Roadha Mihaaru
ރަތް ކަނޑުގައި އިއްޔެ ވެސް ބޯޓަކަށް ހަމަލާދީފި

ރަތް ކަނޑުގައި އިއްޔެ ވެސް ބޯޓަކަށް ހަމަލާދީފި

13 ޖޫން 2024

ޔަމަންގެ ހޫތީން ދިން ކަމަށް ބެލެވޭ ހަމަލާއެއް އިއްޔެ ވެސް ރަތް ކަނޑުން ދަތުރުކުރި ކާގޯ ބޯޓަކަށް އަމާޒުވެއްޖެ އެވެ.

ޔަމަންގެ ހޫތީން ދިން ކަމަށް ބެލެވޭ ހަމަލާއެއް އިއްޔެ ވެސް ރަތް ކަނޑުން ދަތުރުކުރި ކާގޯ ބޯޓަކަށް އަމާޒުވެއްޖެ އެވެ.

މެރިޓައިމް ސެކިއުރިޓީ ފާމް އަމްބްރޭ އިން ބުނީ ބޯޓަށް ހަމަލާދީފައިވަނީ ޔަމަންގައި ހޫތީންގެ ބާރުގެ ދަށުގައި އޮންނަ ހުދައިދާ ބަނދަރުގެ ހުޅަނގު ދެކުނުން 68 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

ބްރިޓިޝް ރޯޔަލް ނޭވީން ހިންގާ ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އިން ބުނީ ހަމަލާ އަމާޒުވީ ބޯޓުގެ ކޮޅުފަސްކޮޅަށް ކަމަށެވެ. މި ހަމަލާ ދިނީ ހުދައިދާއާ 66 ނޯޓިކަލް މޭލު ބޭރުގައި އުޅުނު ކުދި އުޅަނދުތަކަކުން ކަމަށް ވެސް ބުންޏެވެ.

އެ ބޯޓަށް ދެ ވަނަ ފަހަރަށް ވެސް ވައިގެ މަގުން ހަމަލާއެއް އަމާޒުވި ކަމަށާއި މިހާރު އަސްކަރިއްޔާއިން ގެންދަނީ ބޯޓަށް އެހީވަމުން ކަމަށް އެ އިދާރާއިން ނެރުނު ބަޔާނުގައި ބުންޏެވެ.

ހޫތީން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އުޅަނދުތަކަށް ހަމަލާ ދެމުން ގެންދަނީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދޭ ހަމަލާތަކުގެ ބަދަލު ހިފުމަށް ކަމަށް ބުނެ އެވެ. ހޫތީން ބުނާ ގޮތުގައި ހަމަލާތައް އަމާޒުކުރަނީ އިޒްރޭލުގެ މުދާ އުފުލާ ބޯޓުތަކާއި އެކި ގޮތްގޮތުން އިޒްރޭލާ ގުޅުން އޮންނަ ބޯޓުތަކަށެވެ.

ބޮޑެތި ޝިޕިން ކުންފުނިތަކުން ވަނީ ބައިނަލްއަގުވާމީ ވިޔަފާރީގެ 12 ޕަސެންޓް މުދާ އުފުލާ ކަމަށް އަންދާޒާކުރެވޭ ރަތްކަނޑުން ދަތުރުކުރުން، ހޫތީންގެ ހަމަލާތަކާ ހެދި ސަސްޕެންޑްކޮށް އެތައް ހާސް މޭލެއް ދުރުން އެފްރިކާ ބައްރު ވަށާލައި ދަތުރުކުރަން ފަށައިފަ އެވެ. އެ ސަބަބާ ހެދި މުދާ އުފުލުމުގެ އަގު ވަނީ ވަރަށް ބޮޑުވެފަ އެވެ. -- އޭއެފްޕީ