Roadha Mihaaru
އިންޑިއާގައި ޓޫރިސްޓަކު ގޭންގްރޭޕް ކޮށްފި

އިންޑިއާގައި ޓޫރިސްޓަކު ގޭންގްރޭޕް ކޮށްފި

05 މާޗް 2024

ސައިކަލުގައި އެކި ތަންތަނަށް ދަތުރުކުރަމުން ދިޔަ ސްޕެއިންގެ ޓޫރިސްޓް ދެމަފިރިއަކު އިންޑިއާއަށް ގޮސް އުޅެނިކޮށް ގްރޫޕަކުން އަންހެން މީހާ ރޭޕްކުރި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޯށް އިތުރު މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ސައިކަލުގައި އެކި ތަންތަނަށް ދަތުރުކުރަމުން ދިޔަ ސްޕެއިންގެ ޓޫރިސްޓް ދެމަފިރިއަކު އިންޑިއާއަށް ގޮސް އުޅެނިކޮށް ގްރޫޕަކުން އަންހެން މީހާ ރޭޕްކުރި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޯށް އިތުރު މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އިންޑިއާގެ އިރުމަތީ ޖަރްކަންދު ސްޓޭޓްގެ ދުމްކާ ޑިސްޓްރިކްޓްގައި އަންހެން މީހާ ރޭޕްކުރީ ދެމަފިރިން ކޭމްޕްކޮށްގެން ތިބި ތަނުން އަންހެން މީހާއަށް ހަމަލާ ދީގެންނެވެ. މިކަމުގައި ހަތް މީހަކު ބައިވެރިވި ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.

"ބާކީ ތިބި ޝައްކު ކުރެވޭ މީހުން ހޯދުމަށް ހާއްސަ ޓީމެއް މިހާރު ވަނީ އެކުލަވާލާފައި،" ސަރަހައްދީ ފުލުހުންގެ އިސް އޮފިސަރު ޕިޓަމްބަރު ސިންގް ޚެރްވާރު އޭއެފްޕީއަށް ވިދާޅުވި އެވެ.

ހުކުރު ދުވަހު ވަނީ ތުހުމަތު ކުރެވޭ ތިން މީހަކު އަތުލައިގަނެ މޫނު ފޮރުވައިގެން ކޯޓަށް ހާޒިރުކޮށްފަ އެވެ. އެ މީހުން ކޯޓަށް ގެންދިޔައިރު ތިބީ އުނަގަނޑުގައި ވާ ޖަހައި އައްސައިފަ އެވެ. މި މީހުންގެ ބަންދު ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.

ޝިކާރައަކަށްވި ސްޕެއިންގެ އަންހެން މީހާ އާއި އޭނާގެ ފިރިމީހާ ވެސް އޭރު ކޯޓުގައި ހާޒިރުވެ ތިއްބެވެ.

ޚަރްވާރު ވިދާޅުވީ ހަމަލާ ދިން ސަރަހައްދުން ހެކި ހޯދުމަށް ފޮރެންސިކް އޮފިސަރުން ހިމެނޭ ހާއްސަ ޓީމެއް އެކުލަވާލާފައިވާއިރު، އިތުރު ޓީމަކުން، ޝައްކުކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު އިންޑިއާގައި އެވްރެޖްކޮށް ރޭޕްގެ 90 މައްސަލަ ކޮންމެ ދުވަހަކު ރިޕޯޓްކުރެ އެވެ. މިފަދަ މައްސަލަތަކުގެ ވާހަކަ ދެއްކުން ލަދުވެތި ކަމެއްގެ ގޮތުގައި ދެކޭތީ އާއި ތަހުގީގުގައި ފުލުހުންނަށް އިތުބާރު ނޯންނާތީ ހުށަނާޅާ މައްސަލަތައް ވެސް ވަރަށް ގިނަ އެވެ.

ރޭޕްގެ މައްސަލަތަކުގައި ކުށް ސާބިތުވުން އިންޑިއާގައި ވަރަށް މަދެވެ. އަދި މިފަދަ މައްސަލަތައް ނުނިމި ދިގުލައިގެންދެ އެވެ.

އިންޑިއާގެ ދަރިވަރަކު ގޭންގު ރޭޕްކޮށް މަރާލި މައްސަލައަކުން 2012 ވަނަ އަހަރު މުޅި ދުނިޔެ ސިހުނެވެ. ވެހިކަލެއްގެ ތެރޭ އެ ދަރިވަރު ރޭޕްކޮށް ޖިންސީ އަދި ޖިސްމާނީ ލާއިންސާނީ އެތައް އަނިޔާއެއް ކުރުމަށް ފަހު މަގުމައްޗަށް އެއްލައިލި ލާއިންސާނީ އަމަލާ އެކު ރޭޕްގެ ކުށަށް އިންޑިއާގައި މަރުގެ އަދަބު ދޭ ގޮތަށް ގާނޫނު ބަދަލު ވެސް ކުރި އެވެ. --އޭއެފްޕީ