Roadha Mihaaru
"ފުށިދިއްގަރު އުނިކޮށް ނައިބުގެ ވޯޓަށް ނުފޫޒު ފޯރުވި"

ފުށިދިއްގަރު ޕްރޮޖްކްޓް އުނިކޮށް ނައިބުގެ ވޯޓަށް ނުފޫޒު ފޯރުވަން އެ ފައިސާ ދާއިރާތަކަށް ބެހި: ދޮންބިލެތް

11 ޑިސެމްބަރ 2023

ބޯހިޔާވަހިކަމުގެ ހައްލަށް މި ސަރުކާރުން ފަށަން ނިންމާފައިިވާ ފުށިދިއްގަރު މަޝްރޫއު މި އަހަރުގެ ބަޖެޓުން އުނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހޮވުމުގެ ވޯޓަށް ނުފޫޒު ފޯރުވަން އެމްޑީޕީން ބައެއް ދާއިރާތަކަށް އެ ފައިސާ ބަހައި، ގިނަ ޕްރޮޖެކްޓް ހިމަނާފައިވާ ކަމަށް ބިލެތްދޫ ދާއިރާގެ އެ ޕާޓީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) މިއަދު ތުހުމަތު ކުރައްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ބޯހިޔާވަހިކަމުގެ ހައްލަށް މި ސަރުކާރުން ފަށަން ނިންމާފައިިވާ ފުށިދިއްގަރު މަޝްރޫއު މި އަހަރުގެ ބަޖެޓުން އުނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހޮވުމުގެ ވޯޓަށް ނުފޫޒު ފޯރުވަން އެމްޑީޕީން ބައެއް ދާއިރާތަކަށް އެ ފައިސާ ބަހައި، ގިނަ ޕްރޮޖެކްޓް ހިމަނާފައިވާ ކަމަށް ބިލެތްދޫ ދާއިރާގެ އެ ޕާޓީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) މިއަދު ތުހުމަތު ކުރައްވައިފި އެވެ.

އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަން ހައްލު ކުރުމަށް ދައުލަތުގެ އަންނަ އަހަރު ބަޖެޓްގައި ހިމެނި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ވަނީ އުނިކޮށްފަ އެވެ.

ސަބަބެއް ގޮތުގައި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުން ވިދާޅުވީ ސަރުކާރުން ގުޅިފަޅާއި ގިރާވަރުފަޅުން ބޯހިޔާވަހިކަން ދޭން ފަށާފައިވާ މަޝްރޫއުގެ އިތުރުން އަތޮޅު ތެރޭގެ ޕީއެސްއައިޕީއަށް އިސްކަންދޭން ކަމަށެވެ.

މަޖިލީހުގެ ތަޅުމުގައި ބަޖެޓު ރިޕޯޓަށް މިއަދު ބަހުސް ކުރައްވަމުން އެމްޑީޕީއަށް ތުހުމަތުތަކެއް ކުރައްވައި ހަލީމް ވިދާޅުވީ ބަޖެޓު އެކުލަވާލާފައި ވަނީ ބައެއް މެންބަރުން ޒާތީ ކަންކަން އިސްކުރައްވާފައި ކަމަށާއި ބަލައިނުގަނެވޭ އެތައް ކަމެއް ބަޖެޓުގައި ހުރި ކަމަށެވެ.

ބަޖެޓުން ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު އުނިކުރީ ޖުމްލަކޮށް ގައުމު ތަރައްގީކުރުމުގެ ވިސްނުމެއްގައި ނޫން ކަމަށާއި އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މަޖިލިސް ނައިބު ރައީސަކަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް އިންތިހާބުވި ވޯޓަށް ނުފޫޒު ފޯރުވަން ބަޖެޓުގައި ބައެއް ކަންކަން ހިމަނާފައިވެ އެވެ.

ހަލީމް ވިދާޅުވި ގޮތުގައި ފުށިދިއްގަރުފަޅު މަޝްރޫއު އުނި ކުރުމަށް ފަހު ކޮންމެ މެންބަރެއްގެ ދާއިރާއަށް ހަތް މިލިއަން ރުފިޔާ ކަނޑައެޅި އެވެ. ނަމަވެސް މަތިވެރި ދާއިރާ އަށް 18މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށާއި އަލަށް ފަށާ 23 މަޝްރޫއު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން މަގޫދޫ އެއާޕޯޓުގެ 70 ޕަސެންޓު ނިމިފައި އޮއްވައި އެއްކޮށް މަސައްކަތް ނިންމަން ބަޖެޓުގައި ފައިސާ ނުހިމަނައި ފަސް މިނެޓުން ދެވޭ ނިލަންދޫގައި އެއާޕޯޓު އަޅަން 40 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

"މަތިވެރި ދާއިރާއަށް 18 މިލިއަން ދިނުން ކުށްވެރި ކުރަން. ފުށިދިއްގަރު ފަޅުގެ 400 މިލިއަނުން ހަތް މިލިއަން ކޮންމެ މެންބަރަކަށް ބަހާލާފައި އޮތް އެއްޗެއް. މިހާރު އެއް ބޭފުޅަކަށް 18، އަނެއް ބޭފުޅަކަށް 19 މިލިއަން،" ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރެފި ނަމަ ބަޖެޓަށް ވޯޓު ދެއްވާނެ ކަމަށާއި ނަމަވެސް ވޯޓު ދޭނީ ބަޖެޓު ގަބޫލު ކުރާތީ ނޫން ކަމަށެވެ.

"މިއީ ދިވެހި ދައުލަތުގެ ބަޖެޓު ހަދާ ގޮތަށް ހަދާފައި އޮތް އެއްޗެއް ނޫން މިއީ ނައިބު ރައީސްގެ ވޯޓަށް ހަދާފައި އޮތް ބަޖެޓެއް،" ހަމީލް ވިދާޅުވި އެވެ.

ހަލީމް މި ތުހުމަތުތައް ކުރި އިރު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ ނައިބު ރައީސްގެ މަގާމަށް އިންތިހާބުކުރި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.