Roadha Mihaaru
"މިފްކޯއަށް ސަރުކާރުން މަހަކު 25 މިލިއަން ބޭނުންވޭ"

މަހުގެ އަގު އަދިވެސް ސަބްސިޑީ ރޭޓުގައި، މަހަކު 25 މިލިއަން ބޭނުންވޭ: މިފްކޯ

01 ޖުލައި 2024

މަހުގެ އަގު 16ރ. ގައި ހުރި ނަމަވެސް، މިފްކޯއަށް އެ އަގަށް ވިއްކޭނީ ކޮންމެ މަހަކު 20-25 މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދެއް ސަރުކާރުން އެ ކުންފުންޏަށް ދީގެން ކަމަށް އެ ކުންފުނީގެ ސީއެފްއޯ އިލްޔާސް ހަނީފު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މަހުގެ އަގު 16ރ. ގައި ހުރި ނަމަވެސް، މިފްކޯއަށް އެ އަގަށް ވިއްކޭނީ ކޮންމެ މަހަކު 20-25 މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދެއް ސަރުކާރުން އެ ކުންފުންޏަށް ދީގެން ކަމަށް އެ ކުންފުނީގެ ސީއެފްއޯ އިލްޔާސް ހަނީފު މިއަދު ވިދާޅުވެއްޖެ އެވެ.

މިފްކޯގެ ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި އިލްޔާސް ވިދާޅުވީ، ފްރޯޒަން ޓޫނާ އެކްސްޕޯޓުކޮށްގެން އެ ކުންފުންޏަށް ލިބޭ އާމްދަނީ އެއްކޮށް ދެނީ މަސްވެރިންނަށް ކަމަށެވެ. ކުންފުނީގެ އެހެން ހަރަދުތައް ކުރަނީ ކުރު މުއްދަތުގެ ލޯނު ނަގައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ވެސް މިފްކޯއަށް ބޮޑު ގެއްލުމެއް ކުރިމަތިވެ އެވެ.

"ކޭޝްފްލޯގެ ދަތިތައް އަދިވެސް އެބަހުރި. ގޮންޖެހުންތަކާ އެކު މި ކުރިއަށްދަނީ. އަޅުގަނޑުމެންގެ އޯވަހެޑްގެ އެންމެ ބޮޑު އަދަދަކީ ފިއުލް ހަރަދު. ތެލުގެ އަގަށް އެ އަންނަ ބަދަލަކުން ކޮސްޓަށް ބަދަލު އަންނާނެ،" އޭނާ ވިދާޅުވި އެވެ.

މިފްކޯގެ އާ ބޯޓަށް މަސްކިރުވަން މަސްދޯންޏަކުން ދާގަނޑަށް މަސްއަޅަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިފްކޯގެ އާ ބޯޓަށް މަސްކިރުވަން މަސްދޯންޏަކުން ދާގަނޑަށް މަސްއަޅަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިލްޔާސް ވިދާޅުވީ، މިދިޔަ އަހަރަށް ވުރެ މި އަހަރު އެ ކުންފުންޏަށް ކިރުނު މަހުގެ އަދަދު 40 ޕަސެންޓް ދަށް ކަމަށެވެ. ކުންފުނީގެ ހާލަތު ރަނގަޅު ކުރެވޭނީ، އާމްދަނީ ހޯދޭނެ ގޮތްތައް އިތުރުކޮށް، ހިންގުމުގެ ހަރަދުތައް ކުޑަކޮށްގެން ކޮށްގެން ކަމަށެވެ.

ބާޒާރުގައި މަހުގެ އަގު ހުރި ގޮތުން އެ ކުންފުންޏަށް ގެއްލުން ނުވާ ރޭޓަކީ ކިލޯއެއް 12ރ. އަށް ގަތުމެވެ. އެއަށް ވުރެ އިތުރުވާ އަދަދު ދެނީ ސަރުކާރުންނެވެ.

ސަރުކާރުން މިފްކޯއަށް އަހަރުގެ މިހާތަނަށް 353 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 415 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ ބާކީ އޮތް ދުވަސްތަކަށް މަހަކަށް 25 މިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ދޭ ނަމަ ޖުމްލަ 150 މިލިއަން ރުފިޔާ އިތުރަށް ސަބްސިޑީގެ ގޮތުގައި ދޭން ޖެހެ އެވެ.

މިފްކޯއަށް ދައުލަތުން މިއަހަރުގެ މިހާތަނަށް 1.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އޭގެ ތެރެއިން ކިލޯއެއް 20ރ. އަށް ދޭން ފެށި ފަހުން ވެސް 560 މިލިއަން ރުފިޔާ ސަބްސިޑީއަށް އަރާފައިވެ އެވެ.