Roadha Mihaaru
ޑިމޮކްރެޓްސްގެ ރައީސް ކަމަށް އަމްރު ވާދަކުރައްވަނީ

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބު ޑިސެންބަރުގައި، ރައީސް ކަަމަށް އަމްރު ވާދަކުރައްވަނީ

23 ސެޕްޓެމްބަރ 2023

އަންނަ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހު ބާއްވަން ފާސްކުރި ދަ ޑިމޮކްރެޓްސް ޕާޓީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް ކަމަށް، ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވި ހުސެއިން އަމްރު ކުރިމަތިލައްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އަންނަ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހު ބާއްވަން ފާސްކުރި ދަ ޑިމޮކްރެޓްސް ޕާޓީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް ކަމަށް، ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވި ހުސެއިން އަމްރު ކުރިމަތިލައްވައިފި އެވެ.

މިއަދު އޮތް އިންޓެރިމް ކައުންސިލް ބައްދަލުވުމަށް ފަހު، އަމްރު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، އިންތިހާބު އިއުލާނު ކުރުމުން ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށެވެ.

ރައީސް ކަމަށް ވާދަކުރައްވާނެކަން އަމްރު އިއުލާނު ކުރައްވާފައިވާއިރު، އެނގިފައިވާ ގޮތުގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބާއި ވަގުތީ ޗެއާޕާސަން ވެސް ވަނީ އެ މަގާމަށް ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.

އެ ޕާޓީން މިއަދު ހަވީރު ބޭއްވި އިންޓެރިމް ކައުންސިލް ބައްދަލުވުމުގައި ޑިސެންބަރު މަހަށް އިންތިހާބު ފަސްކޮށްލުމަށް ހުށަހެޅުއްވީ ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމް އެވެ. މެދުހެންވޭރު ދާއިރާގެ މެންބަރުކަން ކުރައްވާ އާޒިމް ވިދާޅުވީ، ނިޒާމީ ވޯޓަށް ވެސް މަސައްކަތްތަކެއް ކުރަން ހުރިއިރު، އެތެރޭގެ އިންތިހާބަށް އިތުރު ހިޔަންޏެއް އެޅެން އެދިވަޑައިނުގަންނަވާ ކަމަށެވެ.

އާޒިމްގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވައި ވާހަކަ ދެއްކެވި އިތުރު ކައުންސިލް މެންބަރުން ވެސް ވަނީ މިވަގުތު ނިޒާމީ ވޯޓަށް ބޮޑު ފޯކަސްއެއް ދޭން ޖެހޭ ކަން ފާހަގަކުރައްވައިފަ އެވެ. އަދި، އެތެރޭގެ އިންތިހާބުގެ ތެރެއިން ޕާޓީގެ މެމްބަޝިޕް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަން ވެސް މެންބަރުން ފާހަގަކުރެއްވި އެވެ.

"ނިޒާމީ ވޯޓު އެއީ ރާއްޖޭގެ މުސްތަގްބަލް ކަނޑައަޅާނެ އިންތިހާބަކަށް ވެގެން ދާނެ. އެހެންވީމާ މުޅި ފޯކަސް އެއްކޮށް ހުންނަން ޖެހޭ އެ އިންތިހާބަށް. އަދި ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރި ވަރަށް ވުރެ ދެ ގުނަ ބޮޑުކޮށް އެ އިންތިހާބަށް މަސައްކަތް ކުރަން ޖެހޭ،" އަމްރު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައިވާ ގޮތުން ޕާޓީ ރެޖިސްޓްރީ ކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި އެތެރޭގެ އިންތިހާބެއް ބާއްވައި މަގާމުތަކަށް މީހުން ކަނޑައަޅަން ޖެހެ އެވެ.

ޑިމޮކްރެޓްސް ރެޖިސްޓްރީކޮށްފައި ވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހު އެވެ. ގާނޫނުގައިވާ ގޮތުންނަމަ އެ ޕާޓީގެ އިންތިހާބު އަންނަ މަހު 12 ގެ ކުރިން ބާއްވަން ޖެހޭނެ އެވެ. ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އިންތިހާބު ބާއްވާނެ ތާރީހެއް ނިންމަން ޖެހޭނީ އެކަން އެނގިތިބެ ކަމަށެވެ.

"ޖޫރިމަނާއެއް އޮންނަނީ މަގާމުތަކަށް މީހުން އައްޔަން ނުކޮށްފިނަމަ އެ މުއްދަތު ތެރޭގައި. ޖޫރިމަނާ ނުދައްކައިފިނަމަ ދެން ވާނެ ގޮތް ވެސް އޮވޭ، އެއީ ސިޔާސީ ޕާޓީތަކަށް ފައިސާ ދޭއިރު އެބައި އުނިކުރުން،" ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ ގޮތް ނިންމުމުގައި ނިންމަން ޖެހޭނީ ޕާޓީއަށް ސިޔާސީ ގޮތުން އެންމެ ފައިދާ ވާ ގޮތަށް ކަމަށެވެ. އަލީ އާޒިމް ވަނީ، ދައްކަން ޖެހޭ ޖޫރިމަނާ ދައްކައިގެން ނަމަވެސް އިންތިހާބު ފަސްކޮށްލަން އެދިވަޑައިގެންފަ އެވެ.

މި ތާރީހުގައި އެތެރޭގެ އިންތިހާބު ބާއްވަން ފާސްކޮށްފައިވަނީ ކައުންސިލްގެ 31 މެންބަރުންގެ އިއްތިފާގުންނެވެ. ހަސަން ލަތީފް ވިދާޅުވީ، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ އެ ތާރީހާ ކައިރި ކޮށްފައި ކަމަށެވެ.