Roadha Mihaaru
"ގަމަކީ ސިއްހީ ގޮތުން ވަރުގަދަ ނާރެހަކަށް ހަދާނަން''

ސިއްހީ ގޮތުން ވަރުގަދަ ނާރެހަކަށް ގަން ހަދައިދޭނަން: ރައީސް

12 އެޕްރީލް 2024

މި ދައުރުގެ ތެރޭގައި ލ. ގަމަކީ ސިއްހީ ގޮތުން ވަރުގަދަ ނާރެހަކަށް ހަދައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މި ދައުރުގެ ތެރޭގައި ލ. ގަމަކީ ސިއްހީ ގޮތުން ވަރުގަދަ ނާރެހަކަށް ހަދައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ލ. ގަމުގައި އެ ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގައި އެންމެ މަތީ ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލް ތަރައްގީކުރަން ނިންމާފައިވާ އެއް ރަށަކީ ގަން ކަމަށާއި އެ ސިޔާސަތުގެ ދަށުން ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގައި ނަފްސާނީ މައްސަލަތަކަކީ އަޅާނުލެވި އޮތުމުގެ ސަބަބުން ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި އެހެންވެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވާނީ އިންޓަނޭޝަނަލް ފެންވަރުގެ މެންޓަލް ހޮސްޕިޓަލެއް ގާއިމުކުރެއްވުމަށް ވައުދުވެވަޑައިގެންފައި ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންވެ, ގަމުގައި އެ ހޮސްޕިޓަލް އަޅުއްވަައިދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

"އެ ފެންވަރަށް ތަރައްގީކުރުމަކީ އަޅުގަނޑުމެން ކަނޑައަޅާފައި އޮތް ގޮތް. ހަމައެއާ އެކު އިންޓަނޭޝަނަލް މެންޓަލް ހޮސްޕިޓަލެއް ގާއިމުކުރުމަށް ވައުދުވިން. ރާއްޖޭގައި ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް، އަޅާނުލުމުގެ ސަބަބުން މި މައްސަލަ ވަނީ ބޮޑުވެފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ލ. އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން ދާއިރު މެންޓަލް ހޮސްޕިޓަލް ތަރައްްގީކުރާނީ މެޑިކަލް ޓޫރިޒަމާ ވެސް ގުޅުވޭނެ ގޮތަކަށެވެ.

"އަޅުގަނޑުމެންގެ ވިސްނުން ހުރީ އޭގެ ތެރެއިން މެޑިކަލް ޓޫރިޒަމަށް ހުޅުވާލައިގެން، މިއަތޮޅަކީ ޓޫރިޒަމް ވަރަށް ބޮޑަށް ގެނެވޭނެ އަތޮޅަކަށް ވާތީ މެންޓަލް ހޮސްޕިޓަލާ ގުޅުވާލައިގެން ކުރިއަށް ގެންދަން ނިންމާފައި މި އޮތީ،"

ސިއްހީ ގޮތުން ވަރުގަދަ ތަނަކަށް ގަން ހެދުމަށް މަސައްކަތް ކުރާއިރު ރައީސް ވިދާޅުވީ ތަރައްގީގެ އެ މަޝްރޫއުތަކަށް އަމަލީ ސިފަ ގެނެސްދެއްވާނެ ކަމަށެވެ. އަދި ލ. އަތޮޅުވާނީ ވަރަށް މުހިއްމު ތަނަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާތަނަށް މި އަތޮޅަށް ތަރައްގީ ގެނެސްފައި ނެތް މިންވަރަށް އެމަނިކުފާނުގެ ސަރުކާރުން ތަރައްގީ ގެނެސްދެއްވާނެ އެވެ.

އެ ޖަލްސާގައި ރައީސް ވިދާޅުވީ ގަމަކީ ބިން ބޮޑު ރަށަކަށް ވިޔަސް އެ ބިމުގެ ބޭނުން އެންމެ ބޭނުންތެރި ގޮތަށް ތަރައްގީކޮށްފައި ނުވާ ކަމަށެވެ. އެހެންވެ މިހާރު އަމާޒު ހިފާފައި ހުރީ އެ ތަރައްގީ މި އަތޮޅަށް ގެނެސް ދެއްވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ގަމަކީ ވެސް ބޯހިޔާވަހިކަމުގެ މައްސަލަ ދިމާވެފައިވާ ރަށަކަށްވާތީ މިހާރު ވެސް 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރާ ކަމަށާއި އެކަމަކު އެއީ މި ރަށަށް ފުދޭ މިންވަރު ނޫން ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ ސަރުކާރުން ފަސް އަހަރުގެ ތެރޭގައި 40،000 ހައުސިން ޔުނިޓް އެޅުމަށް ކުރާ މަސައްކަތުގައި އެ ރަށުގެ އަދަދު އިތުރުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ގަމުން މީގެ އަހަރުތަކެއް ކުރިން ދޫކޮށްފައިވާ ގޯތިތަކުގެ ސައިޒް ބޮޑުކޮށްދޭން ރަށުގެ ރައްޔިތުން ކައުންސިލުގައި އެދިފައިވާތީ އެކަން ވެސް ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކުރުމަށް ފަހު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.