަރު ހީޓުންނެވެ. މި ބުރުން ކެޓި އެތުލީޓުންނަކީ ޖިނާން އަހުމަދު، ޝަރޫފް ޝާއިރު، އަބްދުﷲ އަރީފް (ފުކޫ)، އަހުމަދު އަރުޒާން، އަބްދުﷲ އަރުޝަދު، އައިހަމް އަދުނާން، މުހައްމަދު އަތޫފް އަދި ޖީހާން އަހުމަދު (ޖީއްކޮ) އެވެ.

އިބޫ އާއި ސްމައިލީ އާއެކު ރާއްޖޭގެ ސާފިން ގައުމީ ޓީމުގައި ދެން ހިމެނެނީ މިދިޔަ އަހަރުގެ ސާފް ލީގުގެ ރޭންކިންގެ ގަދަ ހަތަރެއް ކަމަށްވާ އަންމަޑޭ، ނަޖާހު މުހައްމަދު (ކަނބޯ)، ޖައިލަމް ނިޒާރު އަދި ހޫދު އަހުމަދު (ހޫބްޒް) އެވެ.