Roadha Mihaaru
ފޯރިގަދަ އީދަކަށް ވިލިނގިލި އޮތީ ތައްޔާރަށް

ފޯރިގަދަ އީދަކަށް ވިލިނގިލި އޮތީ ތައްޔާރަށް

06 ޖޫން 2024

ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ގއ. ވިލިނގިލީގައި ވަރަށް ފޯރީގައި އީދަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ގއ. ވިލިނގިލީގައި ވަރަށް ފޯރީގައި އީދަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު "މިހާރު" އަށް ވިދާޅުވީ އީދަށް ތައްޔާރުވުމުގެ ގޮތުން ވަރަށް ގިނަ ކަންކަން މިހާރު ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ. އެ ރަށުން މިފަހަރުގެ އީދަށް ކަނޑައަޅާފައިވާ ޝިއާރަކީ "އެންމެނޭ ރަޓަށް" ކަމަށް އޭނާ ވިދާޅުވި އެވެ.

ވިޝާމް ވިދާޅުވި ގޮތުގައި، ކޫއްޑޫ ފިޝަރީޒްގައި މަސައްކަތް ކުރާ މުވައްޒަފުން އަންނަނީ އެ ރަށުގައި މަރިޔާދުގެއެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރަށުގެ ޒުވާނުން އީދު ބަޑި ހެދުމަށް ފަން ހޮވުމުގެ މަސައްކަތް ވެސް ވަރަށް ފޯރީގައި ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ގއ. ވިލިނގިލީގައި ގައުމީ ފެންވަރުގައި އީދު ފާހަގަކުރުމަށް ތައްޔާރުވުމުގެ ގޮތުން އީދު ބަޑި ހަދަނީ.-- ފޮޓޯ: ވިލިނގިލި ކައުންސިލް

ގއ. ވިލިނގިލީގައި ގައުމީ ފެންވަރުގައި އީދު ފާހަގަކުރުމަށް ތައްޔާރުވުމުގެ ގޮތުން އީދު ބަޑި ހަދަނީ.-- ފޮޓޯ: ވިލިނގިލި ކައުންސިލް

މުޅި އަތޮޅަށް އަމާޒުކޮށްގެން ބާއްވަން ހަމަޖެހިފައިވާ "ކުރުފަލި" މުބާރާތަށް މީހުން ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މި މުބާރާތުގައި އެއްވަނަ، ދެވަނަ އަދި ތިންވަނަ ވެސް ހޮވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރުފަލި މުބާރާތަކީ މުޅި އަތޮޅު އެންމެނަށް ހާއްސަކޮށްގެން ބާއްވާ މުބާރާތެއް. އަތޮޅުތެރޭގައި އެންމެން އެއްބައިވެ، އެކުވެރިކަން އާލާކުރުމަށް ކުރާ ކަމެއްގެ ގޮތުގައި މިކަން އަޅުގަނޑުމެން މި ކުރަނީ: ވިޝާލް

ކުރުފަލި މުބާރާތަކީ އަތޮޅު އެންމެންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ރަށުގެ ހަތަރު އަވަށުން ޕެރޭޑް ކުޅުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިޝާމް ވިދާޅުވީ ވިލިނގިލީގެ އެންމެންނަށް ހާއްސަކޮށްގެން "މަސްރޭސް" އެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މަސްރޭހުގައި ވެސް އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވައި އެންމެ ބޮޑު މަސް ބާނާ ޓީމަކަށް އަގުހުރި އިނާމުތަކެއް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގއ. ވިލިނގިލީގައި ގައުމީ ފެންވަރުގައި އީދު ފާހަގަކުރުމަށް ތައްޔާރުވުމުގެ ގޮތުން ބަނދަރުމަތީގައި ހުރި ހަޓުތަކުގެ އާބާތުރަފިލުވަނީ.-- ފޮޓޯ: ވިލިނގިލި ކައުންސިލް

ގއ. ވިލިނގިލީގައި ގައުމީ ފެންވަރުގައި އީދު ފާހަގަކުރުމަށް ތައްޔާރުވުމުގެ ގޮތުން ބަނދަރުމަތީގައި ހުރި ހަޓުތަކުގެ އާބާތުރަފިލުވަނީ.-- ފޮޓޯ: ވިލިނގިލި ކައުންސިލް

މަސްރޭހުގައި ބައިވެރިވުމަށް ޖެހޭނީ ޓީމުތަކެއް ހަދައިގެން ކައުންސިލަށް ފޯމު ހުށަހަޅާށެވެ.

ވިލިގިނލީގައި އީދުގެ ކުޅިވަރުތައް ފެށޭނީ އީދު ވިލޭރޭ އޮންނަ އީދު ބަޑިއަށް ފަހު، ހަވާ އެރުވުމާ އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އީދުގެ ހަރަކާތްތައް އިންތިޒާމުކުރުމުގައި ރަށުގެ ކުދިބޮޑު އެންމެން ވެސް އުޅެނީ ވަރަށް ޖޯޝާއި ފޯރީގައި. ވަރަށް އުފާވޭ އެންމެން އެކަތި ގަނޑަކަށްވެ، މިކަމުގައި ޝާމިލުވާތީ،" އޭނާ ވިދާޅުވި އެވެ.