Roadha Mihaaru
ދުބާއީގައި ފެން ހިންދަން 8 ބިލިއަން ޑޮލަރު ހޭދަކުރަނީ

ދުބާއީގައި ފެން ހިންދަން 8 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް

25 ޖޫން 2024

ދުބާއީގައި މީގެ ދެ މަސް ކުރިން އާދަޔާ ހިލާފަށް ފެން ބޮޑުވި ހާދިސާ އަށް ފަހު އެ މައްސަލަ ހައްލުކުރުމަށް 8 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށަން އިއްޔެ އިއުލާނުކޮށްފި އެވެ.

ދުބާއީގައި މީގެ ދެ މަސް ކުރިން އާދަޔާ ހިލާފަށް ފެން ބޮޑުވި ހާދިސާ އަށް ފަހު އެ މައްސަލަ ހައްލުކުރުމަށް 8 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށަން އިއްޔެ އިއުލާނުކޮށްފި އެވެ.

ދުބާއީގެ ވެރިޔާ ޝައިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް ސޯޝަލް މީޑިއާގައި އިއުލާނުކުރެއްވި ގޮތުގައި މި މަޝްރޫއު ވަގުތުން ފަށާނެ އެވެ. ނިންމަން ކަނޑައަޅާފައިވަނީ 2033 ވަނަ އަހަރުގެ ނިޔަލަށެވެ.

"މި ނިޒާމުގައި ދުބާއީގެ ހުރިހާ ސަރަހައްދެއް ވެސް ހިމެނޭނެ. މިއީ ދުވާލަކު 20 މިލިއަން ކިއުބިކް މީޓަރަށް ވުރެ ގިނަ ފެން ހިންދޭނެ ނިޒާމެއް،" ޝައިޚް މުހައްމަދު ވިދާޅުވެފައިވެ އެވެ.

މިއީ ދުބާއީ ހިމެނޭ ސަރަހައްދުގައި މިހާތަނަށް ހިންގާ މިފަދަ އެންމެ ބޮޑު މަޝްރޫއުކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މި ނިޒާމާ އެކު މުޅި ޔުނައިޓެޑް އަރަބި އެމިރޭޓްސްގައި، ފެން ހިންދުމުގެ ގާބިލްކަން 700 ޕަސެންޓް އިތުރުވެގެންދާނެ ކަމަށެވެ. އަދި މިއީ މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ތައްޔާރުވެ ތިބުމަށް މުހިންމު މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.

މިދިޔަ އޭޕްރީލް 16 ވަނަ ދުވަހު ޔޫއޭއީ އަށް ބޯކޮށް ވާރޭ ވެހި މަގުތައް ބޮޑެތި ކޯރުތަކަށްވެ ގޭގެ އާއި އެކި އިމާރާތްތަކަށް ފެން ވަދެ ބޮޑެތި ގެއްލުންތައް ވެފައި ވާއިރު މުޅި ދުނިޔޭގައި ވެސް އިންޓަނޭޝަނަލް ފަސިންޖަރުން އެންމެ ގިނައިން ބޭނުންކުރާ ދުބާއީ އެއާޕޯޓް ވެސް ހުއްޓުމަކަށް ގެނުވި އެވެ.

އެއީ މީގެ 75 އަހަރު ކުރިން ރެކޯޑްތައް ބަލަހައްޓަން ފެށި ފަހުން ދުބާއީ އަށް އެންމެ ގިނައިން ވާރޭ ވެހުނު ފަހަރެވެ. -- އޭއެފްޕީ