Roadha Mihaaru
މައްސަލަތަކުގެ ވާހަކަ ދައްކަވަން އަމްރު ބޭނުމެއް ނޫން!

އަމްރު ވިދާޅުވީ އިންތިހާބުގެ މައްސަލަތަކުގެ ވާހަކަ ނުދައްކަވާނެ ކަަމަށް!

04 ޑިސެމްބަރ 2023

ޑިމޮކްރެޓްސްގެ އިންތިހާބުގައި މައްސަލަތައް ހުރިކަން އެނގިވަޑައިގަތަސް އެކަމާ ދެން ވާހަކައެއް ނުދައްކަވާނެ ކަމަށް، އެ ޕާޓީގެ ރައީސްކަމަށް ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތް ހުސެއިން އަމްރު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޑިމޮކްރެޓްސްގެ އިންތިހާބުގައި މައްސަލަތައް ހުރިކަން އެނގިވަޑައިގަތަސް އެކަމާ ދެން ވާހަކައެއް ނުދައްކަވާނެ ކަމަށް، އެ ޕާޓީގެ ރައީސްކަމަށް ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތް ހުސެއިން އަމްރު މިއަދު ވިދާޅުވެއްޖެ އެވެ.

މުޅި ރާއްޖޭގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބު ނިމުނުތާ 24 ގަޑިއިރު ފަހުން، ޑިމޮކްރެޓްސް އިން ވަނީ އެ ޕާޓީގެ އެތެރޭގެ ފުރަތަމަ އިންތިހާބުގެ ވަގުތީ ނަތީޖާ ރޭ އިއުލާންކޮށްފަ އެވެ. ނަމަވެސް، ޕާޓީގެ ރައީސްކަމަށް ވާދަކުރެއްވި އަމްރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވެސް ވަނީ އެ އިންތިހާބު ކާމިޔާވިކަން އޭގެ ކުރިން ހާމަކޮށްފަ އެވެ.

އެކަމަކު، ނަތީޖާ އިއުލާންކުރުން ލަސްވެ، އެހެން ގޮތަކަށް ނަތީޖާ އަތުވެއްޖެ ނަމަ ގަބޫލުކުރަން ދަތިވާނެ ކަމަށް އަމްރު ވިދާޅުވެފައިވަނިކޮށް، ޑިމޮކްރެޓްސް އިން ވަނީ ހަސަން ލަތީފު މޮޅުވިކަން ރޭ އިއުލާނުކޮށްފަ އެވެ.

އެކަމާ ގުޅިގެން އަމްރު "މިހާރު" އަށް ވިދާޅުވީ ވޯޓުގައި މައްސަލަތަކާއި ތަފާތުތަކެއް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް، އެ މައްސަލަތައް ނުޖައްސަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑިމޮކްރެޓްސް އަކީ ވަރަށް ގިނަ ބަޔަކު ވެގެން އުފެއްދި ޕާޓީއެއް. ޕާޓީ ކުރިއަށް ދާން ޖެހޭނެ." އަމްރު ވިދާޅުވި އެވެ.

އޭގެ ފަހުން އަމްރު ކުރެއްވި ޓްވީޓުގައި ވިދާޅުވި ގޮތުގައި ޑިމޮކްރެޓްސް އަކީ ވަރަށް ގިނަ ބައެއްގެ އުއްމިދާ ގުޅިފައިވާ ޕާޓީއެކެވެ. ޕާޓީ ހަރުދަނާކޮށް ހަލުއިކޮށް ކުރިއަށް ދާންޖެހޭ ކަމަށް ވިދާޅުވެ، އޭނާ ވަނީ އެ އިންތިހާބު ކާމިޔާބު ކުރި މީހުންނަށް، އެ ޒިންމާ އުފުލުމުގައި ކާމިޔާބަށް އެދިވަޑައިގެންފަ އެވެ.

ޕާޓީގެ ރައީސް ހޮވުމަށް ވޯޓު ލާފައިވަނީ ޖުމްލަ 3029 މެންބަރުންނެވެ. ހަސަން އަށް 1704 ވޯޓު އަދި އަމްރު އަށް 1،300 ވޯޓު ލިބިވަޑައިގެންނެވިއިރު، 25 ވޯޓެއް ބާތިލްވެފައިވާ ކަމަށް، ޑިމޮކްރެޓްސްގެ އިންތިހާބީ ކޮމިޓީގެ ޗެއާ، އަލީ އާޒިމް ރޭ ވިދާޅުވި އެވެ.