Roadha Mihaaru

ތުރުކީގެ ރިއާސީ އިންތިޚާބު ދެ ވަނަ ބުރަކަށް

ތުރުކީ ވިލާތުގައި އިއްޔެ ބޭއްވި ރިއާސީ އިންތިޚާބުގައި ވާދަކުރެއްވި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ބޭފުޅަކަށް، އިންތިޚާބު ކާމިޔާބު ކުރަން ބޭނުންވާ 50 ޕަސެންޓަށް ވުރެ މަތިން ވޯޓު ލިބިވަޑައިގަންނަވާނެކަން އަދިވެސް ކަށަވަރު ނުވާތީ، އިންތިޚާބުގެ ދެ ވަނަ ބުރެއް ބާއްވަން ޖެހިދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

ތުރުކީގެ ރިއާސީ އިންތިޚާބު ދެ ވަނަ ބުރަކަށް

ތުރުކީ ވިލާތުގައި އިއްޔެ ބޭއްވި ރިއާސީ އިންތިޚާބުގައި ވާދަކުރެއްވި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ބޭފުޅަކަށް، އިންތިޚާބު ކާމިޔާބު ކުރަން ބޭނުންވާ 50 ޕަސެންޓަށް ވުރެ މަތިން ވޯޓު ލިބިވަޑައިގަންނަވާނެކަން އަދިވެސް ކަށަވަރު ނުވާތީ، އިންތިޚާބުގެ ދެ ވަނަ ބުރެއް ބާއްވަން ޖެހިދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

އިއްޔެ ބޭއްވި އިންތިޚާބުގައި ލާފައިވާ ވޯޓުގެ 98 ޕަސެންޓް މިހާތަނަށް ގުނައި ނިމުނު އިރު، އެންމެ ކުރީގައި އުޅުއްވަނީ މިހާރުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އެވެ. އޭނާ އަށް މިހާތަނަށް ކަށަވަރުވެފައިވަނީ، 49.35 ޕަސެންޓް ވޯޓެވެ. އެއީ ގާތްގަނޑަކަށް ގާތްގަނޑަކަށް 26.68 މިލިއަން ވޯޓެވެ.

އޭނާއާ އެންމެ ގާތުން ވާދަކުރެއްވި، އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ލީޑަރު ކަމާލް ކިލިޖްދާރް އޯގްލޫ އަށް މިހާތަނަށް ލިބިވަޑައިގަތީ، 44.99 ޕަސެންޓް ވޯޓެވެ. އެއީ ގާތްގަނޑަކަށް 24.34 މިލިއަން ވޯޓެވެ.

ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ މިނިވަން ކެންޑިޑޭޓް ސިނާން އޮއާން އަށެވެ. އޭނާ އަށް 5.21 ޕަސެންޓް ވޯޓު ލިބިވަޑައިގެންނެވި އިރު، އެއީ ގާތްގަނޑަކަށް 2.8 މިލިއަން ވޯޓެވެ. ހޯމް ލޭންޑް ޕާޓީގެ ލީޑަރު މުހައްރަމް އިންޖޭ އަށް މިހާތަނަށް ލިބިވަޑައިގަތީ 0.43 ޕަސެންޓް ވޯޓެވެ. އެއީ ގާތްގަނޑަކަށް 233 ހާސް ވޯޓެވެ.

މިއަދުގެ ނިޔަލަށް ވޯޓު ގުނައި ނިމޭނެ ކަމަށް ލަފާކުރެވޭ އިރު، ހުރިހާ ވޯޓުގެ ނަތީޖާ އިން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ މަތިން ލިބިވަޑައިނުގެންފި ނަމަ، މި މަހުގެ 28 ވަނަ ދުވަހު އިންތިޚާބުގެ ދެ ވަނަ ބުރެއް ބާއްވާނެ އެވެ. އިންތިޚާބުގެ ދެ ވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ، ރައީސް އުރުދުޣާން އާއި އިދިކޮޅު ލީޑަރު ކަމާލް ކިލިޖްދާރް ވެސް މަސައްކަތް ކުރައްވާނީ، މިނިވަން ކެންޑިޑޭޓް ސިނާން އޮއާންގެ ތާއީދު ހޯއްދެވުމަށެވެ.

ވާދަވެރި ދެ ކެންޑިޑޭޓުން ކުރެ ކޮންމެ ބޭފުޅަކަށް ސިނާން ތާއީދުކުރެއްވިޔަސް، އެ ބޭފުޅަކު އިންތިޚާބު ކާމިޔާބު ކުރެއްވުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު، އަދި އެ ތިން ބޭފުޅުންގެ ސިޔާސީ ފިކުރަށް ނަޒަރު ހިންގާއިރު، ސިނާން ބުރަވެވަޑައިގަންނަވާނީ، ރައީސް އުރުދުޣާނަށް ކަމަށް ބެލެވެ އެވެ.

ތުރުކީއަކީ އިންތިޚާބުތަކުގައި ވޯޓު ލާން ނުކުންނަ މީހުންގެ ނިސްބަތް މަތީ ގައުމެއް ނަމަވެސް، މިފަހަރުގެ އިންތިޚާބުގައި ވޯޓު ލާން ނުކުތް މީހުންގެ އަދަދު ވަނީ ރެކޯޑް މިންވަރަކަށް މަތިވެފަ އެވެ. އަދި ވޯޓު ލާން ނުކުތް މީހުންގެ އަދަދާއި، ސިޔާސީ ވާދަވެރިކަން އޮތް މިންވަރަށް ބަލާއިރު، އިއްޔެގެ ވޯޓުލުމުގައި ކުރިމަތިވި މައްސަލަތައް ވަރަށް މަދެވެ.

ރައީސް އުރުދުޣާން ވިދާޅުވި ގޮތުގައި އިއްޔެގެ އިންތިޚާބަކީ، ޒަމާނީ ޑިމޮކްރެސީ އަށް ތުރުކީ ވިލާތުގެ ރައްޔިތުން ހޭނިފައި ތިބި މިންވަރު ވަޒަންކޮށްދިން އިންތިޚާބެކެވެ. އަދި އިންތިޚާބުގައި މިހާތަނަށް ލިބުނު ނަތީޖާއާ މެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވި ނަމަވެސް، ރައްޔިތުން ނިންމި ގޮތް ކަށަވަރުވާނީ ރަސްމީ ނަތީޖާ ލިބުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ލީޑަރު ކަމާލް ކިލިޖްދާރް ވިދާޅުވީ އިންތިޚާބުގެ ދެ ވަނަ ބުރަކަށް ހިނގައްޖެ ނަމަ، ފަސޭހަކަމާ އެކު އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމަށެވެ. އަދި ވެރިކަން ކުރާ އަދާލަތު ޕާޓީއާ މެދު އާންމު ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލެމުން އަންނަ މަންޒަރު، އިއްޔެގެ އިންތިޚާބުން ވަރަށް ސާފުކޮށް ފެނުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިއާސީ އިންތިޚާބުގައި ދެ ވާދަވެރިންގެ މެދުގައި ތަފާތު ކުޑަވިޔަސް، އިއްޔެގެ އިންތިޚާބުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން ހޮވުމަށް ނެގި ވޯޓުގައި، ވެރިކަން ކުރާ ކޯލިޝަނުން އަންނަނީ ގިނަ ގޮނޑިތައް ކާމިޔާބުކޮށް ތަފާތު ބޮޑުކުރަމުންނެވެ. ވެރިކަން ކުރާ ޖުމްހޫރް އިއްތިފާކީ (ޕީޕަލްސް އެލަޔަންސް) އަށް، ގާނޫނު ހަދާ މަޖިލީހުގެ 600 ގޮނޑީގެ ތެރެއިން މިހާތަނަށް، 321 ގޮނޑި (49.31 ޕަސެންޓް) ވަނީ ކަށަވަރު ކޮށްފަ އެވެ.

މިފަހަރުގެ އިންތިޚާބަކީ މީގެ 20 އަހަރު ކުރިން ވެރިކަމާ ހަވާލުވެވަޑައިގެންނެވި މިހާރުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ ވެރިކަން، އިތުރަށް ދެމިއޮންނާނެތޯ އެ ގައުމުގެ ސިޔާސީ މަސްރަހުގައި މިހާރު ކުރަމުން އަންނަ ސުވާލަށް ޖަވާބެއް ލިބިގެންދާނެ އިންތިޚާބެކެވެ. އިއްޔެގެ އިންތިޚާބުގައި ރައީސް އުރުދުޣާންއާ އެންމެ ގާތުން ވާދަކުރެއްވި، ސެކިއުލާ ސިޔާސަތެއް ގެންގުޅުއްވާ އިދިކޮޅު ލީޑަރު ކަމާލް ކިލިޖްދާރް އޯގްލޫއަކީ އިދިކޮޅު ހަ ސިޔާސީ ޕާޓީއެއްގެ ތާއީދާއެކު، އުރުދުޣާންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ނުކުމެ ހުންނެވި ކެންޑިޑޭޓެވެ.

އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ހީނަރުކަމާއި އިންފްލޭޝަން ރޭޓް މަތިވުމާއި، ފެބްރުއަރީ 6، 2023 ގައި އެ ގައުމަށް އައި ބާރުގަދަ ބިންހެލުމުގައި ލިބުނު ގެއްލުންތައް ފޫބެއްދުމަކީ، ދެން އަންނަ ސަރުކާރަކަށް ކުރިމަތިވާނެ އެންމެ އުނދަގޫ ކަންކަމެވެ.

އުރުދުޣާންގެ ވެރިކަން ދިފާއުކުރަން ބޭނުންވާ މީހުން ދެކޭ ގޮތުގައި އެމެރިކާގެ އިސްތިއުމާރީ ނުފޫޒުން ތުރުކީ ވިލާތް މިންޖުކުރެވޭނީ، އަދާލަތު ޕާޓީގެ އުރުދުޣާން ވެރިކަމުގައި ބަހައްޓައިގެންނެވެ. އުރުދުޣާންގެ ވެރިކަމާ ދެކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި އެ ގައުމުގައި ޑިމޮކްރެސީގެ ހަމަތައް ނެގެހެއްޓޭނީ އާ ވެރިއަކާ ގައުމު ހަވާލުކޮށްގެންނެވެ.