Roadha Mihaaru
ކުއްޖާގެ މަންމަ ހިފެހެއްޓީ ފުރަން އެއާޕޯޓުގައި ހުއްޓާ

ކުއްޖާގެ މަންމަ ހިފެހެއްޓީ ފުރަން އެއާޕޯޓުގައި ހުއްޓާ

03 ޑިސެމްބަރ 2023

އދ. ދިގުރަށުގެ ކުނިގޮނޑުން ފެނުނު ތުއްތު ކުއްޖާގެ މަންމަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރަން ގޮސް ހުއްޓާ މިއަދު ހިފަހައްޓައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އދ. ދިގުރަށުގެ ކުނިގޮނޑުން ފެނުނު ތުއްތު ކުއްޖާގެ މަންމަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރަން ގޮސް ހުއްޓާ މިއަދު ހިފަހައްޓައިފި އެވެ.

އެ މީހާ އެއާޕޯޓުން ހިފެހެއްޓިކަން ފުލުހުން ވަނީ "މިހާރު" އަށް ކަށަވަރުކޮށްދީފަ އެވެ.

އެނގިފައިވާ ގޮތުގައި އެއީ ދިގުރަށުގައި ހުންނަ ގެސްޓް ހައުސްއެއްގައި މަސައްކަތްކުރާ ސްރީ ލަންކާ އަންހެނަކު ވިހެއި ކުއްޖެކެވެ. އެ ކުއްޖާ އޮތީ ކުނި އުކަން ބޭނުންކުރާ ކަޅު ކޮތަޅެއްގެ ތެރޭގަ އެވެ. އެއީ ފޫޅު ވެސް ނުކަނޑާ އޮތް ކުއްޖެކެވެ.

ގޮނޑުން ފެނުނު ކުއްޖާގެ ހަށިގަނޑު މިހާރު އޮތީ އެ ރަށު ސިއްހީ މަރުކަޒުގަ އެވެ.

ފުލުހުން ކުރިން ބުނީ މި މައްސަލަ އެ އިދާރާ އަށް ރިޕޯޓްކުރީ މިއަދު ހެނދުނު ކަމަށެވެ. އޭރު އެ ކުއްޖާ މަރުވެފައިވާ ކަމަށް ކުއްޖާ ބެލި ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން، ތަހުގީގަށް ފުލުހުންގެ ޓީމެއް ވެސް އެ ރަށަށް ވަނީ ގޮސްފަ އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން "މިހާރު" އަށް މިއަދު ވިދާޅުވީ ކޮތަޅެއްގެ ތެރޭގައި އޮތް އެ ކުއްޖާ ފެނުނީ އެ ރަށު ކުނިގޮނޑުގައި މަސައްކަތް ކުރާ މުވައްޒަފަކު މަސައްކަތުގައި އުޅެނިކޮށް މިއަދު ހެނދުނު 8 ޖަހާކަށް ހާއިރު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ކުއްޖާ އޮތީ ރަށުގެ ގެތަކުންނާއި ގެސްޓް ހައުސްތަކުން ނެގި ކުނި ކޮތަޅެއްގެ ތެރޭގަ އެވެ. ނަމަވެސް އެއީ ސީދާ ކޮން ގެއަކުން ނުވަތަ ގެސްޓް ހައުސްއަކުން ނެގި ކޮތަޅެއް ކަމެއް ނޭނގެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުއްޖާ ފެނުނީ ކުނި ކޮތަޅުތައް ގޮނޑަށް ގެންގޮސް، އެ އެއްޗެހި ނައްތާލުމަށްޓަކާ ކޮތަޅުތަކުން ކުނި ނަގަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.