Roadha Mihaaru
ނަތީޖާ ގަބޫލުކުރުމާ މެދު ސުވާލު އުފެދިފައި!

އެހެން ގޮތަކަށް ނަތީޖާ އަތުވެއްޖެ ނަމަ ގަބޫލުކުރަން ދަތިވާނެ: އަމްރު

03 ޑިސެމްބަރ 2023

އެތެރޭގެ އިންތިހާބުގެ ވޯޓުލުން ނިމުނުތާ 24 ގަޑިއިރުވާން ކައިރިވާއިރު ވެސް ނަތީޖާ އިއުލާން ނުކޮށް، އެހެން ގޮތަކަށް ނަތީޖާ އަތުވެއްޖެ ނަމަ ގަބޫލުކުރަން ދަތިވާނެ ކަމަށް، ޑިމޮކްރެޓްސް ޕާޓީގެ ރައީސްކަމަށް ވާދަކުރެއްވި ހުސައިން އަމްރު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެތެރޭގެ އިންތިހާބުގެ ވޯޓުލުން ނިމުނުތާ 24 ގަޑިއިރުވާން ކައިރިވާއިރު ވެސް ނަތީޖާ އިއުލާން ނުކޮށް، އެހެން ގޮތަކަށް ނަތީޖާ އަތުވެއްޖެ ނަމަ ގަބޫލުކުރަން ދަތިވާނެ ކަމަށް، ޑިމޮކްރެޓްސް ޕާޓީގެ ރައީސްކަމަށް ވާދަކުރެއްވި ހުސައިން އަމްރު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ދެފަޅިވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރާ ބަޔަކާ އެކު، މިދިޔަ ޖުލައި މަހު އުފެއްދި ޑިމޮކްރެޓްސްގެ އެކި މަގާމުތަކަށް މީހުން އިންތިހާބުކުރަން ވޯޓުލުން ބޭއްވީ އިއްޔެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

ޑިމޮކްރެޓްސްގެ ރައީސްގެ އިތުރުން ޕާޓީގެ އިސް މަގާމުތަކަށް ވެސް މީހުން އިންތިހާބުކުރި އެވެ. އެކަމަކު، އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ޕާޓީގެ ރައީސަށެވެ. އެ މަގާމަށް ކުރިމަތިލެއްވީ އަމްރުގެ އިތުރުން، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.

އެންމެންގެ ވެސް އުންމީދުކުރީ ވަގުތީ ނަތީޖާ އަވަހަށް ލިބުމަށް ކަމަށް ވިޔަސް ޑިމޮކްރެޓްސްގެ މީޑިއާ ގްރޫޕަށް، އެ ޕާޓީގެ އިސް މެމްބަރަކު ރޭ 9:45 ހާއިރު ފޮނުވި މެސެޖުގައި އޮތީ، ވަގުތީ ނަތީޖާ އިއުލާންކުރުން މިއަދަށް ފަސްކުރި ކަމަށް އިއުލާނުކުރި ކަމަށެވެ.

ނަމަވެސް، 6،000 އެއްހާ މީހުން ޝަރުތު ހަމަވާ އިންތިހާބެއްގެ ނަތީޖާ އިއުލާންކުރުން ލަސް ވަގުތެއް ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ. ރިޔާސީ އިންތިހާބުގައި ވެސް 200،000 އަށްވުރެ ގިނަ މީހުން ވޯޓުލިއިރު، އިންތިހާބު ކަށަވަރުކުރެއްވި ބޭފުޅަކު އެ ރޭ ޔަގީންވި އެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އަމްރު "މިހާރު" އަށް ވިދާޅުވީ، އިއްޔެގެ އިރުއޮއްސި ހައެއް ޖެހިއިރު ހުރިހާ ވޯޓެއް ގުނައި ނިންމާފައިވާ ކަމަށެވެ. ލިބުނު ވޯޓާއި ވޯޓުލާން ނުކުތް މީހުންގެ އަދަދު އޭނާ ހާމަނުކުރައްވައި ހުންނެވީ މަސްލަހަތު ގޯސްވެދާނެތީ ކަމަށާއި އެކަމަކު، އެ ނަތީޖާ އާއްމުނުކޮށް ދިގުލައިގެން ދިއުމަކީ ކަންބޮޑުވުމެއް ކަމަށް ވިދާޅުވި އެވެ.

ޕާޓީން ރަސްމީކޮށް ނަތީޖާ އިއުލާން ނުކުރިޔަސް، ހަސަނާއި އަމްރު ވަނީ އެ ދެ ބޭފުޅުން ވެސް ވަނީ އިންތިހާބުން މޮޅުވި ކަމަށް އިއުލާނުކޮށްފަ އެވެ.

އަމްރު ވިދާޅުވި ގޮތުގައި ފޮށިތަކަށް އޭނާ އޮބްޒާވަރުން ހަމަޖެއްސި އެވެ. އެ ފަރާތުން ދިން ނަތީޖާތަކުގައި ކުރީގައި އުޅުއްވަނީ އޭނާ ކަމަށް އަމްރު ވިދާޅުވި އެވެ. ކޮންމެ ފޮއްޓަކަށް ޕާޓީގެ އޮފީހުން އޮފިޝަލުން ބޭތިއްބި ކަމަށާއި ޝީޓުގައި ނަތީޖާ ނޯޓުކުރީ އެ އޮފިޝަލުން ކަމަށް ވެސް ވިދާޅުވި އެވެ.

"މިހާރު ވަރަށް ގިނައިރު ވެއްޖެ ދެއްތޯ މި ކަމެއް ހިނގައިގެން އުޅޭތާ. އަޅުގަނޑަކަށް ދެން އުނދަގޫ މިހާރު ގިނައިރު ވީމާ. އަޅުގަނޑުގެ އެބަހުރި ކޮންސާންސްތަކެއް." އަމްރު ވިދާޅުވި އެވެ.

މިހާ ލަސްވެގެންދާއިރު ނަތީޖާއާ މެދު ޝައްކުވާ ކަމެއް އޮތްތޯ އެހުމުން އެކަމަށް ސީދާ ޖަވާބެއް ނުދެއްވި އެވެ. ނަތީޖާގައި އޮޅުވާލުންތަކެއް ނުހުންނާނެ ކަމެއް ދަންނަވަން އެނގޭނީ ވެސް ފެންނަން އޮތް އެއްޗަކަށް ކަމަށް ވިދާޅުވި އެވެ.