Roadha Mihaaru
މިހާރު ވަނީ ވެރިކަމާ ހަވާލުވުމުގެ ތައްޔާރީތައް:އަދުރޭ

މިހާރު ފަށަން ތައްޔާރުވަނީ ވެރިކަމާ ހަވާލުވުމުގެ މަސައްކަތް: އަބްދުއްރަހީމް

18 ޖޫން 2023

އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިހާރު ފަށަން ތައްޔާރު ވަނީ ވެރިކަމާ ހަވާލުވުމުގެ މަސައްކަތް ކަމަށާއި މި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އިތުރު ކަންކަން ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށް ޕީޕީއެމް ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިހާރު ފަށަން ތައްޔާރު ވަނީ ވެރިކަމާ ހަވާލުވުމުގެ މަސައްކަތް ކަމަށާއި މި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އިތުރު ކަންކަން ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށް ޕީޕީއެމް ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.

"މި ސަރުކާރުގައި ހުރި ކޮރަޕްޝަނާއި ނޭއްގާނީ ކަންތައްތައް ދެނެގަތުމުގެ މަސައްކަތް ފަށަން މިހާރު ޕީޕީއެމުން ތައްޔާރުވަމުން ދަނީ. ހިމޭނަކުންނެއް ދެނެއް ނުތިބެވޭނެ މުއައްސަސާތަކަށް. އެ ޖާގަ އަޅުގަނޑުމެންނެއް ނުދޭނަން. ފިނި ކޮޓަރީގައި މަޑުމައިތިރިކަމާ އެކު ތިބެގެން ސަރުކާރު ދަވާލާކަށް ދެން ޖާގަ ނުދޭނަން،" އިދިކޮޅުގެ ޖަގަހަ ޖަލްސާގައި އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވިގޮތުގައި މި އަހަރުގެ ރިޔާސީ އިންތިހާބު ބާއްވާ ސެޕްޓެމްބަރު 9 އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސީ ހަޔާތް ނިމުމުގެ ސިއްކަ ޖަހާ ދުވަހެވެ.

އިއްޔެ ބޭއްވި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 11 ދާއިރާއެއްގެ ބައި އިލެކްޝަންގެ ތެރެއިން 8 ދާއިރާއެއް ޕީޕީއެމަށް ކާމިޔާބުވުމުން އޭގެ އަލީގައި އޭނާ ވިދާޅުވީ މާޔޫސްވާން އަދި ކައިރި ވެސް ނުވާ ކަމަށެވެ. އިއްޔެގެ ނަތީޖާ އިން ސަރުކާރަށް ދިން ފިލާވަޅަކީ ހަރުދަނާ ސިޔާސީ ބޭފުޅެއްގެ ފަހަތުގައި ސާބިތުވެ ބަޔަކު ތިބި ކަން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށްޓަކައި ކުރާ އުންމީދެއް އެބައޮތްކަން އެ ނަތީޖާ އިން ސާފު ކަމަށް ވިދާޅުވި އެވެ.

"އެ މަނިކުފާނުގެ ޒައާމަތުގައި މި ގައުމަށް ކޮށްދެއްވި ހިދުމަތް ބަލައިގަންނަ ދިވެހި ރައްޔިތުން މި ގައުމުގައި އެބަތިބިކަން. އެ ޒައާމަތު އަލުން ތަކުރާރުވާން ބޭނުންވާ ދިވެހި ރައްޔިތުންތަކެއް އެބަތިބިކަން،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.

މި 80 ދުވަހު އަހަންވީ ޕީޕީއެމުން ދައްކާ ވާހަކަތައް އެކަނި!

އަބްދުއްރަހީމް ވިދާޅުވީ، ޔާމީން 11 އަހަރަށް ޖަލަށް ލާފައިވާއިރު، ޕީޕީއެމާ ދެކޮޅު ޕާޓީތަކުން އެންމެ ބޮޑަށް ކުރާނެ ކަމަކީ ޕީޕީއެމް ބައިބައި ކުރުން ކަމަށެވެ. ފިތުނަ ފަސާދަ އުފެއްދުމެވެ. އެހެންވެ، ޕީޕީއެމްގެ މެމްބަރުން ކުރަންވީ ކަމަކީ ތަފާތު ޕޯޑިއަމްތަކުގައި ތަފާތު މީހުން އެ ދައްކާ ވާހަކަތަައް އަޑުނޭހުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ތަފާތު ހުވަފެންތައް ދައްކަން އުޅޭނެ. އަޅުގަނޑުމެން ކުރަންވީ ކަމަކީ އެ ހުވަފެންތައް ބަލަން ނުުނިދާންވީ. އެ ހުވަފެނުގައި އެއްވެސް ކަހަލަ ހަގީގަތެއް ނޯންނާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން މި އޮތް 80 ވަރަކަށް ދުވަހު ތިޔަބޭފުޅުން ކަތްފަތް ދެއްވަން ވީ ހަމައެކަނި ޕީޕީއެމުން ދައްކާ ވާހަކަ އަޑުއަހަން. އިތުރު އެއްވެސް ބަޔަކު ދައްކާ ވާހަކަ އަޑުއަހާނެ ކަމެއް ނެތް. އެ މީހުންނަށް [ސަރުކާރާއި އެމްޑީޕީ] އެބަ އެނގޭ މާ ބޮޑު ތަނުން ބަލިވާނެކަން.

އަބްދުއްރަހީމް ވިދާޅުވިގޮތުގައި ޕީޕީއެމް/ޕީއެންސީ އަބަދުވެސް އޮންނާނީ ޔާމީނާ އެކު އެވެ. ބަލިވާނީ އެ ކަން ބަދަލުކުރަން އުޅޭ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ އަށް ވުރެ މާ ވަރުގަދަ އަށް މާ ސާބިތުކަމާ އެކީގައި އަޅުގަނޑުމެން އެންމެން، އަޅުގަނޑުމެން ދެ ޕާޓީގެ އާންމު މެމްބަރުންނާއި ދެ ޕާޓީގެ ލީޑަޝިޕް މި ތިބީ ރައީސް ޔާމީނާ އެކު، އެ މަނިކުފާނަށް މި ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދޭން ތައްޔާރަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރޭ ވެސް އަބްދުއްރަހީމް ވިދާޅުވީ، ޔާމީންގެ ނަންފުޅު ވޯޓު ކަރުދާސްގައި އޮންނާނެ ކަމަށެވެ. އެ ކަމާ މެދު އެއްވެސް ސުވާލެއް ނެތް ކަމަށް ވިދާޅުވި އެވެ.

އަޅުގަނޑުމެން މި އަންނަނީ ޝަރުއީ ނިޒާމު މިނިވަން ކުރަން ވެގެން. ދިވެހި ރައްޔިތުންގެ އިތުބާރު އޮތް ޝަރުއީ ނިޒާމެއް ގާއިމުކުރަން މި އަންނަނީ. އެ ކަން ކުރުމުގެ ގާބިލްކަން ހުރި ހަމައެކަނި ބޭފުޅަކީ ރައީސް ޔާމީންކަން އެނގެނީ އެ މަނިކުފާނުގެ ޒައާމަތުގައި ހިނގައިދިޔަ ކަންތައްތަކުން. ގާނޫނު ތަންފީޒު ކުރުމުގައި ނުބައްލަވާ ކުޑައެއް ބޮޑެއް. ގާތް މީހެއް، ދުރު މީހެއް. މަގާމަކަށް ނުބައްލަވާ.--- އަދުރޭ

"އަޅުގަނޑުމެންގެ ގާނޫނީ ޓީމުން ކުރަމުން އެ ގެންދާ ބުރަ މަސައްކަތާއި ތިޔަ ހުރިހާ ބޭފުޅުންގެ ހިތްވަރުގަދަ ރައްޔިތުންގެ ބުރަ މަސައްކަތާއި އަދި ދިވެހި ރައްޔިތުންގެ ހެޔޮދުއާއާ އެކީގައި އިރާދަކުރެއްވިޔާ ރައީސް އަބްދުﷲ ޔާމީން މި ގައުމުގެ ވެރިކަމަށް ވަޑައިގަންނަވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމަކީ މިހާރު ހުންގާނު ނެތް ދޯންޏެއް ފަދަ ޕާޓީއެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ވެސް އޭނާ ރައްދު ދެއްވި އެވެ. ވިދާޅުވީ، އިއްޔެގެ ބައި އިލެކްޝަންގެ ނަތީޖާ އިން އެނގުނީ އެ ގޮތަށް ދަތުރުކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ "އޮޑި" ކަން ކަމަށެވެ.

"ޕީޕީއެމް ދަތުރުކުރަނީ ޕީޕީއެމް ދަތުރުކުރާ އަމާޒު އެނގިގެން. އަމާޒަށް ދަތުރުކުރަމުން މި ދަނީ. އެހެންވީމާ 11 ބައި އިލެކްޝަންގެ ތެރެއިން 8 ބައި އިލެކްޝަން ރައީސް ޔާމީން ކާމިޔާބު ކުރެއްވީ. އަޅުގަނޑުމެންނަކަށް ނޯޅޭ އަޅުގަނޑުމެންގެ މިސްރާބެއް. އަޅުގަނޑުމެންނަށް އެބަ އެނގޭ އަޅުގަނޑުމެން ދަތުރުކުރާ އަމާޒު. އަޅުގަނޑުމެން ދަތުރު މި ކުރަނީ ޔަގީންކަމާ އެކު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަމާންކަމުގެ އައްސޭރި އަށް، ސީދާ މިސްރާބަށް ދަތުރުކޮށްފައި ރައީސް ޔާމީންގެ އަމާޒު ޔަގީން ކުރަން މި ތިބީ."

އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމްގެ އެންމެ ބޮޑު އަމާޒަކީ ގާނޫނީ ވެރިކަމެއް ކުރުން ކަމަށާއި ގާނޫނުތައް ތަންފީޒު ކުރުމުގައި "ކުޑައެއް، ބޮޑެއް" ނުބެލުން ކަމަށެވެ.

"އަޅުގަނޑުމެން މި އަންނަނީ ޝަރުއީ ނިޒާމު މިނިވަން ކުރަން ވެގެން. ދިވެހި ރައްޔިތުންގެ އިތުބާރު އޮތް ޝަރުއީ ނިޒާމެއް ގާއިމުކުރަން މި އަންނަނީ. އެ ކަން ކުރުމުގެ ގާބިލްކަން ހުރި ހަމައެކަނި ބޭފުޅަކީ ރައީސް ޔާމީންކަން އެނގެނީ އެ މަނިކުފާނުގެ ޒައާމަތުގައި ހިނގައިދިޔަ ކަންތައްތަކުން. ގާނޫނު ތަންފީޒު ކުރުމުގައި ނުބައްލަވާ ކުޑައެއް ބޮޑެއް. ގާތް މީހެއް، ދުރު މީހެއް. މަގާމަކަށް ނުބައްލަވާ،" އޭނާ ވިދާޅުވި އެވެ.

އަޅުގަނޑު ދަންނަވާލަން ބޭނުން މި އޮތް 80 ވަރަކަށް ދުވަހު ތިޔަބޭފުޅުން ކަތްފަތް ދެއްވަން ވީ ހަމައެކަނި ޕީޕީއެމުން ދައްކާ ވާހަކަ އަޑުއަހަން. އިތުރު އެއްވެސް ބަޔަކު ދައްކާ ވާހަކަ އަޑުއަހާނެ ކަމެއް ނެތް.--- އަދުރޭ

އޭގެ ހެއްކެއްގެ ގޮތުގައި އަބްދުއްރަހީމް ނެންގެވީ އެމްއެމްޕީއާރުސީގެ ހިޔާނާތެވެ. އޭނާ ވިދާޅުވީ، އެ ހިޔާތް ބެލުމުގައި ޔާމީނަށް ނުހައްގުން އަނިޔާކުރުން ނޫން އެހެން ކަމެއް މި ސަރުކާރަށް ނުކުރެވޭ ކަމަށެވެ. މިހާތަނަށް އެމްއެމްޕީއާރުސީގެ މައްސަލަ ބެލި ވަރަކަށް ބެލީ ޔާމީން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެ މަނިކުފާނުގެ ނައިބު ރައީސްކަމުގެ މަގާމުގައި ނޫންތޯ އަހުމަދު އަދީބު އޭރު ހުންނެވީ. ހުއްޓާ ނޫންތޯ މައްސަލަ ބެލީ. މި ސަރުކާރުން އައިސް މި ކުރި ކަމަކީ މި ހުރިހާ ލާރިއެއް ޕަކަޅާ ކޮށްލީ. މި ހުރިހާ ވައްކަމެއް ކުރި، ހިޔާނާތްތެރިވި މި ބުނާ މުއްލާ، އަހުމަދު އަދީބު، އޭނާ އާއި އޭނާގެ ބައިވެރިޔާ އަބްދުﷲ ޒިޔަތު ގެނެސް ފިނި ކޮޓަރީގައި ބައިތިއްބާފައި ރައީސް ޔާމީން ގެންގޮސް ހުރަގެ އަށް ލީ،" އޭނާ ވިދާޅުވި އެވެ.

އޭގެ ނަތީޖާއަކީ އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ވެރިކަމުގައި ހުންނެވި ދުވަސްވަރަށް ވުރެ ބޮޑަށް ޔާމީންގެ ތާއީދު ބޮޑުވުމެވެ. އެ ތާއީދު އިތުރުވީ މި ސަރުކާރުގެ "ވިޔާނުދާ" ކަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ސަރުކާރުގެ ގޮތެއްފޮތެއް ނެތީމާ. ވެރިކަން ކުރަން ނޭނގުނީމާ. އަނިޔާވެރިވީމާ. ގައުމަށް ޣައްދާރުވީމާ. ވައްކަން ކުރީމާ،" ޔާމީންގެ ތާއީދު އިތުރުވި ސަބަބުތަކަށް އަލިއަޅުވާލައްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޕީޕީއެމުން ވެރިކަމާ ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ ކުރާނެ ކަމަކީ "ވަގުންގެ" ޕާސްޕޯޓް ހިފެހެއްޓުން ކަމަށެވެ. ރޭގެ ޖަލްސާގައި އަޑަށް ބާރު ލައްވާފައި އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރުގައި ތިބެ ވައްކަން ކުރި މީހުންނަށް ގާނޫނީ އިމުގެ ތެރެއިން ހައްގު އަދަބު ދޭނެ ކަމަށާއި ފިލުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

"ގާނޫނު އަރާ ހަމަކުރާނެ؛ ރައީސް ޔާމީނަށް އެ ކަން ކުރަން ކެރިވަޑައިގަންނަވާނެ. ކުރާނެ ގޮތް އެނގިވަޑައިގަންނަވާނެ. ގާނޫނުން ބޭރަށް ވަޑައެއް ނުގަންނަވާނެ. އެ ކަން ކުރަން މި އަންނަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.