Roadha Mihaaru
އިންތިހާބުގެ ހަމަހަމަކަން ފަރެސްމާތޮޑާއިން ފެނޭ: ރައީސް

އިންތިހާބަށް ހަމަހަމަ ފުރުސަތު އޮތްކަން ފަރެސްމާތޮޑާ އިން ފެނޭ: ރައީސް

09 އޯގަސްޓް 2023

އަންނަ މަހުގެ ރިޔާސީ އިންތިހާބަށް ހުރިހާ ޕާޓީއަކަށް ވެސް ހަމަހަމަ ފުރުސަތު އޮތްކަން ގދ. ފަރެސްމާތޮޑާ އިން މިއަދު ފެނިއްޖެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ގދ. ފަރެސްމާތޮޑާއިން އިފްރާޒް އަލީ

އަންނަ މަހުގެ ރިޔާސީ އިންތިހާބަށް ހުރިހާ ޕާޓީއަކަށް ވެސް ހަމަހަމަ ފުރުސަތު އޮތްކަން ގދ. ފަރެސްމާތޮޑާ އިން މިއަދު ފެނިއްޖެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އެ ގޮތަށް ވިދާޅުވީ، އެމްޑީޕީއާ އެންމެ ވާދަވެރި ޕީޕީއެމް/ޕީއެންސީން ނެރޭ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާގެ ބޭފުޅެއް ކަމަށްވާ އަދި މި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ހަމަޖައްސާފައި ވިޔަސް ފަރެސްމާތޮޑާ އިން ރައީސަށް ހޫނު މަރުހަބާއެއް ކިޔުމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިނަށް ގދ. ފަރެސްމާތޮޑާއަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިނަށް ގދ. ފަރެސްމާތޮޑާއަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅުގައި ފަރެސްމާތޮޑާގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މެމްބަރު ހުސެއިން މުހައްމަދު ލަތީފަކީ އެ މަނިކުފާނުގެ ވަރަށް ގާތް އެކުވެރިއެއް ކަމަށެވެ. އޭނާއާ މިހާރު ވެސް ވާހަކަފުޅު ދައްކަވައި އުޅުއްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު އެ ބޭފުޅާ އަށް މަރުހަބާ ދަންނަވަން. އަޅުގަނޑުގެ އެދުމަކީ ކުރިއަށް މި އޮތް ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ވާދަވެރި އިންތިހާބެއް މި ރަށުގައި، މަސްލަހަތު ނުގެއްލޭ ގޮތަށް މިކަން ކުރިއަށް ގެންދިއުމަށް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިނަށް ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ބަޔަކު ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިނަށް ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ބަޔަކު ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އަޅުގަނޑަށް ފަރެސްމާތޮޑާ އިން އެކަން، އެ މަންޒަރު އެބަ ފެނޭ. ސިޔާސީ ހަރަކާތް ހިންގުމަށް ހުރިހާ ޕާޓީއަކަށް އެ ޖާގަ އޮތް ތަން،" މިދިޔަ ދައުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު މަޖިލިހުގައި މަސައްކަތް ކުރެއްވި ހުސައިން މުހައްމަދު ލަތީފަށް ތައުރީފު ކުރައްވަމުން ވިދާޅުވި އެވެ.

ގދ. އަތޮޅުގެ އެހެން ބައެއް ރަށްރަށުގައި އިއްޔެ ބޭއްވި ޖަލްސާތަކުގައި ވެސް ރައީސް ވަނީ މި ރިޔާސީ އިންތިހާބުގައި ހުރިހާ ޕާޓީއަކަށް ހަމަހަމަ ފުރުސަތު އޮތް ކަމަށް ވިދާޅުވެފަ އެވެ. މަސްލަހަތު ނަގާ ނުލައި، ހަމަނުޖެހުން ހިންގުމަށް ފުރުސަތު ނުދީ، ވާދަވެރި ކެމްޕެއިނެއް ހިންގުމަށް ވެސް އެ މަނިކުފާނު އެދިވަޑައިގެންފައި ވެ އެވެ.