Roadha Mihaaru
މެޖޯރިޓީ އޮތް ރަށްތަކެއް ޕީޕީއެމަށް ގެއްލިއްޖެ: ރައީސް

ފިކުރުގެ ތަފާތެއް ނުކުރަން, ނަތީޖާއަކީ މެޖޯރިޓީ އޮތް ރަށްތަކެއް ޕީޕީއެމަށް ގެއްލުން: ރައީސް

30 އޯގަސްޓް 2023

ހިދުމަތް ދިނުމުގައި ސިޔާސީ ފިކުރަކަށް ނުބެލުމުގެ ނަތީޖާ ފެނިވަޑައިގެންފި ކަމަށާއި ޕީޕީއެމަށް މެޖޯރިޓީ އޮތް ރަށްތަކެއް އެ ޕާޓީއަށް ގެއްލިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހިދުމަތް ދިނުމުގައި ސިޔާސީ ފިކުރަކަށް ނުބެލުމުގެ ނަތީޖާ ފެނިވަޑައިގެންފި ކަމަށާއި ޕީޕީއެމަށް މެޖޯރިޓީ އޮތް ރަށްތަކެއް އެ ޕާޓީއަށް ގެއްލިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.

ކެމްޕޭނަށް ތ އަތޮޅާއި ލ. އަށް ވަޑައިގަތުމަށް ފަހު އެންމެ ފަހު ރަށެއްގެ ގޮތުގައި ފޮނަދުއަށް ވަޑައިގެން ރޭ ވިދާޅުވީ 2018ގެ ކެމްޕޭންގައި އެމަނިކުފާނު އެ ރަށަށް އަރާވަޑައިގަތުމަށް އޭރުގެ ޕީޕީއެމްގެ ސަރުކާރުގެ އިސް ބޭފުޅުން ހުރަސްއެޅުއްވި ކަމަށެވެ. އެކަމަކު ވެސް ރައްޔިތުންނާ ބައްދަލުކުރެއްވި ކަމަށާއި މި ވެރިކަމުގައި ޕީޕީއެމްގެ މެޖޯރިޓީ އޮންނާތީ ވަކި ރަށަކަށް ތަފާތު ކުރައްވާފައި ނޯންނާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އޭގެ ނަތީޖާ ވެސް އެމަނިކުފާނަށް ފެނިވަޑައިގަތީ ރަނގަޅަށެވެ.

ފޮނަދޫ ޖަލްސާގައި ސަޕޯޓަރުންތަކެއް ބައިވެރިވަނީ. -- ފޮޓޯ | އެމްޑީޕީ

ފޮނަދޫ ޖަލްސާގައި ސަޕޯޓަރުންތަކެއް ބައިވެރިވަނީ. -- ފޮޓޯ | އެމްޑީޕީ

އެމަނިކުފާނު ވިދާޅުވީ ދެ ވަނަ ދައުރަކަށް ކެމްޕޭން ފެއްޓެވި އިރު ރާއްޖޭގެ 187 ރަށުގެ ތެރެއިން ޕީޕީއެމަށް 59 ރަށެއްގެ މެޖޯރިޓީ އޮތް ކަމަށެވެ. އެކަމަކު އެކަން މިހާރު ބަދަލުވެފައިވާ ކަމަށް ވިދާޅުވި އެވެ.

"މިހާރު އޭގެތެރެއިން 7-8 ރަށުގެ މެޖޯރިޓީ އެ ބޭފުޅުންނަށް ގެއްލިއްޖެ. އަޅުގަނޑު މި ދަންނަވާ ވާހަކައަކީ އަޅުގަނޑުމެންގެ ތަރައްގީގެ މި މަޝްރޫއުތައް ރަށްރަށުގައި ކުރިއަށް ގެންދިއުމުގައި އަޅުގަނޑުމެން ނުބަލަން އެއަކަށް [ސިޔާސީ ފިކުރަކަށް]," ރަށްތަކުގެ ތަފްސީލު ނުދެއްވައި ރައީސް ވިދާޅުވި އެވެ.

"ކޮންމެ ބައެއްގެ މެޖޯރިޓީ އޮތް ކައުންސިލަކަށް ވިޔަސް ރައްޔިތުންނަށް ކޮށްދޭން ޖެހޭނެ ކަންކަން ކޮށްދޭނެ ޖެހޭ ކަމަށް ދެކެން."

ރައީސް ވިދާޅުވި ގޮތުގައި ހިދުމަތްތައް ފޯރުކޮށްދިނުމުގެ ތަރުތީބުގައި އިސްކަންދެނީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކަކަށް ނޫނެވެ. ކައުންސިލްތަކާ އެމަނިކުފާނު ބައްދަލުކުރައްވަނީ ވެސް އެއީ ކޮން ޕާޓީއަކަށް ތާއީދު އޮތް ކައުންސިލެއްތޯ ބަލާފައި ނޫން ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ އިހްސާސްތައް ރަށްރަށުގެ އިހްސާސްތައް ވަރަށް ގާތުން އެނގޭ. ވަރަށް ސާފުކޮށް އެނގޭ. އޮޕޮޒިޝަނުން ވިސްނާ ގޮތާއި އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރަށްރަށާއި އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކުގެ ވިސްނުން ހުންނަ ގޮތް އެނގޭ އަޅުގަނޑަށް," ރައީސް ވިދާޅުވި އެވެ.

"ކަންތައްތައް ނިންމުމުގައި ދެ ފަރާތުގެ ވިސްނުން ލިބުނީމަ އަޅުގަނޑަށް ވަރަށް ފަސޭހަ ކަންކަން ނިންމަން. ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަންވެގެންދާނީ އަޅުގަނޑުމެންނާ ހިޔާލު އެއްގޮތް ފަރާތްތަކާއި ހިޔާލު ތަފާތުވާ މީހުންގެ މަޝްވަރާއާ އެކު."